ބޮލީވުޑް ބަތަލާ ކަރީނާ ކަޕޫރު މިދިޔަ އާދިއްތަ ދުވަހު ވަނީ ދެ ވަނަ ދަރިފުޅު ވިހާފަ އެވެ. އޭނާއަށް މިފަހަރު ވެސް ލިބުނީ ފިރިހެން ކުއްޖެކެވެ. ދަރިފުޅު ވިހައިގެން ހޮސްޕިޓަލުގައި ދެ ތިން ދުވަހު އޮތުމަށްފަހު ގެއަށް އައިސް ކަރީނާ ސޯޝަލް މީޑިއާގައި ޝެއާ ކުރި ފުރަތަމަ ޕޯސްޓް ޚާއްސަކޮށްފައިވަނީ ފިރިމީހާ ސައިފް އަލީ ޚާން އަށެވެ.
މި ޕޯސްޓުގައި ކަރީނާ ވަނީ ސައިފްގެ އާ ފިލްމު "ބޫތު ޕޮލިސް" ރިލީޒްކުރާ ދުވަސް އިއުލާން ކޮށްފަ އެވެ.
"ސައިފް އަލީ ޚާން އާއި އަރްޖުން ކަޕޫރު ބަތަލުގެ ބައި ކުޅެފައިވާ އެޑްވެންޗާ-ހޮރޯ-ކޮމެޑީ 'ބޫތު ޕޮލިސް' އަންނަ ސެޕްޓެމްބަރު 10ގައި ރިލީޒްކުރަން ވަނީ ޝެޑިއުލްކޮށްފައި. ޕަވަން ކިރްޕަލާނީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ޖެކްލީން ފެނާންޑިސް އާއި ޔަމީ ގޯތަމް ބަތަލާގެ ބައި ކުޅެފައިވޭ،" ކަރީނާގެ މެސެޖުގައި ވެއެވެ.
މި ޓީމުން ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ހިމާޗަލް ޕްރަދޭޝް އަށް ގޮސް ފިލްމުގެ ޝޫޓިން ފުރިހަމަކޮށްފަ އެވެ. ސައިފް މި ފިލްމުގެ ޝޫޓިންގަށް ގޮސް ހުރިއިރު ކަރީނާ ވެސް ސައިފް އާއެކު އެ ރަށުގައި ފިލްމު ޔުނިޓާއެކު ގިނަ ދުވަސްތަކެއް ވަނީ ހޭދަކޮށްފަ އެވެ.
މި ފަހަރު ކަރީނާ ލިބުނު ފިރިހެން ދަރިފުޅާއެކު ސައިފް އާއި ކަރީނާ އަށް ވަނީ ދެ ފިރިހެން ކުދިން ލިބިފަ އެވެ. ދޮށީ ދަރިފުޅު ތައިމޫރަށް މިހާރު 4 އަހަރެވެ. ސައިފް ކުރިން ވަނީ ބަތަލާ އަމްރިތާ ސިންގް އާ ކައިވެނިކޮށް އެ ކައިވެންޏަށް ވެސް ދެ ދަރިން ލިބިފަ އެވެ.
ފިލްމީ ބަތަލާ ސާރާ އަލީ ޚާން އަކީ ސައިފް އާއި އަމްރިތާގެ ދެ ދަރިންގެ ތެރެއިން އަންހެން ދަރިފުޅެވެ. މި ދެ މީހުންގެ ފިރިހެން ދަރިފުޅު އިބްރާހިމް އަލީ ޚާން ވެސް މިހާރު ފިލްމު އިންޑަސްޓްރީއަށް ވަނުމުގެ ތައްޔާރީތައް ވަނީ ފަށާފަ އެވެ.