ކުޅުދުއްފުށި

މިދިޔަ އަހަރު ކުޅުދުއްފުށީ ހޮސްޕިޓަލުން އެއްލައްކަ މީހުން ހިދުމަތް ހޯދި

Feb 24, 2021
7

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެނެވުނު ކުރިއެރުންތަކާއެކު މިދިޔަ އަހަރު އެއްލައްކަ މީހުން ހިދުމަތް ހޯދާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ރަށްވެހި ފަތިސް ކެންޕެއިންގެ ތެރެއިން ހދ އަތޮޅުގެ ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމުތަކާއެކު ބޭއްވެވި އޮންލައިން ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ސިއްހީ ނިޒާމު ރަނގަޅު ކުރުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަން ދެއްވާ ކަމެއް ކަމަށާ އެ މަސައްކަތުގެ ދަށުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން އެ ހޮސްޕިޓަލްގައި ކުރީން ތިބި 18 ސްޕެޝަލިސްޓުންގެ އަދަދު 27 އަށް އިތުރުކޮށް މެޑިކަލް އޮފިސަރުންގެ އަދަދު 9 ކުން 19 އަށް އިތުރުކޮށް ދީފައިވާ ކަމަށެވެ.

މިހާތަނަށް ކުޅުދުއްފުށީ ހޮސްޕިޓަލަށް 46 ޑޮކްޓަރުން އިތުރުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ހޮސްޕިޓަލަށް އައި ބަދަލާއެކު ކުޅުދުއްފުށީ ހޮސްޕިޓަލުން އެއްލައްކަ މީހުން މިދިޔަ އަހަރު ހިދުމަތް ހޯދާފައިވާ ކަމަށެވެ. މިދިޔަ އަަހަރު 184 ރަށަކުން މީހުން ކުޅުދުއްފުށީ ހޮސްޕިޓަލުން ހިދުމަތް ހޯދާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުޅުދުއްފުށީގައި އާ ހޮސްޕިޓަލް އިމާރާތެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"އޭރު އަޅުގަނޑުމެން ވައުދުވީ ގޮތަށް އާ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ކުރެވޭނެ،"

މިދިޔަ އަހަރު ރީޖަނަލް ހޮސްޕިޓަލްތަކުން ހިދުމަތް ހޯދި މިންވަރު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެއީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މިދިޔަ އަހަރުގެ ގިނަ މަސްތަކެއްގައި މާލެ ލޮކްޑައުން ކޮށްފައި އޮތުމުންނެވެ.

ކުޅުދުއްފުއްޓަށް ގިނަ މަަސައްކަތްތަކެއް

ރައީސް ރޭ ވަނީ ކުޅުދުއްފުށީގެ ރައްޔިތުންނާއި އެ ރަށަށް މިދިޔަ ދެ އަހަރު ކުރެވުނު ހަރަދުތަކުގެ ތަފްސީލުވެސް ދެއްވާފައެވެ.

ރައީސް ވިދާޅުވީ ކުޅުދުއްފުށީ މަގުތައް ހެދުމުގެ ހެދުމުގެ ފޭސް ދޭއެއް ވަރަށް އަވަހަށް ފެށޭނެ ކަމަށާ އެއީ ސަރުކާރުން ވަރަށް އިސްކަންދީފައިވާ މަަސައްކަތެއް ކަމަށެވެ. އަދި އެއާޕޯޓަށް ރޭގަނޑު ފްލައިޓް ޖެއްސޭނެ ގޮތް ހަދައިދެއްވާނެ ކަމަށާ ބަނދަރުގެ މައްސަލަ ހައްލުކުރުމަށް އިތުރު ވިސްނުންތަކެއް ގެންގުޅުއްވާ ކަމަށެވެ.

އަދި އެސިޓީގައި ސިންތެޓިކް ޓްރެކެއް ހަދާ ސްޕޯޓްސް ފެސިލިޓީއެއް ގާއިމު ކުރައްވާނެ ކަމަށެވެ. މިިދިޔަ ދެ އަހަރު ކުޅުދުއްފުށީގައި 104 މިލިއަން ރުފިޔާގެ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގިފައިވާ ކަމަށާ އެ ސިޓީއަށް ނިސްބަތްވާ 241 ދަރިވަރަކު ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވަމުންދާ ކަމަށެވެ. އަދި 2020 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ދެމުންދާއިރު މިހާތަނަށް ކަރަންޓް ސަބްސިޑީގެ ގޮތުގައި 51 މިލިއަން ހަރަދުކޮށްފައިވާ ކަމަށެވެ.