ބޮލީވުޑް

ޝާހިދު އާ ޒުވާބުކޮށްގެން އަބަދުވެސް މޮޅުވަނީ އަހަރެން: މީރާ

ކައިވެނި ކޮށްގެން އުޅޭ ކޮންމެ ދެމަފިރިއަކު ފަދައިން ޝާހިދު ކަޕޫރާއި އަންހެނުން މީރާ ކަޕޫރު ވެސް ވަރަށް އަރާރުން ވެއެވެ. ނަމަވެސް މީރާ ބުނަނީ ކުރާ ކޮންމެ ޒުވާބަކުން ވެސް މޮޅުވަނީ އޭނާ ކަމަށެވެ. މީރާ މިހެން ބުނީ އިންސްޓަގްރާމްގައި އޭނާ ކުރިއަށް ގެންދިޔަ "އާސްކް މީ އެނީތިން" ސެޝަނެއްގައި ފޭނަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. އޭނާ އެހީ ދެ މީހުން ދެބަސްވާން ޖެހޭ ކަންކަމުގައި ޒުވާބުކޮށް އެންމެ ފަހުން މޮޅުވަނީ ކާކުތޯ އެވެ؟ ޖަވާބުގައި މީރާ ވެސް ކުރީ ސުވާލެކެވެ. "އެހެން ދެން ކާކު މޮޅު ވާނީ؟"

ޝާހިދުގެ ހުންނަ އެންމެ ހިތްހަމަ ނުޖެހޭ އެއް ސިފައަކީ ކޮބައިތޯ އާއި އެންމެ ލޯބިވާ އެއް ސިފަ އަކީ ކޮބައިތޯ މީރާ ކުރެން އެހެން ފޭނަކު ސުވާލު ކުރިއެވެ. ޖަވާބުގައި މީރާ ބުނީ ޝާހިދު ފޮނުވާ މެސެޖުތަކުގައި ކުށް ގިނަ ކަމުން ކަމަށެވެ.

"ބައެއް ފަހަރު މަށަކަށް ނޭނގެ އޭނާ އެ ބުނަނީ ކީކޭ ކަމެއް ވެސް. ނަމަވެސް އެގޮތަށް އަބަދު ފޮނުވާ ފޮނުވާ މިހާރު އޭނާ ބުނަން އުޅޭ އެއްޗެއް ވިސްނެން ފަށައިފި،" މީރާ ބުންޏެވެ. އޭނާ އިތުރަށް ބުނީ ޝާހިދުގެ ކިބައިގައިހުރީ ހުސް އޭނާ ލޯބިވާ ސިފަތައް ކަމަށެވެ.

ދެ ދަރިން މިޝާ އާއި ޒެއިން ވިހެއުމަށް ފަހު މާ ގިނަ ދުވަސްތަކެއް ނުވެ މީރާ ވަނީ ބަރުދަން ލުއިކޮށް ލޫޅާފަތިވެފަ އެވެ. އެހާ ފަސޭހައިން ހިކުނީ ކިހިނެއްތޯ ވެސް ފޭނަކު ސުވާލު ކުރި އެވެ. މީރާ ބުނީ އެއީ އޭނާ ކައިރީ ވަރަށް ގިނަ ބަޔަކު އަހާ ސުވާލެއް ކަމަށެވެ.

"ވަރަށް ލަސް ލަހުން އެކަން ކުރީ. އެކަމަށް ވަގުތު ނެގި. އެކަށީގެންވާ ކާނާ އެކަށީގެންވާ މިންވަރަށް ކައިގެން ކަސްރަތު ކޮށްގެން ހިކުނީ،" މީރާ ބުންޏެވެ.

އޭނާގެ ފޭވަރިޓް ފެމެލީ މެމްބަރަކީ ކާކުތޯ ސުވާލު ކުރުމުން މިރާ ބުނި އޭނާގެ ބައްޕަ ކަމަށެވެ.

"އަހަރެންގެ ދައްތަމެންނާއި މަންމަ އަދި ދެ ދަރިންނާއި ފިރިމީހާ އަކީ ވެސް އަހަރެންގެ ފޭވަރިޓުން. ނަމަވެސް ހުރިހާ އެންމެންގެ ތެރެއިން ވެސް އެންމެ ފޭވަރިޓީ ބައްޕަ. ބައްޕަ ދެކެ ވަރަށް ލޯބިވޭ،" މީރާ ބުންޏެވެ.

ޝާހިދު ތަންކޮލެއް ކުރިން ބައިވެރިވި "ނޯ ފިލްޓާ ނެހާ" ކިޔާ ޝޯއެއްގައި ވާހަކަ ދައްކަމުން އޭނާ ވެސް ވަނީ މީރާ އާއި ކުރާ ޒުވާބުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކާފަ އެވެ. ޝާހިދު ބުނީ ކޮންމެ ދުވަހަކު ވެސް ކޮންމެ ކަމަކާ ވެސް އޭނާ އާއި މީރާ ޒުވާބު ކުރާ ކަމަށެވެ.

"އަހަރެމެން ދެމީހުންނަކީ ވަރަށް ޚިޔާލު ތަފާތުވުން ބޮޑު ދެ މީހުން. ކޮންމެ ކަމެއްގައި ވެސް ދެ މީހުންނަށް ގަބޫލު ކުރެވޭނީ ދިމާ އިދިކޮޅަށް. އެހެންވީމާ ވަރަށް ގަދަޔަށް ޒުވާބުކުރަން ޖެހޭ. އަހަންނަށް ހީވަނީ އެއީ ވެސް ރަނގަޅަކަށް ވާކަމެއް ހެން. ދެ މީހުންގެ ހުރި އުނި ސިފަތައް އިހްސާސްވެ އެކަންކަން ރަނގަޅުކުރަން މިގޮތަށް ކުރާ ޒުވާބުން އެހީތެރިވޭ،' ޝާހިދު ބުނެފައި ވެއެވެ.