ހަބަރު

ޕީޕީއެމް މެމްބަރެއްގެ ކެންޑިޑެސީ އަނބުރާ ދޭން އަމުރުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ތ. ކަނޑޫދޫ އިން ކުރިމަތިލި ޕީޕީއެމް މީހެއްގެ ކެންޑިޑެސީ އަންބުރާ ދިނުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

ކައުންސިލް އިންތިހާބަށް ކުރިމަތިލި ހަސަން މޫސާ އަކީ އިންތިހާބަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާން ޖެހޭ ޝަރުތު ފުރިހަމަވެފައިވާ މީހެއް ނޫންކަމަށް ނިންމައި އީސީ އިން އޭނާގެ ކެންޑިޑެސީ ބާތިލުކުރީ މިދިޔަ ޖެނުވަރީ މަހުގެ 13 ވަނަ ދުވަހު އެވެ. އޭނާގެ ކެންޑިޑެސީ ބާތިލުކުރީ ސާބިތު ހަރަދަކަށް ފައިސާ ދެއްކުމަށް ފ. ބިލެއްދޫ ކޯޓުން ހުކުމްކޮށްފައިވާތީ ކަމަށް އީސީން ވަނީ ބުނެފަ އެވެ.

މިމައްސަލަ އާއި ގުޅިގެން މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އޭނާގެ ކެންޑިޑެސީ ބާތިލުކުރީ ކެންޑިޑެސީ ބަލައިގަތް ކަން އެންގުމަށް ފަހު ކަމަށާއި، އިންތިޚާބަށް ކުރިމަތިލާތާ 48 ގަޑިއިރުގެ ތެރޭގައި ކެންޑިޑެސީ ބަލައިގަތުމާ މެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނާ ކަމަށެވެ،

އެހެންކަމުން އެ މުއްދަތު ހަމަވުމަށްފަހު މީހެއްގެ ކެންޑިޑެސީ އީސީއިން އަމިއްލައަށް ބާތިލް ނުކުރެވޭނެ ކަމަށް އެކޯޓުން ނިންމާފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އެހެންކަމުން އޭނާގެ ކެންޑިޑެސީ ބާތިލުވިކަމަށް އީސީން އެންގި އެންގުމަކީ ބާތިލު އެންގުމެއް ކަމަށް ވާތީ ހަސަން މޫސާގެ ނަން ކަނޑޫދޫ ކައުންސިލް ރައީސް ކަމަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ލިސްޓުގައި ހިމެނުމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.