ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

މާލެއިން ވެކްސިނަށް ތަރުހީބު ކުޑަވެއްޖެ: އެޗްއީއޯސީ

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މާލެ ސަރަހައްދުން ވެކްސިން ޖަހަންދާ މީހުންގެ އަދަދު މަދުވަމުންދާ ކަމަށާ ވެކްސިންގެ ފުރަތަމަ ޑޯޒް އަވަހަށް ޖެހުމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އިލްތިމާސް ކޮށްފި އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވަނީ މި މަހުގެ ފުރަތަމަ ދުވަހުއެވެ. މިދިޔަ 23 ދުވަހުތެރޭ 85،000 މީހަކަށް ވަނީ ވެކްސިން ދީފައެވެ. ރާއްޖޭގައި ޖަހަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ ވެކްސިނެވެ. އެއީ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކޮވިޝީލްޑެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެޗްޕީއޭގެ ޑިރެކްޓަރު އަހްމަދު ނާސިރު ވިދާޅުވީ މާލެ ސަރަހައްދުން ވެކްސިން ޖަހަންދާ މީހުންގެ އަދަދު މަދުވަމުންދާކަން ރެކޯޑްތަކުން ދައްކާ ކަމަށެވެ. އަދި ބައެއް މީހުން ހަފްތާ ބަންދުގައި ވެކްސިން ޖަހަން މަޑުކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ނާސިރު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް އަވަހަށް ޖެހުމަށް އިލްތިމާސްކޮށްފައެވެ.

މާލޭ ސިޓީގައި އޭޑީކޭގެ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައެވެ. އަދި ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިން ސެންޓަރުން ދަނީ ވެކްސިން ޖަހައިދެމުންނެވެ. އަދި މަޖިލީހުގެ އިދާރާގަ އާއި އިސްލާމީ މަރުކަޒުގައިވެސް ވެކްސިން ޖަހައެވެ. ހުކުރު ދުވަހު ވެކްސިން ޖެހުން ނޯންނާނެ އެވެ.

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު ދެވަނަ ޑޯޒް ދޭނީ ފުރަތަމަ ޑޯޒް ދިންތާ 8 ހަފްތާ ފަހުން ކަަމަށް މޯލްޑިވްސް ޓެކްނިކަލީ އެޑްވައިޒަރީ ކޮމެޓީން ވަނީ ނިންމާފައެވެ.

ޓެގް ޓީމުގެ މެންބަރު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ވެކްސިންގެ ދެވަނަ ޑޯޒް 8 ހަފްތާ ފަހުން ދިނުމަށް ނިންމީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާއި އަދި އެންމެ ފަހުގެ ދިރާސާތަކަށް ބެލުމަށް ފަހު ކަމަށެވެ.

"މި ނިންމުން މޯލްޑިވްސް ޓެކްނިކަލީ އެޑްވައިޒަރީ ކޮމެޓީން އެންމެ ފަހުގެ ދިރާސާތަކަށް ބެލުމަށް ފަހު އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑުތަކަށް ބެލުމަށް ފަހު ނިންމާފައިވަނީ. އެއީ ހަތަރު ހަފްތާއާ އަޅާބަލާއިރު ދެވަނަ ޑޯޒް 8 ހަފްތާ ފަހުން ޖެހީމަ އެއިން ލިއްބައިދޭ ރައްކާތެރިކަން އިތުރުވާކަން ފާހަގަ ކުރެވޭތީ،" ނަޒްލާ ވިދާޅުވިއެވެ.