ޓީވީ ސީރީޒް

މިހާރު އެންމެ ބޭނުމީ މަންމައަކަށް ވާން: ރާކީ ސާވަންތު

އެކްޓަރު ރާކީ ސާވަންތަކީ ދާދިފަހުން ނިމުނު ކަލާޒް ޓީވީގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 14 ވަނަ ސީޒަންގެ ފައިނަލިސްޓުންގެ ތެރޭގައި ހިމެނުނު އެކަކެވެ. މި ޝޯގެ ގްރޭޑް ފިނާލޭ އެޕިސޯޑުގައި ރާކީ އަށް 14 ލައްކަ ރުޕީސް ލިބިފައި ވެއެވެ.

ޝޯ އަށް ފަހު ނޫސްވެރިން ގާތު ރާކީ ބުނީ ދެން އެންމެ އިސް ކަމެއް ދީގެން ކުރާނެ ކަމަކީ މަންމައަކަށް ވުމުގެ މަސައްކަތް ކަމަށެވެ. އެ ސަބަބާ ހެދި މާ ކުރިއްސުރެ ބިސް ނަގައި ލެބޯޓްރީގައި ރައްކާކޮށްފައި ވާނެ ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް ދަރިއަކު ހޯދަން ޑޯނަރެއް ބޭނުން ނުވާ ކަމަށް އޭނާ ބުންޏެވެ.

"މިހާރު އެންމެ އިސްކަން ދެނީ މަންމައަކަށް ވުމުގެ ތަޖުރިބާކުރަން. އަހަރެން އެކަމަށް ޑޯނަރެއް ބޭނުމެއް ނޫން. ބޭނުމީ ދަރިފުޅަށް ރަނގަޅު ބައްޕައެއް. ސަބަބަކީ އެކަނިވެރި މަޔަކަށް ވާން ވެސް ބޭނުން ނުވާތީ. ނަމަވެސް އެކަން ކުރާނީ ކިހިނެއް ކަމެއް ނޭނގެ. ކޮންމެވެސް ހައްލެއް ވަރަށް އަވަހަށް ފެނިދާނެކަމަށް އުންމީދުކުރަނީ،" ރާކީ ބުންޏެވެ.

ރިތޭޝް ކިޔާ ވިޔަފާރިވެރިއަކާ ކައިވެނި ކޮށްގެން އުޅޭ ކަމަށް "ބިގް ބޮސް" ގެ ގެއަށް ވަނުމުގެ މާކުރިއްސުރެ ރާކީ ވަނީ ބުނެފަ އެވެ. ނަމަވެސް އޭނާ ހަދަނީ ދޮގު ކަމަށް އެ ޝޯގެ ބައެއް ބެލުންތެރިން ގަބޫލު ކުރެ އެވެ. ރާކީ ހަދަނީ ދޮގު ކަމަށް ގިނަ ބަޔަކަށް ހީވަނީ ދުވަހަކު ވެސް އެ ބުނާ ރިތޭޝް އެއް އެއްވެސް މީހަކަށް ފެނިފައި ނުވާތީ އެވެ.

ރާކީ ބުނީ ރިތޭޝްއަކީ މީޑިއާ ކުރިމައްޗަށް އަންނަން ބޭނުންވާ މީހެއް ނޫން ކަމަށެވެ. އޭނާގެ ފޮޓޯތައް ނުފެންނަނީ އެހެންވެ ކަމަށެވެ.

ރާކީ ހަދަނީ ތެދު ކަމަކަށާއި ހަގީގަތުގައި ވެސް އޭނާ އުޅެނީ ކައިވެނި ކޮށްގެން ކަމަށް ޓީވީ އިންޑަސްޓްރީގައި މަސައްކަތްކުރާ އޭނާގެ ބައެއް އެކުވެރިން ވަނީ ބުނެފަ އެވެ. ނަމަވެސް ރާކީ ވާހަކަ ދައްކާ ގޮތުން އޭނާ ކައިވެނި ކޮށްގެން އުޅޭ ކަމާ މެދު މީހުންނަށް ޝައްކު އުފެދެނީ އެވެ.

ރާކީ އެންމެ ފަހުން ދިން އިންޓަވިއުގައި ބުނީ އޭނާ އާއި ރިތޭޝްގެ ކައިވެންޏަކީ "ޖާއިޒު" ކައިވެންޏެއް ނޫން ކަމަށެވެ. ސަބަބަކީ ރިތޭޝް އޭނާއަށް ވުރެ ކުރިން އެހެން މީހަކާ އިނދެ ކުއްޖެއް ވެސް ހުންނާތީ އެވެ. އަދި ރިތޭޝް އޭނާގެ ކުރީގެ އަނބިމީހާ ވަރި ނުކުރާތީ އިންޑިއާގެ ގާނޫނުތައް ބުނާ ގޮތުގައި އޭނާއާ ކުރި ކައިވެންޏަކީ ޖާއިޒު ކައިވެންޏަކަށް ނުވާނެ ކަމަށް ރާކީ ގަބޫލު ކުރެ އެވެ.

ރާކީ ބުނި ގޮތުގައި "ބިގް ބޮސް" ގެ ގެއިން ނުކުމެވުމާއެކު ރިތޭޝް ކައިރިން ވަރިވުމުގެ މަސައްކަތް ވެސް އޭނާ ކުރާނެ އެވެ.

"އަސްލު ވެސް ރިތޭޝް އެބައުޅޭ. އަހަރެން އޭނާއާ ކައިވެނިކުރީ ދެ މީހުން ވެސް އެކަކު އަނެކަކު ދެކެ ވަރަށް ލޯބިވެގެން. އޭނައަކީ ވަރަށް ބޮޑު ވިޔަފާރިވެރިއެއް. އޭނަ އަހަންނާ ކައިވެނިކުރީ އޮޅުވާލައިގެން. އަންބަކާއި ދަރިއަކު ހުންނަ ވާހަކަ ސިއްރު ކޮށްގެން. މިހާރު އެ ހުރިހާ ކަމެއް ވަނީ ފަޅާ އަރާފަ،" ރާކީ ބުންޏެވެ.

"ބިގް ބޮސް 14"ގެ ޓްރޮފީ މިފަހަރު ލިބުނީ ޓީވީ ބަތަލާ ރޫބީނާ އަށެވެ. ނަމަވެސް ރާކީ އަށް ވެސް މިފަހަރު ގިނަ ބަޔެއްގެ ތާއީދާއި ލޯބި ލިބުނެވެ. އޭނާ ދައްކާ މަޖާ ވާޙަކަ ތަކުން ވަރަށް ޝޯ ބެލި ގިނަ ބަޔެއްގެ މުނިފޫހި ފިލި އެވެ.

މިފަހަރުގެ ސީޒަންގައި ބައިވެރިވީ ފައިސާގެ ދަތިކަން ހުރުމުން ކަމަށް ޚުދް ރާކީ ވަނީ އެއްބަސްވެފަ އެވެ. އަދި ފަސް ފައިނަލިސްޓުންގެ ތެރޭގައި ހިމެނުމުން 14 ލައްކަ ރުޕީސް އާއެކު ޝޯ ދޫކޮށްލަން ލިބުނު ފުރުސަތުގެ ބޭނުން ރާކީ ހިފައި އެންމެ ފަހު ވަގުތު ޝޯ ދޫކޮށްލާފައި ނުކުތީ އެވެ.