ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ކޮވެކްސް އިން އެއްލައްކަ ސިރިންޖު ދީފި

ކޮވެކްސް ފެސިލިޓީއިން ރާއްޖެއަށް 100،000 ސިރިންޖު ހަދިޔާކޮށްފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ރާއްޖެ ވަނީ ކޮވެކްސް ފެސިލިޓީގައި ބައިވެރިވެފައެވެ. ކޮވެކްސް މެދުވެރިކޮށް ރާއްޖޭގެ އާބާދީގެ 20 އިންސައްތައަށް ހިލޭ ވެކްސިން ލިބޭނެ އެވެ. އެޗްއީއޯސީން މިއަދު ބުނީ ކޮވެކްސް ފެސިލިޓީއިން ރާއްޖެއަށް 100،000 ސިރިންޖު ހަދިޔާކޮށްފައިވާ ކަމަށެވެ. ނަަމަވެސް އެ ފެސިލިޓީގެ ތެރެއިން މިހާތަނަށް އަދި އެއްވެސް ވެކްސިނެއް ލިބިފައިނުވާ ކަމަށެވެ.

މީގެ 23 ދުވަސް ކުރިން ރާއްޖޭގައި ވެކްސިން ޕްރަގްރާމު ފަށާފައިވާއިރު މިހާތަނަށް 80،000 މީހަކަށް ވަނީ ވެކްސިން ދީފައެވެ. ރާއްޖޭގައި ޖަހަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ ވެކްސިނެވެ. އެއީ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކޮވިޝީލްޑެވެ. ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހިލޭ ލިިބިފައިވާއިރު، އިތުރު 100،000 ޑޯޒް ވަނީ ދީފައެވެ. ނަމަވެސް އެ ވެކްސިން އަދި ނުލިބެއެވެ. ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ވެސް ހަދާފަ އެވެ.

އެޗްއީއޯސީން ބުނީ ވެކްސިން ޕްރަގްރާމް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ކަމަށާ މިހާރު ހުރި 100،000 ޑޯޒް ހުސްވުމުގެ ކުރިން އިތުރު ވެކްސިން ލިބޭނެ ކަަމަށެވެ.

ޗައިނާ ސަރުކާރުންވެސް ވަނީ ދިވެހިރައްޔިތުންނަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާކުރަން ނިންމާ އެކަން އިއުލާނުކޮށްފައެވެ. އަދި ހެޔޮއެދޭ ފަރާތަކުން ވަނީ ޗައިނާ ވެކްސިންގެ 5،000 ޑޯޒް ހަދިޔާކޮށްފައެވެ. ނަމަވެސް އެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނުދެއެވެ.

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު ދެވަނަ ޑޯޒް ދޭނީ ފުރަތަމަ ޑޯޒް ދިންތާ 8 ހަފްތާ ފަހުން ކަަމަށް މޯލްޑިވްސް ޓެކްނިކަލީ އެޑްވައިޒަރީ ކޮމެޓީން ވަނީ ނިންމާފައެވެ.

ޓެގް ޓީމުގެ މެންބަރު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ވެކްސިންގެ ދެވަނަ ޑޯޒް 8 ހަފްތާ ފަހުން ދިނުމަށް ނިންމީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާއި އަދި އެންމެ ފަހުގެ ދިރާސާތަކަށް ބެލުމަށް ފަހު ކަމަށެވެ.

"މި ނިންމުން މޯލްޑިވްސް ޓެކްނިކަލީ އެޑްވައިޒަރީ ކޮމެޓީން އެންމެ ފަހުގެ ދިރާސާތަކަށް ބެލުމަށް ފަހު އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑުތަކަށް ބެލުމަށް ފަހު ނިންމާފައިވަނީ. އެއީ ހަތަރު ހަފްތާއާ އަޅާބަލާއިރު ދެވަނަ ޑޯޒް 8 ހަފްތާ ފަހުން ޖެހީމަ އެއިން ލިއްބައިދޭ ރައްކާތެރިކަން އިތުރުވާކަން ފާހަގަ ކުރެވޭތީ،" ނަޒްލާ ވިދާޅުވިއެވެ.