ރައްޔިތުންގެ މަޖިލިސް

ރިޔާސީ ބަޔާނަށް ޖަވާބު ދިނުން ބުދަ ދުވަހު

Feb 22, 2021

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަހަރު މަޖިލީސް ހުޅުވައި ދެއްވަމުން ދެއްވި ރިޔާސީ ބަޔާނަށް މަޖިލިހުގެ މައިނޯރިޓީ ލީޑަރު ޖަވާބުދެއްވުން އަންނަ ބުދަދުވަހު އޮންނާނެ އެވެ.

މައިނޯރިޓީ ލީޑަރަކީ އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީ (ޕީއެންސީ)ގެ ގުޅިފައިވާ ޕާލިމަންޓަރީ ގުރޫޕްގެ ލީޑަރު، ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާ މެންބަރު އަހުމަދު ސަލީމެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ ރިޔާސީ ބަޔާނަށް ޖަވާބު އެރުވުން އަންނަ ބުދަ ދުވަހަށް އެޖެންޑާ ކޮށްފައިވާ ކަމަށާއި ސަރުކާރަށް ތާއީދު ކުރާ މެންބަރުން އެ ވަގުތު މަޑުމައިތިރިކޮށް ތިއްބެވުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ.

ގަވައިދު ބުނާ ގޮތުން ރިޔާސީ ބަޔާން އިއްވެވުމުން 14 ދުވަހުގެ ތެރޭގައި ރައްޔިތުން މަޖިލިހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ރައީސް ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ފިޔަވައި އެންމެ މެންބަރުން ގިނަ ޕާޓީން ރިޔާސީ ބަޔާނަށް ޖަވާބުދޭން ޖެހެ އެވެ.

މިއަހަރު ރިޔާސީ ބަޔާން ރައީސް ދެއްވުމުން އިދިކޮޅުން ބުނެފައި ވަނީ ރައީސް ސޯލިިގެ ތިންވަނަ ރިޔާސީ ބަޔާނަކީ އަމާޒެއް ނެތް ހުސް ވާހަކަތަކެއް ކަމަށެވެ.