(21 ފެބްރުއަރީ 2021 އާ ގުޅޭ)
"ރީން..." މިދުހަތުގެ މޫނުގައިވީ ހައިރާން ކަމެވެ. އެހިސާބަށް އަރީނަށް އަންނަން އެނގުނު ގޮތެއް ނޭނގިފައެވެ. ދޮރުފަތުގައި ހިފަހައްޓާލައިގެން އަރީނަށް ބަލަން މިދުހަތަށް ހުރެވުނީ އެވެ.
"ސޮރީ..." މިދުހަތު ބަލަން ހުރިގޮތުން އަރީން ޖެހިލުންވީއެވެ. އޭނާ އެތަނުން ދިއުމަށް އެނބުރިލިއެވެ.
"ރީން... މަޑުކޮށްބަލަ..." އެޕާޓްމެންޓުން ނުކުމެ މިދުހަތު ނިކަން އަވަހަށް ގޮވާލިއެވެ. ހަލުވިކޮށް ދާން އުޅުނު އަރީން ހުއްޓުވިއެވެ.
"ރަނގަޅު ކަމެއްނޫން." އިސްޖެހިފައި އަރީން ހުރީ މިދުހަތަށް ބަލާލަން ނުކެރިގެންނެވެ. ނަމްޒާ އުޅޭ ބައިގަ އޭނާގެ އިންތިޒާރުގައި ޝެހެނާޒު އިންނާނެކަން އެނގެ އެވެ. މިދުހަތު ދުށުމަށް ބޭނުންވެފައި ހުރި ވަރުން އެހިސާބަށް އާދެވުނީއެވެ. ނަމަވެސް މިހާރު އޭނާއަށް ވިސްނެނީ ކުރެވުނީ ރަނގަޅު ކަމެއްނޫން ކަމެވެ. އަމިއްލަ ޟަމީރު ވެސް އެ ޚިޔާލާ އެއްބަސްވެލީ ނުހަނު އަވަހަށެވެ. މިދުހަތު އުޅޭ ބައިގެ ބެލް އަޅާލީ ވެސް ތެޅިތެޅި އޮތް ހިތަކާ އެކުއެވެ. ދެ ޚިޔާލެއްގައި ހުރެމެއެވެ.
"އަހަރެން ފެނުނީމަ ޚިޔާލު ބަދަލުވީތަ؟" މިދުހަތު ސުވާލު ކުރިއެވެ. އަރީން ޖަވާބެއް ނުދިނެވެ. މިދުހަތުގެ ނަޒަރު އަރީންގެ ރޫފައަށް ހުއްޓިލި އެވެ. އޭނާގެ ފައިންފެށިގެން ބޮލަށް އަދި ބޮލުން ފެށިގެން ފަޔަށް މިދުހަތުގެ ނަޒަރު ދަތުރުކޮށްލިއެވެ. އޭނާއަށް ވެސް އަރީން އެ ފެނުނީ އަހަރުތަކެއް ފަހުންނެވެ. އިހުނަށްވުރެ ވެސް އަރީންގެ ރީތިކަން އިތުރުވެއްޖެޔޭ މިދުހަތުގެ ހިތަށް އެރިއެވެ.
"އެތެރެއަށް ނުވަންނާނަންތަ؟" މިދުހަތު އަހާލި އެވެ. އަރީންގެ ނަޒަރު މިދުހަތާ އަމާޒުވެލި އެވެ. މިފަހަރު މިދުހަތު ބޮލުން ވެސް އިޝާރާތްކޮށްލީ އަންނާށޭ ބުނާ ފަދައިންނެވެ. ސިކުނޑީގައި ގޮތެއް ނުނިންމުނަސް އަރީންގެ ފައިތިލަ ހަރަކާތް ކޮށްފި އެވެ. މިދުހަތުގެ ފަހަތުން އޭނާއާއެކު އައިސް އެޕާޓްމެންޓަށް ވަނެވެ.
ދޮރުލައްޕާލުމާއެކު މިދުހަތު އިޝާރާތް ކުރީ ސޯފާތަކާ ދިމާއަށެވެ. އަރީން ގާތު އިށީންނަން އޭނާ ބުންޏެވެ. އިސްތަށިގަނޑުގައި އަތްފުނާ އަޅާލަމުން މިދުހަތު އަހާލީ ޖޫސް ބޯނަންތޯ އެވެ. އެގޭގައި އިތުރު އެއްޗެއް ނެތްކަމެވެ. އަރީން ނިކަން އަވަހަށް ނޫނެކޭ ބުންޏެވެ. އޭނާގެ ވައަތް ފަރާތުގައި ހުރި ގޮނޑީގައި މިދުހަތު އިށީނީ ދެނެވެ. އިރުކޮޅަކު އަރީންއަށް ބަލަން އިނދެފައި އޭނާ ހީނލިއެވެ. ކޮންމެވެސް އެއްޗެއް އޭނާގެ ހިތަށް އެރީކަން ގައިމެވެ.
"ކިހިނެއްތަ؟" ހިނިއައިސްފައި އިނދެ މިދުހަތު އަހާލި އެވެ. އަރީންގެ ނަޒަރު މެދުގައި ހުރި ކޮފީ މޭޒަށް އަމާޒުވެލި އެވެ. އޭގެ މަތީ ހުރި ޖޫސްޕެކެޓާއި ކަޕްނޫޑުލިސް ތަށި އޭނާއަށް ފެނުނެވެ.
"ރަނގަޅު، އެކަނިތަ އުޅެނީ؟" އަރީން އަހާލި އެވެ. މިދުހަތު ހޫން ލައްވާލި އެވެ.
"ކިހިނެއް އެނގުނީ މިގެއަށް އަންނަން؟" ނުކުރަން އިނދެފައި ވެސް މިދުހަތު އެ ސުވާލު ކޮށްފި އެވެ.
"މިގޭގަ ފްރެންޑެއް އުޅޭނެ، އޭނާ ބުނީމަ ޔަގީންކޮށްލަން އައީ... މާލެ އަތުވެދާނެކަން ޤަބޫލެއް ނުކުރެވޭ... ކިހިނެއްތަ ލައިފް؟ ކީއްވެ މާލެ އައީ؟ އަހަންނާ ވާހަކަ ދައްކާނޭ ހިޔެއް ނުކުރަން." އަރީން ބުންޏެވެ.
"ދެން ހަމަ މާލެ ޖައްސާލީ، އެހާ އަވަހަށް ދިއުމުގެ ވިސްނުމެއްނެތް... އަހަރެން ވެސް ހިޔެއްނުކުރަން އަރީން ފެނިދާނޭ، މެރީޑްތަ؟" އަރީންއާ ނަޒަރު ވަކިކޮށްލުމުގެ ގަސްދެއް މިދުހަތުގެ ނެތެވެ.
"މިދުހަތު މީހަކާ އިންނާކަށް ނޫޅެންތަ؟" އަރީން ވަގުތުން ބުންޏެވެ.
"ހެ ހެ ހެ... އަހަރެން... ކިހިނެއް އެނގެނީ އިނދެގެން ނޫންކަމެއް ހުރީ." ހިނިއައިސްފަ އިނދެ މިދުހަތު ބުންޏެވެ.
"އެހެންވީރު ބައްދަލެއް ނުކޮށްދޭނަންތަ؟" އެޕާޓްމެންޓުތެރެ ހޯދާލަމުން އަރީން ބުންޏެވެ. އެތުންފަތުން ލުއި ހިނިތުންވުމެއް ފެންނަން ހުއްޓެއްކަމަކު ހިތުގެ ހިނގުން ބަދަލުވެއްޖެއެވެ.
"މިތަނުން އަހަރެންނޫން މީހަކު ނުފެނެއެއްނު." މިދުހަތު ވެސް ހިނިއައިސްފަ އިނީ ހަޤީޤަތް ހާމަ ނުކުރަން ކަހަލަ އެވެ.
ދެ މީހުން ވެސް ވާހަކަ ދެއްކީ ދުރުދުރުންނެވެ. ދިރިއުޅުމުގެ އަސްލު ހާމަކުރުމެއްނެތި އެވެ. އަރީންގެ ފޯނަށް ޝެހެނާޒު މެސެޖު ކުރަން ފެށިއެވެ. މިދުހަތާއި ބައްދަލުވެއްޖެތޯއާ ގެއަށް ދާނޭ އިރަކާމެދު ސުވާލު ކޮށްފައި އޮތެވެ. ދާންވީކަމުގައި އަރީން ނިންމީ އެހެންވެއެވެ. މިދުހަތާ ބައްދަލުވުމުން އަރީންގެ ހިތުގައިވި ހުސްކަން ފުރި ނަފްސަށް ހަމަޖެހުން ލިބިއްޖެ އެވެ. ފަނޑުވުމެއްނުވާ ހިނިތުންވުމެއް ތުންފަތުގައިވި ވިއެވެ.
"އަދި ފެންނާނެތަ؟" އެޕާޓްމެންޓް ދޮރުމަތީ އަރީންއާއެކު ނުކުމެ ހުރި މިދުހަތު އަހާލިއެވެ.
"އެފްބީ ފްރެންޑް ރިކުއެސްޓް މިހާ ދުވަހު އެކްސެޕްޓް ނުކުރި މީހަކު އަހަރެން ދުށުމަށް ބޭނުންވެދާނެތަ؟" އަރީން އެއްލި ބަހުން މިދުހަތު ހީނގަތެވެ.
"އެއަށްނުވަންނަތާ ދެ އަހަރު މިވަނީ، ރީން... އަދި ފެންނާނެތަ؟ މިގޭގަ އުޅޭ ފްރެންޑްގެ ކައިރިއަށް އަންނަ ފަހަރަކުން މިބަޔަށް ވަދެލައްޗޭ." މިދުހަތު ބުންޏެވެ.
"އާދެވޭނެ ދުވަހެއް ނޭނގެ ބުނާކަށް." މިދުހަތު ދުށުމަށް ބޭނުންވިޔަސް އެކަން އަރީން ނުދެއްކިއެވެ.
"އެހެންވިޔަސް އަދި ފެންނާނޭކަމަށް އުންމީދު ކުރަނީ." މިދުހަތު ބުންޏެވެ. ހިނިތުންވުމެއް ބަދަލު ކޮށްލުމާއެކު އަރީން ހިނގައިގަތެވެ. އެހިނދު މަގަތުން އަރީންގެ ވައަތު ކުޑަހުޅާ ހިސާބުގައި މިދުހަތު ހިފާލި އެވެ. ހައިރާން ކަމާއެކު އަރީނަށް ބަލާލެވުނެވެ. މާނަވީ ބެލުމަކުން ވަގުތުކޮޅަކަށް ހަރަކާތެއް ނުކޮށް މިދުހަތު ހުއްޓެވެ. ދެން މަޑުމަޑުން އަރީންގެ އަތުން އޭނާ ދޫކޮށްލައިފި އެވެ.
"ބާއި..." މިދުހަތު މަޑުމަޑުން ބުނެލި އެވެ. އަރީން ގޮސް ލިފްޓަށް އަރަންދެން އޭނާ ބަލަން ހުއްޓެވެ.
ލިފްޓުގައި އެކަހެރިވުމުން އަރީންނަށް އަނެއް އަތުން ވައަތުގައި މިދުހަތު ހިފަހައްޓާލި ހިސާބުގައި ފިރުމާލެވުނެވެ. ތުންފަތަށް ވެރިވި ހިނިތުންވުން ފުޅާވެލި އެވެ. އެއީ މީހެއްގެ އަނތްބެއްކަމާއި ދެ ކުދީންގެ މަންމަކަން އަރީން ހަނދާން ނެތުނު ކަހަލައެވެ. ހޫނުކަން އެކުލެވިފައިވި ޖަޒުބާތެއްގެ އޮއެވަރެއްގަ ނަފްސު ޖެހިއްޖެކަން ޔަގީނެވެ. ތިރީތުންފަތުގައި ދަތްއަޅާ ބާރުކޮށްލެވުނީ އެހެންވެއެވެ.
* * * * *
ބާޒާރު ކުރި ކޮތަޅުތައް ހިފައިގެން ނޯޔާ އައިސް އެޕާޓްމެންޓަށް ވަނީ ރޫމާއާއެކު އެވެ. ބެލްކަނީގައި ހުރި އަސްލަންއަށް އެ ދެމައިން ގެއަށް ނުވަންނަނީސް ފެނުނެވެ. ކުރިމަތީ ހުރި ގޭ ދޮރޯށި ކައިރީ މަޑުކޮށްލިތަނެވެ. ސާރާއާއި މަލްސާ ގޮވައިގެން ނެހާ ނުކުތީ އެވަގުތެވެ. ކުދީން ވަދެގެން އައިގޮތަށް ސޯފާއަށް ވެއްޓިގަތެވެ. ކޮތަޅު ގެނެސް ކާމޭޒު މަތީ ރޫމާއާއި ނޯޔާ ބެހެއްޓި އެވެ. އަސްލަން ފެނުމާއެކު ރުމާ ނިކަން އަވަހަށް ގޮވާލި އެވެ. މަންމައަށް ފެންތަށްޓެއް ގެނެސްދޭން ނޯޔާ އަވަސްވެލި އެވެ.
"އެއްޗެހިތައް އަތުރަމާ." މޭޒު ދޮށުގައި އިށީންނަމުން ރޫމާ ބުންޏެވެ.
"ބަންގި ގޮވަން އެ އުޅެނީ، މަންމަ ދޭ... އަހަރެން ހަމަޖައްސާލާނަން." ފެންތަށި މަންމައަށް ދިއްކޮށްލަމުން ނޯޔާ ބުންޏެވެ. އެއާއެކު އަތުކުރީ އޮތް ހިމަގަޑިއަށް ރޫމާ ބަލާލިއެވެ.
"ބަންގި ގޮވަންދެން ހުރެލެވޭނެ، ހިނގާ އަވަސް ކޮށްލަން." ރޫމާ ބުންޏެވެ. މަންމަ އެގޮތް ބޭނުންވަނީކަން އެނގި އިތުރަށް ނޯޔާ ދެކޮޅެއް ނުހެދި އެވެ. އެހެންވިޔަސް ސާރާއާއި މަލްސާއާ ދެބެންނަށް ގޮވާލި އެވެ. ކޮތަޅުތައް ހަވާލައި ނެގި ޕްލާސްޓިކު ކުޑަ ގޮނޑި ކަބަޑުތައް ކައިރީ ބަހައްޓާލި އެވެ. އެކުދީންގެ އަތް ސިންކަށް ނުފޯރާނޭކަން އެނގޭތީ ނޯޔާ ގަތް ގޮނޑިއެކެވެ. ދެބެން ގާތު ބޭރުން ގެއަށް ވަދެވުމުން ދެއަތް ދޮންނަންވާނޭކަން ނޯޔާ ބުންޏެވެ. ގޮނޑިއަށް އަރަން ޖެހުމުން މަލްސާގެ ޝައުގުވެރިކަން އިތުރުވެ މަޖާވެފައި ހުއްޓެވެ. އެކުދީންގެ އަތްދޮވުމަށް ޚާއްޞަ ކުރެވިގެން ގަނެވުނު ސައިބޯނި ފުޅި ނޯޔާ ބެހެއްޓިއެވެ. އެކަހަލަ ކުދިކުދި ކަންކަމާ ނޯޔާ ވިސްނަފާނޭ އަސްލަން ހިޔެއް ނުކުރެއެވެ. އޭނާއަށް ދުރުގައި ބަލަން ހުރެވުނީ އެވެ. އެކަހަލަ ކަންކަމަކީ އޭނާ ވެސް ކުދީންނަށް ބުނެދޭ ކަންކަމެއް ނޫނެވެ.
ކޮތަޅުތަކުން އެއްޗެހިތައް ނަގަން ފެށުމުން ކާމޭޒުގެ ގޮނޑިއަކަށް މަލްސާ އެރި އެވެ. މޭޒުގައި ބަނޑުއަޅުވާލައިގެން ބަލަން އެކުއްޖާ އޮތެވެ.
"ތާތި ބުނި މިގޭގަ އުޅެނީ ވަރަށް ބަސްއަހާ ދެ ކުދީން ކަމަށް، އެހާ ބަސް އެހީމަ ހަދިޔާއެއް ވެސް އޮންނަންވާނެއެއްނު." ނޯޔާ ގަނެގެން އައި ޗޮކުލެޓު ދައްކާލި އެވެ. މަލްސާގެ އުފާވެރިކަން ނުހިފެއްޓުނެވެ. ގޮނޑިމަތީ ފުމެންފެށި އެވެ. ރޫމާ އެކުއްޖާގެ ގައިގާ ހިފަހައްޓާލީ ހިނިއައިސްފަ ހުރެގެންނެވެ. ބައްޕަ އަސްލަން ގާތު އިން ސާރާ ވެސް އެ ޗޮކުލެޓަށް ގަޔާވެއްޖެ އެވެ. އޭނާއަށް ލިބޭތޯ ބަލަން އިނީ އެސްފިޔަ ޖަހާނުލާ ކަހަލައެވެ. މަލްސާއަށް ދީފައި ސާރާގެ ގާތަށް ނޯޔާ އައިސް ޗޮކުލެޓު ދިއްކޮށްލި އިރަށް އެކުއްޖާ އޭގައި ހިފިއެވެ.
"ތެންކިޔު." މަޑުމަޑުން ސާރާ ބުނެލި އެވެ. އެކުއްޖާގެ ބޮލުގައި ނޯޔާއަށް ފިރުމާލީ ހިނިތުންވެ ހުރެއެވެ.
ބާޒާރުކޮށްގެން އަންނައިރު އެ ދެބެންނަށް އެއްޗެއް ނުލާ އަންނަން ނޯޔާ ބޭނުން ނުވީއެވެ. މަންމަގެ ގާތަށް އައިސް ފުރަތަމަ ވެސް އުޅުނީ ހަވާދުގެ ބާވަތްތައް ވަކިކޮށް ފުޅިތަކަށް އަޅާށެވެ. ފަސޭހަވާނޭ އެތުރުމަކުން އަތުރަން ރޫމާ ކިޔާދީ ބުނެދެން ހުއްޓެވެ. މަދު އެއްޗެއް ނޫނީ ދެން ހުރި ހުރިހާ އެއްޗެއް އެ ހުންނަން ޖެހޭ ތަންތަނުގައި އެ ދެމައިންނަށް އެތުރިއްޖެއެވެ. ބަންގި ގޮވި އަޑާއެކު ރޫމާ ގެއަށްދާން ނުކުތީއެވެ. ނޯޔާ ހިނގައިގަންނަމުން ނަމާދު ކުރާނީ ކޮންކުދީންނެއްތޯ ދެބެންނަށް ވާހެން އަހާލި އެވެ. އެއްވެސް ކުއްޖަކު އަނގައިންނެއް ނުބުންޏެވެ. ބަލާލީ އަސްލަންއަށެވެ. ނޯޔާ ބޮޑު ކަމަކަށް ނުހެދި އެވެ. ދެ ނަމާދު ދޭތެރޭ ކާޓޫނު ބަލާކަށް ނުވާނޭ ނޯޔާ ބުނެލީ އަސްލަންއަށް ބަލަން ހުރެއެވެ. އޭނާ ވަގުތުން ނަގައިގަތެވެ. ޓީވީގެ ޗެނެލް ބަދަލު ކޮށްލި އެވެ. ބަންގި ނުނިމޭތީ، ބަންގީގެ އަޑު ގޭތެރެއިން އިވިގެން ދިޔައެވެ. ކޮޓަރިއަށް ވަންނަން ދިއުމުގެ ކުރީން ނޯޔާ އައިސް ބެލްކަނީގެ ދޮރު ލައްޕާލި އެވެ.
ނަމާދު ކޮށްގެން ނުކުތްތާ އިރުކޮޅެއް ފަހުން އަސްލަން ކޮޓަރިން ނުކުމެގެން އަންނާތީ ނޯޔާއަށް ފެނުނެވެ. ބަދިގެ ފަރާތުގައި ހަރަކާތްތެރިވާން ހުރެފައި ނަމާދަށް ނުދަންތޯ އޭނާއަށް އަހާލެވުނީ ބޭއިޚްތިޔާރުގަ އެވެ. ގޭގައި ތިބިއްޔާ ބައްޕައާއި އިޔާން ނަމާދަށް މިސްކިތަށް ދާތަން ނޯޔާއަށް ފެނޭ ވިއްޔާ އެވެ. ގޭގައި ނަމާދުކުރުމަށްވުރެ ފިރިހެނުންނަށް އޮތީ މިސްކިތުގައި ނަމާދުކުރުމެވެ.
"އަނުމް..." އަސްލަން ބުނަން އުޅުނު އެއްޗެއް ނޯޔާއަށް ވިސްނުނެވެ.
"އަހަރެން ބަލާނަން." ނޯޔާ އަވަހަށް ބުންޏެވެ.
އެރޭ ކުދީން ނިންދަވަން ތައްޔާރުވަމުން ނޯޔާ ދަނިކޮށް އެޕާޓްމެންޓްގެ ބެލްއިން ރަނގަބީލު އަޅާލި އަޑު އިވުނެވެ. ކުދީންގެ ކޮޓަރީގައި ނޯޔާ ހުރެފައި މަލްސާގެ އެނދު މަތިން ބުރުގާ ނަގާ އަވަހަށް އަޅާލިއެވެ. ހަލުވިކޮށް އައިސް ދޮރު ހުޅުވާލިއެވެ.
"މީ މަންމައަތުގަ ހުރި އެއްޗެހި، ދޮވެފަ މިހުރީ." ފަތްޖަހާފައި ހުރި ހެނދުންތައް ހިފައިގެން ދޮރުމަތީ ސަބީނާ ހުއްޓެވެ.
"ވަދޭ ސަބިއްތަ." ނޯޔާއަށް ބުނެވުނެވެ. އެހިނދު ނޯޔާގެ އަތުގައި ކޮނޑާ ދިމާއިން ސަބީނާ ޖަހާލި އެވެ.
"މަގޭ ދަރިއަކަށްވީމަ ވެސް ސަބިއްތަ ކިޔަނީތަ؟" އެތެރެއަށް ވަންނަމުން ސަބީނާ ބުންޏެވެ.
"ސޮރީ... މިއުޅެނީ ގައިދޮއްވަން ވައްދައިގެން." ސަބީނާގެ އަތުގައި ހުރި ހެދުންތަކުގައި ހިފަމުން ނޯޔާ ބުންޏެވެ. ދެމީހުން އައިސް ކުދީންގެ ކޮޓަރިއަށް ވަނެވެ. މަލްސާގެ ހުނުމުގެ އަޑު އިވިއިވި ހުއްޓެވެ. ސާރާ ނުރުހުންފާޅުކުރާ އަޑު ވެސް އިވެއެވެ. ނަމަވެސް ނޯޔާ ފެންނައިރަށް އެކުއްޖާ ހިމޭންވެލިއެވެ. ދެބެންނާ ދިމާއަށް ސަބީނާ އެއްޗެކޭ ބުނެލިއެވެ.
"ކޮބާ އަސްލަން؟." ސަބިނާ އަހާލި އެވެ.
"ފިހާރައަށް ދިޔައީ، ބިސްކޮޅެއް ގަންނަން." ނޯޔާ ބުންޏެވެ. އޭނާ ބިސް ގަންނަން ދާން އުޅުމުން އަސްލަން އަމިއްލައަށް އެކަން ކޮށްދޭން ބޭނުންވީއެވެ. ނޯޔާ އެ ހުރީ އެކަމާ ނުހަނު ބޮޑަށް ހިތްހަމަޖެހިގެންނެވެ.
* * * * *
ޖެހިގެން އައި ދުވަހެވެ. ފާޚާނާއަށް ވަދެފައި ނުކުމެ ނޯޔާ އައިސް އަސްލަންގެ ކޮޓަރީގައި ޓަކި ޖަހާލި އެވެ. އަނުމްއަށް ހޭލެވިދާނެތީ މަޑުމަޑުންނެވެ. ދޮރު ހުޅުވީ ނިކަން އަވަހަށެވެ. އަސްލަން ފެނުމުން ހުއްޓެވުނު ނަމަވެސް ނޯޔާ ނިކަން އަވަހަށް ނަޒަރު ތިރި ކޮށްލިއެވެ. އަތުން ހޭވިފައި ހުރި އިސްތަށިގަނޑު ރީތިކު ރަމުން ދިޔަ އަސްލަން ވެސް ފާޚާނާއިން ނުކުތީ ދެންމެ ކަހަލަ އެވެ. ކޮނޑުގައި އަޅުވާލާފައި އޮތް ތުވާލި ގެނެސް މޭމަތިން ކައިރިކޮށްލާ ހިފަހައްޓާލައިގެން ހުރިއިރު ވެސް އެތަނަސް މޭގައި ތުނިކޮށް ފާޅާފައި ހުރި އިސްތަށިތައް ފެންނަ ހުއްޓެވެ. ފާޅުކަން ބޮޑު "ކޯލާބޯން" ދިމާއަށް ފެންނަން ހުއްޓެވެ.
"މިސްކިތައް ދާނެތީ... އަނުމް..." ނުބަލަން ހުއްޓެއް ކަމަކު ނޯޔާއަށް ވަމުންދިޔަ ގޮތް އަސްލަންއަށް ފެނެއެވެ. އެ އަންހެންކުއްޖާ މޫނަށް ވެރިވަމުންދިޔަ މަޑު ރަތްކަން ސާފުކޮށް އޭނާއަށް ފެނެއެވެ.
"މި ނުކުންނަނީ..." އަސްލަން ބުނެލި އެވެ.
ނަމާދަށް ގޮސްފައި އަސްލަން އެނބުރި އައިއިރު ނޯޔާއިނީ އޭނާގެ ކޮޓަރީގަ އެވެ. ކުޑަކޮށް ހުޅުވާފައި ހުރި ދޮރު ކޮއްޕާލައި ބަލަން ހުއްޓެވެ. އެނދު ކައިރި ތަޅުންމަތީ އޮތް މުސައްލަ މަތީ ނޯޔާ އިނީ ކިޔަވާށެވެ. އަސްލަން މިސްކިތައް ދިއުމުން ނޯޔާ ނަމާދަށް އެރީ އެ ކޮޓަރިއަށްކަން އަސްލަންއަށް ޔަގީންވީ އެހެން ވެއެވެ. އަތުގައި އޮތީ ނޯޔާގެ ކައިވެނީގެ ރަނުގެ ގޮތުގައި އަސްލަން ދިން މުސްޙަފުގެ ފޮތެކެވެ. ކޮޓަރިއަށް ވަނުމުގެ ބަދަލުގައި އޭނާ އައީ ސޯފާއަށެވެ. ނޯޔާ ނުކުންނަންދެން މަޑުކޮށްލާނީ ކަމުގައި އަސްލަން ގަސްދު ކުރީ އެވެ.
ކުރިން ދުވަހެކޭ އެއްގޮތަށް އިރުއެރުމުގެ ކުރީން ނޯޔާ ނުކުތެވެ. އަސްލަންއަށް ހެނދުނުގެ ސަލާމް ކޮށްލީ އިނގިރޭސި ބަހުންނެވެ. ނޯޔާއަށް އޭނާ ބޯޖަހާލި އެވެ. ކޮފީ ބޭނުންތޯ އަހައި އަސްލަން އާނއެކޭ ބުނުމުން އެކަމުގައި ނޯޔާ އުޅުނެވެ. ކޮފީ ބޮއެ އޭނާ ނިންމާލީ ގަޑިއަށް ބަލަމުންނެވެ. ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމަށް ނޯޔާ މަސައްކަތް ފެށިއެވެ. އަސްލަންގެ ގާތުން ބޭނުންވާ އެއްޗެއް އޮޅުން ފިލުވިއެވެ. އަދި ނޯޔާ ގަސްދު ކޮށްފައިވާ އެއްޗެހި ވެސް ކިޔާދިނެވެ. އަނުމް ހޭލަންވީއިރު އެކުއްޖާއަށް ބުއްޕުޅި ހުރީ ތައްޔާރު ކޮށްފައެވެ. އަސްލަން ދަރިފުޅު ގޮވައިގެން ނުކުތުމުން ތައްޔާރުކޮށްފައި ހުރި ބުއްޕުޅި ނޯޔާ ދިއްކޮށްލި އެވެ. ތިން ދަރީންގެ މަންމަގެ މަޤާމު ނޯޔާ ފުރުމުގައި އުޅޭއިރު އަސްލަން ހުރީ ބުނާނޭ އެއްޗެއް ނޭނގިފައެވެ. އޭނާ ވާހަކަ ނުދެއްކި ނަމަވެސް ނޯޔާ އެނގެން ބޭނުންވާ ހުރިހާ ކަމަކަށް އޭނާ ސުވާލު ކުރެއެވެ. ކުދީން ކަންކަމުގައި އޭނާ ހަނދާންނެތި ދާނޭތީ ފޯނުގައި ނޯޓު ވެސް ކުރެއެވެ. އެކުދީންނަށް ކަމުދާ އެއްޗިއްސާއި ކަމުނުދާ ކަންކަން ނޯޔާ އޮޅުންފިލުވައެވެ. އިތުރަށް އެނގެން ބޭނުންވެއްޖެނަމަ ސަބީނާއަށް ވެސް އޭނާ ގުޅައެވެ. އެ މަންމަ ވެސް ހުންނަނީ އެހީވާން ތައްޔާރަށެވެ. ގަޔާނުވާނޭ ފަދަ އެއްވެސް އުނިކަމެއް އަސްލަން ހޯދަން ބޭނުންވިޔަސް ނުފެނުނެވެ. ކަންކަމަށް ފަރިތަ ނޫނަސް ނޯޔާ ހިތްވަރު ދޫކޮށެއްނުލައެވެ. ފޫހިކަމެއް ނުދައްކައެވެ. އަޖައިބުވާހާ ވެއެވެ.
"އަހަރެން އޮފީހަށް ނުކުންނަން އެބަވިސްނަން." ހެނދުނުގެ ސައި ނިމި ތަށިތައް ދޮވުމުގައި ހުރި ނޯޔާއަށް ބަލަން ހުރެ އަސްލަން ބުންޏެވެ.
"އަހަރެން ކީއް ކޮށްދޭންވީ؟" ނޯޔާ އަހާލި އެވެ. ތަށިދޮވުން މަޑުޖައްސާލި ނަމަވެސް ފަހަތުގައި ހުރި އަސްލަންއާ ކުރިމަތިލާން ނޯޔާ ނުއެއް އެނބުރުނެވެ.
"އެކަނިވާނެތަ؟" އަސްލަން އަހާލި އެވެ. ނޯޔާގެ މޫނުން ސީރިއަސްކަން ފާޅުވި އެވެ. އެ ސުވާލު އޭނާ އަމިއްލަ ނަފްސާ ކުރާ ކަހަލައެވެ. ހެނދުނުގެ ނާސްތާ ތައްޔާރުކުރިއިރު ވެސް އޭނާ ހުރީ ހާސްވެފައެވެ. ކައިވެނީގެ ވާހަކަދެކެވި ހަމަޖެހުނުކަން އެނގުނީއްސުރެ އޭނާ މަންމަގެ ގާތުގައި ގޭގައި ކެއްކުމުގެ މަސައްކަތް ފަށައިފިއެވެ. މަންމަގެ ގާތުން ކެއްކުމުގެ ފިލާވަޅުތައް ދަސްކުރަން ފެށިއެވެ. ނަމަވެސް ހުރިހާކަމެއް ކުރެވޭނޭކަމުގައި ޔަގީންކަން ކުޑައެވެ.
ނޯޔާ އެނބުރިލިއެވެ. ހިތުގައި ކޮންމެ އެއްޗެއް ވިޔަސް ނޯޔާ ހިނިތުންވެލި އެވެ. އެ މޫނުގައިވި އަސަރު ދެނެގަންނަން ނޭނގިފައި ހުރި މީހަކު ފަދައިން އަސްލަން ހުއްޓެވެ.
"އެކަނި ދޯ... އަސްލަން ނެތަސް ކުދީން އުޅޭނެއެއްނު، ހަނދާންވެ އެކަނިވެ މިސްވެގެން އުޅޭނޭ ވަގުތެއް ނޯންނާނެއެއްނު." ނޯޔާގެ ހިނިތުންވުން އިހުނަށްވުރެ ފުޅާވެލި އެވެ. އަސްލަންގެ މޫނުގައިވި ހައިރާންކަން ފިލާ ތުންފަތް ދެމިލި އެވެ. އެވަގުތުކޮޅު ވެސް ނޯޔާ ސަމާސާއެއް ކޮށްލީކަން އަސްލަންއަށް ޤަބޫލު ކުރަން ދަތިވި އެވެ. ބޭއިޚްތިޔާރުގައި ހިނި އާދެވުނީ އެވެ. އެހިނދު ނިކަން އަވަހަށް އޭނާ ނަޒަރު ވަކޮކޮށްލައި އިސްޖަހާލި އެވެ. އެހެންވިޔަސް ތުންފަތަށްވެރިވި ހިނިތުންވުން ފެންނަން ހުއްޓެވެ.
"އެހެނެއް ނޫން މިބުނީ..." އަސްލަން ބުނެލި އެވެ.
"އައި ނޯ... ހާސްނުވޭ، އަހަރެން ހުރިހާކަމެއް ބަލަހައްޓާނަން، ހެލްޕެއް ބޭނުންވެއްޖެއްޔާ ބުނާނަން." ނޯޔާ ބުންޏެވެ. އޭނާ ސިންކާ ކުރިމަތިލައި މަސައްކަތް ކުރިއަށް ގެންދިޔައެވެ. އަސްލަންގެ ނަޒަރު ނޯޔާއަށް ހުއްޓުނެވެ. މިފަހަރު ފޮރުވުމެއްނެތި އޭނާ ހިނިތުންވެލައިގެން ނޯޔާއަށް ބަލަން ހުއްޓެވެ. މަޑުމަޑުން ދެފަރާތަށް އޭނާއަށް ބޯ ހޫރާލެވުނެވެ. ދައްކަން އުޅުނު ވާހަކަ ވެސް ކުރިއަށް ގެންދެވޭގޮތް ނުވިއެވެ. މަތިމަހާއި ތުނބުޅީގައި އަސްލަންއަށް އަތްތިލަ ހިންގާލެވުނެވެ. މޭގައި ފިނި ވައިރޯޅިއެއް ބީހިލާފައި ދިޔަ ކަހަލައެވެ. ފަހުން ވާހަކަ ދައްކާނީއޭ ހިތާ ނޯޔާއާ ދުރަށް އަސްލަން ހިނގައިގަތެވެ.
"ހަނދާންވެ އެކަނިވެ މިސްވެގެން އުޅޭނޭ ވަގުތެއް ނޯންނާނެއެއްނު..." ކޮޓަރިއަށް ވަދެ ދޮރުފަތުގައި ލެނގިލައިގެން ހުރި އަސްލަންއަށް ނޯޔާގެ އަޑު އިވުނު ކަހަލައެވެ. މޫނުގައި އަތްއަޅާލުމާއެކު އޭނާއަށް ތަންކޮޅެއް ބާރަށް ހީނލެވުނެވެ.
"ނޯ...ޔާ..." ހެވިފައި ހުރެ މޫނުން އަތްނަގައި ދެފަރާތަށް ބޯހޫރާލި އަސްލަންގެ ދުލުން ލަސް ގޮތަކަށް އެ ނަން ކިޔާލިއެވެ. ކުޑަކޮށް ވެސް އެފަދަ އެއްޗެއް ނޯޔާ ބުނެދާނޭ އަސްލަން ހިތަށް ވެސް ނާރައެވެ. އަމިއްލައަށް ނޯޔާއާ ސުވާލު ކުރެވުނު ގޮތާ މެދު ވެސް އަސްލަންގެ ގާތަށް ހިނިއައެވެ. އޭނާއަށް ބުނެވުނު އެއްޗެއް ދެގޮތަށް ވެސް މާނަ ކުރެވޭނެ ކަން އެނގުނެވެ. އެ އަންހެންކުއްގެ ތަފާތުކަމެއް ވާކަން އަސްލަންގެ ޟަމީރު އެއްބަސްވި އެވެ. އެކަމާ އަމިއްލަ ހިތް ދެބަހެއްނުވެއެވެ. ރިންގުވާން ފެށި ފޯނު އަސްލަންގެ ޖިންސުގެ ޖީބުން ނެގިއިރު ވެސް އޭނާއަށް ހުރެވުނީ ހިނިއައިސްފަ އެވެ.
"ހެލޯ..." ގުޅަނީ ލޫނާކަން އެނގި އަސްލަން ފޯނު ނެގިއެވެ.
"މިއަދު އޮފީހަށް ނުކުންނަން ޖެހިގެން ހަމަ ހަނދާންވެގެން ގުޅާލީ، ކީއްކޮށްލަނީ؟ އަންނަންވީނު ސައިބޯން... ހުސެން ވެސް އެބައުޅޭ." ލޫނާ ވާހަކަދެއްކިއެވެ.
"ސައި ނިމިއްޖެ، ދެން ނުބޮވޭނެ... އެއަށްވުރެ ކުރީން ކޮފީ ވެސް ނިމިއްޖެ، މިހުރީ ވަރަށް ފުރިފަ." އަސްލަން ތެދު ހާމަކުރިއެވެ.
"އެހެންވިޔަސް އާދެބަލަ، ތިގެއަށް އަހަރެމެން ދާންވީ ދޯ." ލޫނާ ބުންޏެވެ. އޮފީހަށް އަޔަސް މިހާރު އަސްލަންއާ ބައްދަލެއް ނުވެއެވެ. އެގެއަށް އޭނާ އައިފަހުން ވެސް އެތައް ދުވަހެއް ވެއްޖެއެވެ. އޭނާ ހުރީ ނުހަނު ބޮޑަށް އަސްލަން ދުށުމަށް ބޭނުންވެފައެވެ. (ނުނިމޭ)