އދ. ގެ އިންސާނީ ހައްގުތަކާބެހޭ ވެރިޔާ، މިޝޭލް ބަޗެލޭ ޝިންޖިއާންއަށް ވަޑައިގަތުމަށް ޗައިނާއިން ދައުވަތު ދީފި އެވެ. ޝިންޖިއާން އަކީ ވީގޫރް މުސްލިމުން އެންމެ ގިނައިން ދިރުއުޅޭ ސަރަހައްދެވެ.
ބީޖިންގައި އޮތް ނޫސް ކޮންފަރެންސެއްގައި ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވަންގް ވެންބިން ވެސް ވަނީ މިޚަބަރު ކަށަވަރު ކޮށްދެއްވާފަ އެވެ. ވިދާޅުވީ ޗައިނާއަށް އަދި ހާއްސަކޮށް ޝިންޖިއާންއަށް ވަޑައިގަތުމަށް ޗީފަށް ދައުވަތު ދެއްވާފައި ވާނެ ކަމަށެވެ.
ޗައިނާއިން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނާއަށް ދައުވަތު ދޭން ނިންމާފައި މިވަނީ ޔޫއެން ހިއުމަން ރައިޓްސް ކައުންސިލް (ޔޫއެންއެޗްސީއާރު) 46 ވަނަ ޝެޝަން ޖެނީވާގައި ހިނގަމުން ދަނިކޮށެވެ.
ޝިންޖިއާން ޕްރޮވިންސްގައި ދިރިއުޅޭ ވީގޫރް މުސްލިމުންނާ މެދު ޗައިނާއިން މުއާމަލާތުކުރާ އިހާނެތި ގޮތް މުޅި ދުނިޔެ ކުށްވެރިކުރެ އެވެ. މުސްލިމުން އަޅުކަންކުރާ މިސްކިތްތައް ތަޅާލައި ރޯދަ ހިފުން މަނާކޮށް އަދި މިފަދައިން އަދާކުރާ ވާޖިބުތަކަށް ބީޖިންއިން ހުރަސްއަޅަމުންދާކަން ހެއްކާއެކު ސާބިތު ކުރެވެން އެބަ ހުއްޓެވެ. އެމެރިކާއާ ކެނެޑާއިން ޗައިނާގެ މިއަމަލާ މެދު ދެކެނީ ނަސްލު ނައްތާލަން ހިންގާ ގަތުލުއާންމެއް ގޮތުގަ އެވެ.
ޗައިނާގެ ފޮރިން މިނިސްޓަރު، ވޭންގް ޔީ، ޔޫއެންއެޗްސީއާރު ސެޝަންގައި ވިދާޅުވީ އެއީ މަސްލަހަތުނަގާލައި ބަދުނާމުކުރަން ދައްކާ ވާހަކަތަކެއް ކަމަށެވެ. ޒިންމާދާރުކަމެއް ނެތި ހަދަހަދައިގެން ދެކެވޭ ވާހަތަކުން އުފެދޭނީ ފިތުނަ ކަމަށެވެ.
"ޝިންޖިއާންގައި މީހުންގެ ހައްގުތައް ދަމަހައްޓާނެ،" ވޭންގް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގާނޫން ހުއްދަކުރާ ހުރިހާ ކަމަކަށް ހުއްދަ އޮންނާނެ ކަމަށާއި ދީނީ މިނިވަންކަމާއި ހެލިފެލިވެއުޅުން މަނާނުވާނެ ކަމަށެވެ.
ފޮރިން މިނިސްޓަރު އެހެން ވިދާޅުވި ނަމަވެސް، ޗައިނާއިން ވިގޫރް މުސްލިމުންނާ މެދު އިހާނެތިކޮށްހިތާ ވާހަކަ ދެކެވޭ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. ހިއުމަން ރައިޓްސް ކައުންސިލް ސެޝަންގައި މިފަހަރު ވާހަކަދައްކަން ފުރުސަތު ލިބުނު ގައުމުތަކުން މިކަމަށް އަލިއަޅުވާލާފައި ވާއިރު ތުރުކީން ވެސް ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.