އިލެކްޝަންސް ކޮމިޝަން

ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން އަލުން ނަން ތަރުތީބުކޮށްފި

Feb 24, 2021

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ތ. ކަނޑޫދޫން ކުރިމަތިލި ޕީޕީއެމް ކެންޑިޑޭޓެއްގެ ކެންޑިޑެސީ އަންބުރާ ދޭން ސުޕްރީމް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ކެނޑިޑޭޓުންގެ ނަންތައް އަލުން ތަރުތީބު ކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނީ ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ޕީޕީއެމުން ކުރިމަތިލާފައިވާ ކެނޑިޑޭޓު ކަނޑޫދޫ / އުސްގެ، ހަސަން މޫސާގެ ކިބައިގައި އިންތިހާބަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާން ޖެހޭ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި އެ ކޮމިޝަނުން ކުރިން ކުރި އިއުލާނު ބާތިލުކޮށް ކެނޑިޑޭޓުންގެ ނަންތައް އަލުން ތަރުތީބު ކޮށްފައިވާ ކަމަށެވެ.

ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އަލުން ތަރުތީބު ކުރިއިރު އޮތީ ދެ ނަމެކެވެ. އެއީ އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު ރީހާނާއި ހަސަން މޫސާގެ ނަމެވެ. ރީހާންގެ ކެންޑިޑޭޓް ނަންބަރަކީ ތިނެކެވެ. ހަސަން މޫސާގެ ކެންޑިޑޭޓް ނަންބަރަކީ ހަތަރެކެވެ. އިންތިހާބަށް ކުރިމަތިލި އަނެއް ދެ ކެންޑިޑޭޓުން ވަނީ ނަން ގެންގޮސްފަ އެވެ.

ހަސަން މޫސާ އަކީ އިންތިހާބަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާން ޖެހޭ ޝަރުތު ފުރިހަމަވެފައިވާ މީހެއް ނޫންކަ މަށް ނިންމައި އީސީން އޭނާގެ ކެންޑިޑެސީ ބާތިލުކުރީ މިދިޔަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު އެވެ. އޭނާގެ ކެންޑިޑެސީ ބާތިލުކުރީ ސާބިތު ހަރަދަކަށް ފައިސާ ދައްކަން ފ. ބިލެއްދޫ ކޯޓުން ހުކުމެއް ކޮށްފައިވާތީ ކަމަށް އީސީން ވަނީ ބުނެފަ އެވެ.

މި މައްސަލަ އާއި ގުޅިގެން ސުޕްރީމް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އޭނާގެ ކެންޑިޑެސީ ބާތިލުކުރީ ކެންޑިޑެސީ ބަލައިގަތް ކަން އެންގުމަށް ފަހު ކަމަށާއި، އިންތިޚާބަށް ކުރިމަތިލާތާ 48 ގަޑިއިރުގެ ތެރޭގައި ކެންޑިޑެސީ ބަލައިގަތުމާ މެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައި ބުނާ ކަމަށެވެ،

އެހެންކަމުން އެ މުއްދަތު ހަމަވުމަށްފަހު މީހެއްގެ ކެންޑިޑެސީ އީސީއިން އަމިއްލައަށް ބާތިލް ނުކުރެވޭނެ ކަމަށެވެ.