ވާހަކަ

ޝިކާރަ

(ތިންވަނަ ބައި)

"ވާވް، ޓޫ ސްމާޓް، ސްޓަރ؟" މީޒާގެ ފަހަތުގައި ތިބި އޭނާ ދެ އެކުވެރިން ވެސް ހައިރާންވެ ބަސްހުއްޓުނެވެ.

އެ ދެމީހުން ވެސް މީޒާގެ ދެ ފަރާތުން ކޮނޑުގައި ހިފައިލިއެވެ. އަލޫކު ނުބަލަން ކަމަށް ހެދިގެން ހުރެ ދިޔައީ ސީދާ އެމީހުންނާ ދިމާއަށެވެ. ފޫޓެއްހާ ކައިރިއަށް ގޮސް އަތްގޮށިން ލޮނުފޮދެއް ނަގައި އޭނާގެ ތަނަވަސް މޭމައްޗަށް އަޅައިލިއެވެ. އޭނާ އަޅައިލި ފެންތައް ގޮޅިބަރިއެއްހެން އުފުލިފައިވާ އޭނާގެ ބަނޑާ ދިމާއިން ތިރިއަށް ސޮހިގަތެވެ. އަލޫކު ހިފައިލީ އޭނާގެ ގައިގައި ތަތްވަމުން ދިޔަ ހުދުކުލައިގެ ކުރު ސޯޓުގައެވެ. ފޫޅާ ދިމާއިން ސޯޓަށް ދަމައިލާ ދޫކޮށްލިއެވެ. އެއާއެކު އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކުރުވިއެވެ. އެންމެ ފަހުން އޭނާ ފީނައިގަތެވެ.

"ވާވް، ހާދަ ސަޅިއޭ." މީޒާއާއި އަނޫޝާއަށް އެކުގައި ވައި އަޑުން ބުނެލެވުނެވެ.

"އެ ދޯ މިއަދު ސިޓީގަ އުޅުނު އަލޫކު؟" މީޒާގެ ކަންފަތް ކައިރީގައި ވައި އަޑުން ނަބާ ބުނެލިއެވެ.

"އިޒް ދެ ޓް ހިމް؟" އަނޫޝާ ވެސް ބައިވެރިވެލީ ނަބާއާއެވެ.

މީޒާ އަނގައިން ވެސް ނުބުނެ ހުރި ގޮތަށް ހުރީއެވެ. އޭނާ އެނބުރިލެވުނީ އަލޫކު ފީނައިގަތް ދިމާއަށެވެ. އަލޫކު ފީނައިގަތް ގޮތަށް މައްޗަށް ނާރައެވެ. މީޒާ ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ. އަލޫކަށް ގޮތެއް ވީކަމަށް ހީކޮށެވެ.

"ޖިންނިއެއްތަ؟ މައްޗަކަށް ވެސް ނޭރިއެއްނު؟" މީޒާ ހާސްވާ ގޮތްވިއެވެ.

ނަބާ ބަލައިލީ ސީދާ މީޒާގެ މޫނަށެވެ. އޭނާ ހިތުގައި ވެސް އުފެދުނީ އެއް ސުވާލެއް ވީމައެވެ.

"އަޑިއަޑިން ދިޔައީނު. ހާދަ ދިގޭ. މި ބުނީ ނޭވާ ވެސް ހާދަ ދިގޭ." އަނޫޝާ އިޝާރާތްކޮށްލީ ތަންކޮޅެއް ދުރުން ބޯހިއްލައިލި އަލޫކަށެވެ.

"ނޭވާ އެކަންޏެއް ނޫން." ނަބާ ލާނެތް ގޮތަކަށް ހީނލިއެވެ.

މީޒާއަށް ހުރެވުނީއެވެ. އޭނާގެ ދެ އެކުވެރިން ވެސް ފީނައިގަތެވެ. އެމީހުން ފީނައިގަތް އިރަށް އަލޫކު ބަލައިލީ ސީދާ މީޒާ އަށެވެ. ކޮންމެވެސް ކަހަލަ ހަރަކާތްތަކެއް މީޒާއަށްކޮށްލި ހެން ހީވެގެން އަނެއްކާ ވެސް މީޒާ ބަލަން ހުރީއެވެ.
އަލޫކު ފީނައި ގަތީއެވެ. މީޒާ ފޫހި ގޮތަކަށް ބަލައިލީ އަލޫކު ފީނައިގަތް ދިމާއަށެވެ. އެންމެ ފަހުން މީޒާގެ ބޮލަށް އިބިލީސް ސަވާރުވިއެވެ. އޭނާގެ ސިކުނޑީގައި މޮޅު ގޮތެއް ރާވާލިއެވެ. އޭނާގެ ގާތަށް އަލޫކު ގެނެވޭނެ ގޮތެކެވެ.

މީޒާ ފަތަން ފެށީ ސީދާ އަލޫކާ ދިމާއަށެވެ. އެއީ ނިސްބަތުން ފުން ދިމާއެކެވެ. ނަބާމެންނާ ދުރަށް ފަތަމުން ފަތަމުން ގޮސް މީޒާ ބޯހިއްލާ ބަލައިލިއެވެ. އޭނާ ހިތުން އޭނާ ދިޔައީ ސީދާ އަލޫކު އޮތް ދިމާއަށެވެ. މީޒާ ވަށައިގެން ހޯދައިލިއެވެ. އަލޫކު ފެންނާކަށް ނެތެވެ. އޭނާ ބަލައިލީ ސީދާ އެއްގަމާ ދިމާއަށެވެ. އޭރު އަލޫކު އެއްގަމާ ދިމާއަށް އަރަނީއެވެ.

"ހެލްޕް." މީޒާ ހަޅޭއްލަވާގަތެވެ.

އޭނާ ގެނބޭ ކަމަށް ހެދި އަތް ހޫރަމުން އަލޫކަށް ގޮވަމުން ދިޔައެވެ. އެ މަންޒަރު އަލޫކަށް ފެނުނެވެ. އޭނާ ބަލަން ނުހުރެ މީޒާއާ ދިމާއަށް ފީނައިގަތެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އަލޫކު މީޒާއާ ހަމައަށް ދިޔައެވެ. މީޒާ އެކުޓުކުރަމުން ލޮނުބޮވޭކަމަށް ހެދިއެވެ. އެންމެ ފަހުން އަލޫކު އޭނާ ގާތަށް ދިޔުމުން ގެނބުނު ކަމަށް ހެދުނެވެ.

އަލޫކު އެ ދިޔަ ގޮތަށް ގޮސް މީޒާ ނަގައި އޭނާގެ ކޮނޑުމައްޗަށް އެރުވުމަށްފަހު އެއްގަމާ ދިމާއަށް ފަތައިގަތެވެ. މީޒާ ފުރުސަތުގެ ބޭނުން ހިފިއެވެ. ގައިން ވަރު ދޫކޮށްލައި ހޭނެތުނު ކަމަށް ހެދުނެވެ.

އިރުކޮޅެއް ތެރޭގައި މީޒާ ގެނެސް ދިޔަރެސް މައްޗަށް އެރުވިއެވެ. އަލޫކު މާނޭވާލަމުން މީޒާގެ މޫނަށް ބަލައިލިއެވެ. އޭނާ އަވަސްއަވަހަށް އަވަސްފަރުވާ ދޭން މަސައްކަތްކުރިއެވެ. ނަމަވެސް މީޒާ ލޯހުޅުވާ ގޮތެއް ނުވިއެވެ. އަނގައިން ލޮނު ބޭރުވާ ގޮތެއް ނުވިއެވެ. އަލޫކު ދެކޮޅު ބަލައިލުމަށްފަހު މީޒާގެ ތުންފަތާ ދިމާ ބަލައިލިއެވެ. އޭނާ ޖެހިލުންވެ އިނދެ މީޒާގެ ނޭފަތާ ދިމާއަށް ތިރިވެލިއެވެ. މީޒާ އޮތީ ނޭވާ ހިފަހައްޓާލައިގެންނެވެ. ދެ ލޯ މެރިފައިވާ ކަމަށް ހެދިގެންނެވެ. ނަމަވެސް ލޮލުގެ ކުޑަކޮށް ހުޅުވިފައިވާ ތަންކޮޅުން އަލޫކުގެ ހުރިހާ ހަރަކާތްތަކެއް މީޒާއަށް ފެންނަމުން ދިޔައެވެ.

އެންމެފަހުން އަލޫކު މީޒާގެ މޫނާ ދިމާއަށް ގުދުވެލިއެވެ. މީޒާ އޮތީ ފުރުސަތުގެ ބޭނުން ހިފާށެވެ. މީޒާއަށް ހީވީ އޭނާގެ ތުންފަތަށް ކަރަންޓު އައިހެންނެވެ. ނާރުތަކަށް ވާންވެ މީހާ ތުރުތުރު އަޅާހެން ހީވާންފެށިއެވެ. އެންމެ ފަހުން އޭނާ ކޮށި އެރި ކަމަކަށް ހަދައި އޯކަށް ދެމޭގޮތްވެ ކޮށްޅަށް ޖެހުނެވެ. އަލޫކު ދުރަށް ޖެހިލިއެވެ. ވެލިގަނޑު މަތީގައި ކުޑަކަކޫ ޖަހައިލައިގެން އިނދެވުނެވެ. މީޒާއަށް ބަލާށެވެ. އަލޫކުގެ ތުންފަތުގައި ދުވެލީ ލުއި ހިނިތުންވުމެކެވެ.

"އޯހް! ތޭންކްސް. ޔޫ ސޭވްޑް މީ. މައި ސޯލް. މައި ލައިފް. ތޭންކްސް." މީޒާ ކޮށި އަރައިގޮތް ހަދައިލަމުން ބުނެލިއެވެ.

ބަދަލުގައި އަލޫކު ހިނިތުންވެލިއެވެ. އޭނާ ފުން ނަޒަރަކުން ބަލައިލީ ސީދާ މީޒާގެ މޫނަށެވެ. އަލޫކަށް ހީވީ އޭނާގެ ނާރުތަކަށް ކަރަންޓު އައިހެންނެވެ. އޭނާގެ ދެތުންފަތް ކައިރިކޮށްލެވުނެވެ. ދެ އަތަށް ބާރުކޮށްލެވި މުށްކަވާލެވުނެވެ.
މީޒާއަށް އަމިއްލަ ތުންފަތުގައި އަތް ޖައްސާލެވުނެވެ. އޭނާ ލޮލުން ވިދަމުން ދިޔައީ މަސްތީ ކުލަވަރެކެވެ. މަސްތީ ގޮތަކަށް އޭނާ ބަލައިލީ ސީދާ އަލޫކުގެ ހަށިގަނޑަށެވެ.

"މީރު، ސްވީޓް. ލަވް އިޓް. އަދި ލިބޭނެ ނަމަ." މީޒާ އަމިއްލަ ތުންފަތުގައި ދޫ ޖައްސާލަމުން ބުނެލިއެވެ.

އަލޫކު ގާތަށް ރުޅިއައެވެ. އޭނާ ހިތުގައި ނަފުރަތުގެ އަލިފާންގަނޑު އަނދައިގަތެވެ. އަލޫކު ކޮޅަށް ތެދުވިއެވެ. އޭނާ އެއްލީ އެއްމެ ތީރެކެވެ. އެ ތީރު ގޮސް ހެރުނީ ސީދާ މީޒާގެ މެއަށެވެ. އޭނާގެ ހިތަށެވެ. އަލޫކު އިރުކޮޅެއް ވަންދެން މީޒާއަށް ބަލަން ހުއްޓެވެ. މީޒާއަށް ބެލުނީ އަލޫކުގެ ހަށިގަނޑަށެވެ. ވަނާތައް ފާޅުވާން ހުރި އެ ފިރިހެންވަންތަ ހަށިގަނޑަށެވެ. އަލޫކަށް އެކަން އެނގޭތީ މީޒާ މޮޔަކޮށްލީ ގަސްތުގައެވެ.

އަލޫކު ހިނގައިގަތެވެ. މޫދާ ދިމާއަށެވެ. އެހުރިހާ މަންޒަރެއް ބަލަން ތިބި އަނޫޝާއާއި ނަބާ އެކުގައި މީޒާގެ ގާތަށް އައެވެ.

"ވާވް، ހީވީ ފިލްމެއްގެ ރޮމޭންޓިކް ސީނެއްހެން، މީޒާ އެކްޓްކުރާން ވެސް ކުޅަދާނަ." ނަބާ ވައި އަޑުން ބުނެލިއެވެ.
"އެންމެފަހުން ރަހަ ވެސް ބެލީދޯ، މީވާ ކުޅަދަނާ ކަނބަލެއް." އަނޫޝާ ހޭންފެށިއެވެ.

މީޒާ އިނީ އަލޫކަށް ކަޅި ހުއްޓައިލައިގެންނެވެ. އެސްފިޔަ ވެސް ޖަހައިނުލައި އަލޫކާ ދިމާއަށް އޭނާ ބަލަމުން ދިޔައެވެ. އަލޫކު މޫދަށް އެރި ގައިގައި ހުރި ވެލިތައް ފިލުވާލައިގެން އެއްގަމަށް އެރިއެވެ. އަނޫޝާއާއި ނަބާ ވެސް ކަޅި ޖަހައި ނުލައި ބަލަން ތިބީއެވެ. އަލޫކަށް އެކަން އެނގެއެވެ. ނަމަވެސް ނޭނގޭ ކަމަށް ހެދިގެން އޭނާ ހަރަކާތްކުރަމުން ދިޔައެވެ. އެއްގަމަ އަރާ ޓީޝާޓުތައް ކައިރީ އޮތް ފެންފުޅި ނެގިއެވެ.

ކޯވަރެއް ބޮއެލުމަށްފަހު އޭނާ މޫނަށް ފެންއަޅައިލިއެވެ. މޫނަށް އެޅުނު ފެންތަތައް ރޮނގުތަކެއްގެ ސިފައިގައި މޭމައްޗަށް އޮހެމުން ދިޔައެވެ. އަލޫކު އެނބުރިލިއެވެ. އޭނާ ހިނގައިގަތީ މޫދަށް އެރުމަށްފަހު ފެންވެރޭ ގޮތަށް ހުރި ފެންމާގަނޑުތަކާ ދިމާއަށެވެ. އޭނާގެ ކޮންމެ ހަރަކާތަކާއެކު މީޒާމެންގެ މޫނަށް އެކި ކުލަތައް އަރައިފައިބަމުން ދިޔައެވެ. އަލޫކު ފެންމާގަނޑު ދޫކޮށްލިއެވެ. އޭނާގެ ބޮލަށް އެޅެމުން ދިޔަ ފެންތައް ކޮނޑާއި މޭމައްޗަށް އެޅެމުން ދިޔައެވެ. ގަޔަށްބާރު ހުދުކުލައިގެ ސޯޓަށް ފެންތައް އެޅުމުން ދިޔައެވެ. އަލޫކު އެނބުރިލީ ސީދާ މީޒާމެންނަށްނާ ދިމާއަށެވެ. އޭނާ މަޑުމަޑުން މޭގައި އަތް ހާކާލިއެވެ. މީޒާގެ ނާރުތަކުގައި ލޭ ހިނގައިގަތް ގޮތުން އޭނާ ދެއަތަށް ބާރުކޮށްލެވުނެވެ. ނޭވާ އަވަސްވާން ފެށިއެވެ.

"އަހަރުމެންނަށް ދެއްކެން ހަމަ. އެހެން ނޫންނަމަ ދެން ކީއްކުރަން؟" އަނޫޝާ އެނބުރިލީ މީޒާ އަށެވެ.

"އޭނަ ކިހާ ރަނގަޅު." މީޒާ ފުން ނޭވާއެއް ދޫކޮށްލިއެވެ.

"ކޮން ކަމެއް؟" އަނެއްކާ ވެސް އަނޫޝާ ބުނެލިއެވެ.

"އަހަރެން ސަލާމަތް ކޮށްދީފިއެއްނު." މީޒާ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

"ސަލާމަތްތަ ތިކޮށްދިނީ؟ މަށަށް ހީވަނީ ހަލާކުހެން ކޮށްލީ، ޑުރާމާ ކުޅެން މީޒާ މޮޅުވީމަ އޭނާ ކުޅޭ ޑުރާމާ ވަކި ކުޑަތަ؟ އަންހެނުން ތަކެއް މޮޔަކުރަނީ ވިއްޔަ. ތިމާއަށް ރީތި ސިފައެއް، ލޯބި ހަށިގަނޑެއް ލިބުނީތީ އެކަން ވެސް އެންމެ ނުބައިކޮށް އެ ކުރަނީ." އަނޫޝާ ކޮޅަށް ތެދުވިއެވެ.

"މިތަނުގައި އެހެން މީހުން ވެސް އުޅެނީ އެހެން ނޫންތަ؟ މޫދަށް އެރޭނީ މޫދަށް އެރޭ ގޮތަށްދޯ. ކޮންމެ މީހަކު ވެސް މޫދަށް އެރިފަ ފެންވަރަން ދޯ އެކަހަލަ ތަންތަން ހަދައިފަ އެ ހުރީ. އަހަންނަށް ހީވަނީ މައްސަލައަކީ އަހަރުމެންހެން، މީހުން އެހާ ޕްރައިވެޓްކޮށް ކުރާ ކަންކަން ބެލުންހެން." މީޒާ ހިތްހަމަ ނުޖެހުނެވެ.

"އޯކޭއޭ. އަބަދުވެސް މީޒާއަށް ގޯސްވާނީ މަ ވިއްޔާ. ވަރަށް ފޫހިވޭ." އަނޫޝާގެ ތުންފަތަށް ގޮތްތަކެއް ހަދައިލަމުން އޭނާ އެނބުރިލީ އެއްގަމާ ދިމާއަށެވެ.

"އެއްކަލަ އަނޫ، ދެން ތި ގޮތް ދޫކޮށްލަން ވެއްޖެއްނު. ކޮންމެ ފަހަރަކު ބޮޑުތަނުގައި ޖައްސާކަށް ނުޖެހޭދޯ." ނަބާ ހިތްހަމަ ނުޖެހުނެވެ.

"ބަހައްޓާ، އެއީ އަނޫ ގެ ގޮތެއްނު، މަށަށް އޭރުވެސް ހީވިއޭ މީނަ ޖޭވާނެހެން." މީޒާ ވެސް ހިތްހަމަ ނުޖެހުނެވެ.
އެންމެފަހުން މަންޒަރު ހުސްވެގެން ދިޔައީއެވެ. ތިންމީހުން ތިން ދިމާއަށް މިސްރާބުޖެހީއެވެ. ކުނިބުނިން ހިތްތައް ފުރިގެންނެވެ. އެކަކު އަނެއްކަކާ ދިމާއަށް ނުރުހުމުގެ ބަސްތައް ބޭރުކުރަމުންނެވެ.

ފަތިހުގެ ހިތްގައިމު ވަގުތެވެ. ޓީވީތަކުން ކުއްލި ޚަބަރެއް ގެންނަމުން ދިޔައެވެ. ހުޅުމާލޭ މަގުމައްޗަށް އަންހެން ކުއްޖަކު މަރައިލައިފަ އެއްލައިލާފަ އޮތް ޚަބަރުންނެވެ. ކަރުގައި ވަލެއް ބައްދާ ހާސްކޮށްލައިގެން މަރައިލައިފައި އޮތްކަމަށް ޓީވީ ތަކުން ރިޕޯޓުކުރަމުން ދިޔައެވެ. ފުލުހުންނާއި ކަމާ ގުޅޭ ފަރާތްތަކުން އެކަން ތަހުގީގަށް އެ ސަރަހައްދު ބަންދުކޮށްފައިވާ ކަމަށް ބުނެ ޚަބަރުތައް ކުރުކޮށްލަމުން ދިޔައީ ފަހުގެ ތާރީޚުގައި ގޮތް ނޭނގޭ ގޮތަށް އަންހެން ކުދިން މަރަމުންދާ ކަމަށް ބުނެދެމުންނެވެ.

"މި ކޮން ކުއްޖެއް؟" ނައީމުގެ ސުވާލު އަމާޒުވީ ތަހުގީގު ޓީމުގެ މެންބަރުންނަށެވެ.
(ނުނިމޭ)