އޭދަފުށި

އޭދަފުއްޓަށް ބަދަލުކުރި ކުދިންގެ އުޅުން ގޯސްވެގެން ކަންބޮޑުވުން ފާޅުކޮށްފި

ދައުލަތުގެ ބެލުމުގެ ދަށުގައި ތިިބި ކުދިންގެ ތެރެއިން ބ. އޭދަފުއްޓަށް ބަދަލުކުރި ކުދިންގެ އުޅުން ގޯސްވެގެން އެރަށުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވިލިމާލެއާއި ހުޅުމާލެ ފިޔަވަތީގައި ދިރިއުޅެމުން ދިޔަ 17 ކުއްޖަަކު އޭދަފުށީގައި ގާއިމްކުރި " އަމާން ވެށި" އަށް ބަދަލުކުރީ މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު އެވެ. އެ ބަދަލަކީ އޭދަފުށީ އިޖުތިމާއީ އަދި އާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ގެނައި ބަދަލެއްކަމަށް ޖެންޑާ މިނިސްޓްރީ ވަނީ ބުނެފަ އެވެ.

އޭދަފުށީ ކައުންސިލް މެމްބަރު ހައްވާ ސަމީހާ ވިދާޅުވީ ހިޔާގައި ތިބޭ ކުދިން ރޭގަނޑު މާ ލަސްވަންދެން ބޭރުގައި އުުޅުމުގެ މައްސަލަތައް ފާހަގަވެފައިވާ ކަމަށެވެ.

އޭގެ އިތުރުން އެ ކުދިން ދިރިއުޅޭ އިމާރާތުގެ ބިއްލޫރިތައް ތަޅާލުން ފަދަ ކަންތައްތަކާއި ބޭ އަދަބީ ބަސްތައް ބޭނުންކުރުން ފަދަ ޝަކުވާތައް މިހާރު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް ސަމީހާ ވިދާޅުވި އެވެ.

އޭދަފުށީގެ އިތުރުން އަމާން ވެށި ސެންޓަރުތައް ށ. ފުނަދޫއާއި ފުވައްމުލަކު ސިޓީގައިވެސް ގާއިމްކޮށްފައި ވެއެވެ. އަދި އިތުރު ދެ ސަރަހައްދެއްގައި އަމާން ވެށި ސެންޓަރުތައް ހުޅުވުމަށް ޖެންޑާއިން ވަނީ ނިންމާފަ އެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ނަގައިގެން މާލޭގައި ހުންނަ މަރުކަޒުތަކުގައި ގެންގުޅޭ ކުދިންގެ އެތައް މައްސަލަތަކެއް މީގެ
ކުރިން ފެންމަތިވެފައި ވެއެވެ. އޭގެ ތެރޭގައި ފިލައިގެން ދިއުން ފަދަ މައްސަލަތައް ހިމެނެ އެވެ.