އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް އުޅޭ ސްޓެލްކޯގެ މުވައްޒަފުންނަށް ފިޔަވަޅު އަޅާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ސަރުކާރުގެ ކަރަންޓް ކުންފުނިން ވަނީ އެޗްޕީއޭގެ ގަވައިދާ ހިލާފަށް އުޅެގެން ކޮވިޑް ޖެހުމާ ގުޅޭ ގޮތުން ސާކިއުލާއެއް ނެރެފަ އެވެ. އެ ސާކިއުލާ ނެރުމުން މިހާރު ވަނީ ސާކިއުލާ އާންމު ކޮށްލާފަ އެވެ. އަދި އެއާ ގުޅިގެން އާންމުން ވަނީ ސްޓެލްކޯއަށް ފާޑު ކިޔާފަ އެވެ.
އެ ސާކިއުލާގައި ބުނެފައި ވަނީ "މަސައްކަތުގެ މާހައުލުގައި އެޗްޕީއޭގެ ގަވައިދާ ހިލާފަށް އުޅެގެން ކޮވިޑް ޖެހި، އެހެން ކަރަންޓީނު ވާންޖެހިއްޖެ ނަމަ އެކަމުގައި އިހުމާލްވާ ފަރާތްތަކަށް އަޅަންޖެހޭ ފިޔަވަޅެއް އަޅަމުން ދާނެ" ކަމަށެވެ.
ސްޓެލްކޯއިން މިއަދު ބުނީ އެ ކުންފުންޏަކީ 24 ގަޑިއިރު ހިދުމަތްދޭ ތަނަކަށްވާއިރު މުވައްޒަފުން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ކަރަންޓީނަށް ދާނަމަ ހިދުމަތަށް ހުރަސް އެޅިދާނެތީ މުވައްޒަފުންނަށް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރަން އަންގާފައިވާނެ ކަމަށެވެ.
ސްޓެލްކޯ އިން ބުނީ އެއީ މުވައްޒަފުން ފަރުވާ ކުޑަވެގެން އަޅާ ފިޔަވަޅެއް ނޫން ކަމަށާއި ސްޓެލްކޯއަކީ އަބަދުވެސް ހިދުމަތުގައި އޮންނަ ކުންފުންޏަކަށްވާއިރު 15 މިނެޓަށް ކަރަންޓު ކެނޑުނު ނަމަވެސް ވަރަށް ބޮޑަށް ނުތަނަވަސްކަން އޮންނާތީ ސަމާލުވެ ތިބުމުގެ ގޮތުން ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި މުވައްޒަފުންގެ ޝޯޓޭޖެއް އަތުއްވެއްޖެ ނަމަ މަސައްކަތަށް ބުރޫ އަރާނެތީ އެކަމުން ވެސް ސަލާމަތްވާން ކަމަށެވެ.
ބައެއް މުވައްޒަފުން އެޗްޕީއޭގެ އުސޫލުތަކާއި ހިލާފަށް އުޅޭކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ. އަދި ބުނީ ސްޓެލްކޯގެ އެކި ޑިޕާޓްމެންޓްތަކުގައި ޕޮޒިޓިވް ކޭސްތައް އެބަހުރި ކަމަށާއި ބައެއް މުވައްޒަފުން ކަރަންޓީނުގައި ތިބި ކަމަށެވެ.