މާލޭގެ ވިޔަފާރި ބަނދަރުގައި ދާދި ފަހުން ހިނގި ދެ އެކްސިޑެންޓްގައި މަރުވި ދެ މީހުންނަކީ އެފަދަ މަސައްކަތެއް ކުރާ ބަޔަކަށް ލިބެން ޖެހޭ އެއްވެސް ތަމްރީނެއް ދީފައިވާ ބައެއް ނޫން ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.
ދެ ހާދިސާ އާއި ގުޅިގެން ސުވާލުކުރުމަށް ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުން އެމްޕީއެލުން ބުނީ، ޕޯޓްގައި މަސައްކަތްކުރާ މީހުންނަށް ސޭފްޓީ ގަވާއިދެއް ވެސް ހެދިފައިވާ ނުވާ ކަމަށާއި އެކަން ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ޕޯޓުގައި ހިނގި ނުރައްކާތެރި ދެ ހާދިސާގެތެރެއިން ބިއްލޫރި ޕެލެޓެއް ވެއްޓި މަރުވެފައި ވަނީ ނ. ލަންދޫ، ފޭރުގަސްދޮށުގޭ، އަބްދުﷲ އާސިމް 27، އެވެ. މި ހާދިސާ ހިނގީ މިދިޔަ މަހުގެ ހަތްވަނަ ދުވަހު އެވެ. އޭނާ މަރުވެފައި ވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ.
ދެވަނަ އެކްސިޑެންޓްގައި ކާޕެޓް ރޯލެއް ދަށުވެ މަރުވެފައި ވަނީ ހދ. ނޮޅިވަރަން، ނައިޓްޑްރީމް، އިމްރާން އަލީ، 28، އެވެ. އެހާދިސާ މިމަހު ފަސްވަނަ ދުވަހު ހިނގާފައިވާއިރު އޭނާ މަރުވީ މިމަހުގެ 17 ވަނަ ދުވަހު އެވެ.
މި ދެމީހުންނަކީ ވެސް އެމްޕީއެލްގެ ޕޯޓް ސަރަހައްދުގައި މަޖޫރީންގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ ދެމީހުންނެވެ. ދެމީހުންނަކީ ވެސް އެވަޒީފާއަށް އަލަށް ވަން ދެމީހުންނެވެ.
މިއަދު އޮތް އެސްއޯއީ ކޮމެޓީގައި އެމްޕީއެލުން ބުނީ މި ދެ ހާދިސާ ހިނގާފައިވަނީ އަލަށް ވަންނަ އެކުންފުނީގައި މަސައްކަތްކުރާ މަޖޫންރީންނަށް ދެވޭންވާ ތަމްރީނުތައް ނުދެވުމާއި ސޭފްޓީ ގަވާއިދުތަކެއް ހެދިފައި ނެތުމުން ކަމަށް އެ ކުންފުނިން ގަބޫލުކުރާ ކަމަށެވެ. ބިއްލޫރި ޕެލެޓް ދަށުވެ އާސިމް މަރުވީ އެވަޒީފާގެ ކާޑު ދެވުނުތާ 14 ވަނަ ދުވަހު ކަމަށާއި، އިމްރާން މަރުވެފައި ވަނީ އެވަޒީފާގެ ކާޑު ދިންތާ ދެވަނަ ދުވަހު ކަމަށް އެމްޕީއެލުން ބުންޏެވެ.
ވިޔަފާރި ބަނދަރުގައި މަޖޫރީންގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ އެއްވެސް ގަވާއިދެއްގެ ދަށުން މަސައްކަތްކުރާ ބައެއް ނޫނެވެ. އެމީހުންނަކީ ދުވަހު އުޖޫރައަށް މަސައްކަތްކުރާ ބައެކެވެ.
މިކޮމިޓީގައި ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ، އެ އޮތޯރިޓީން ބެލިބެލުމުން އެމްޕީއެލްގެ ޕޯޓް ބެލެހެއްޓުމުގައި މިހާތަނަށް އެއްވެސް ސެކިއުރިޓީ އަދި ސޭފްޓީ އިންސްޕެކްޝަނެއް ހެދިފައި ނެތް ކަމަށެވެ.
މި ހާދިސާގައި މަރުވި ދެމީހުންނަކީ ވެސް އޯވާ ވޯކް ކޮށްފައިވާ ދެމީހުންނެވެ. އެމީހުން ނުނިދާ 12 ގަޑިއިރަށްވުރެ ގިނައިރު މަސައްކަތް ކޮށްފައިވާތީ މިކަމުގައި އެމްޕީއެލްގެ އިހުމާލު އޮތްކަމަށް ކޮމިޓީން ވަނީ ބުނެފަ އެވެ. އަދި މިއީ އެމީހުންގެ ރައްކާތެރިކަމާއި ސަލާމަތަށް އެމްޕީއެލް އަދި ޓްރާންސްޕޯތް އޮތޯރިޓީން މިހާތަނަށް ފިޔަވަޅެއް އަޅާފައި ނުވާތީ ދިމާވި ދެ ހާދިސާ ކަމަށްވެސް ކޮމެޓީން ވަނީ ބުނެފަ އެވެ.