ހަބަރު

ފިސްތޯލަ ފެނިގެން ރޭ ހައްޔަރުކުރި ދެމަފިިރިންގެ ބަންދު ޖަހައިފި

Oct 30, 2015
2
  • ރޭ ހައްޔަރު ކުރީ އަޒުލިފް ރައޫފުގެ ކޮއްކޮގެ ދެމަފަރިން
  • ދެމަފިރިންގެ ބަންދަށް ވެސް ކޯޓުން ދިނީ 15 ދުވަސް

ރައީސް އަބްދުﷲ ޔާމީން އަވަރާކޮށްލުމަށް "ފިނިފެންމާ" ލޯންޗުގައި ގޮއްވާލި ބާރުގަދަ ބޮމުގެ ހަމަލާއާ ގުޅިގެން ފުލުހުންނާއި ސިފައިން ފެށި އޮޕަރޭޝަނުގައި ރޭ މއ. ގޯލްޑަން ބީން ބަލައި ފާސް ކުރުމުގެ ތެރޭގައި ފެނުނު ފިސްތޯލައިގެ މައްސަލާގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ދީފި އެވެ.

އަވަސް އަށް ކަށަވަރުވެފައިވާ ގޮތުގައި ފިސްތޯލައިގެ މައްސަލާގައ ހައްޔަރު ކުރީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހަރާކޮށްލުމާއި އެނޫން ވެސް ބޮޑެތި ކުށުގެ ތުހުމުގެ ތުހުމަތުކުރެވޭ އަޒްލިފް ރައުފްގެ ކޮއްކޮ އާއި އޭނާގެ އަންހެނުންނެވެ. އަޒްލިފްގެ އެއް ކޮއްކޮ އަކީ މިދިޔަ އަހަރު ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުނު މައްސަލާގައި ތުހުމަތުކުރެވުނު މީހެކެވެ. މިއީ އަޒްލިފުގެ ދެވަނައަށް ހުންނަ ކޮއްކޮ އެވެ. ފިސްތޯޅައިގެ މައްސަލާގައި ހައްޔަރު ކުރި އެދެމަފިރިން ހައްޔަރު ކުރީ އަޒްލިފްމެންގެ ގެއިންނެވެ.

ރައީސް ޔމީން އަވަހާރަކޮށްލަން މިދިޔަ މަހުގެ 28 ވަނަ ދުވަހު، އެމަނިކުފާނު ދަތުރުކުރެއްވި ލޯންޗުގައި ބޮމެއް ގޮއްވާލި ހާދިސާ އަށް ފަހު ސިފައިންނާއި ފުލުހުން އެކި ތަންތަން ބަލައި ފާސްކުރަމުން ދާއިރު އަޒްލިފްގެ ގެ ހ. ހިލްޓަން ވެސް ރޭ ފާސްކުރި އެވެ. ނަމަވެސް ފިސްތޯލަ ފެނިފައިވަނީ ގޯލްޑަން ބީމް އިންނެވެ.

ރޭގެ ފާސް ކުރުންތަކުގައި އެހެން ބައެއް ހަތިޔާރުވެސް ސިފައިންނާއި ފުލުހުން ވަނީ ހޯދާފަ އެވެ.

އަޒްލިފަކީ އަފްރާޝީމް އަވަހާރަކޮށްލި ހަމަލާ ރޭވުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ މީހެކެވެ. އޭނާ އާއި އިތުރު ބައެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި ނަމަވެސް އެ މައްސަލާގައި ދައުވާކޮށްފައެއް ނުވެ އެވެ. އެހެން ބައެއް މައްސަލަތަކުގައި ވެސް އަޒްލިފަށް ތުހުމަތުކުރެވި ތަހުގީގުތައް ހިނގަމުން ދަނިކޮށް މިދިޔަ ޖެނުއަރީ މަހު އޭނާ ސީރިއާ އަށް ގޮސް ހަނގުރާމާގައި ބައިވެރި، މިހާރު މަރުވި ކަމަށް އާއިލާގެ މީހުންނާ ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ. އަޒްލިފް ފުރައިގެން ދިޔަކަން ކަށަވަރުވެފައި ވިޔަސް އޭނާ ހަނގުރާމަ އަށް ދިޔަ ކަމާއި މަރުވި ކަމެއް ރަސްމީ އެއްވެސް ފަރާތަކުން ކަށަވަރުކޮށެއް ނުދެ އެވެ.

ބޮޑެތި ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށް އަޒްލިފް ފުރައިގެން ދިޔަ މައްސަލަ ބަލަން ރައީސް ޔާމީން އެންގެވި އެވެ