ހަބަރު

"މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ ހޭދަ ކުޑަ"

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރަންޖެހޭ ހޭދަ އެދެވިގެންވާ މިންވަރަށް ނުކުރެވޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އދ ގެ ސަލާމަތީ މަޖިލީހުގައި ބައިނަލްއަގުވާމީ ސުލްހައާއި ރައްކާތެރިކަމާއި މޫސުމީ ބަދަލުތަކާއި ހުރި ގުޅުންތަކާއި ގުޅޭ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، ކޮވިޑުން އަރައިގަތުމަށް އެތަކެއް ހޭދައެއް ކުރަން ޖެހުމުގެ ސަބަބުން މޫސުމީ ބަދަލުތަކާއި ދެކޮޅަށް ކުރަން ހުރި ކަންކަމަށް ހޭދަ ނުކުރެވި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އެގޮތުން ރާއްޖެއަކީ ބިން ތިރި ގައުމަކަށް ވާއިރު މިފަދަ ގައުމުތަކަށް މޫސުމީގޮތުން އެތައް ގޮންޖެހުންތަކަކާއި ކުރިމަތިވާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ އެތަކެއް ހާސް މީހުންގެ ދިރިއުޅުމަށް ކުރިމަތިވާ ނޭދެވޭ އަސަރުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

އެމަނިކުފާނު ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން އަންހެނުންނަށް ގޮންޖެހުންތަކާއި ކުރިމަތިވާަ ކަމަށާއި، އެކަންކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

މީގެއިތުރުން 2030 ވަނަ އަހަރުގެ ކުރިން ރާއްޖެ ނެޓް-ޒީރޯ އެމިޝަންއަށް ވާސިލުވާން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.