ހަބަރު

ބޭރުގެ މަސްބޯޓެއް ހިފަހައްޓައިފި

ރާއްޖެ ކަނޑުގައި ދާ އަޅައިގެން މަސް ހިފަން އޮތް ބޭރުގެ މަސް ބޯޓެއް ސިފައިން ހިފަހައްޓައިފި އެވެ.

ސިފައިންގެއިން ބުނީ އެ މަސްބޯޓު ހިފެހެއްޓީ ނ. އަތޮޅުގެ އުތުރުން 30 މޭލު ބޭރުން ދާ އަޅައިގެން މަސް ހިފަމުން ދަނިކޮށެވެ.

ބޭރުގެ މި މަސްބޯޓު ފެނިފައި ވަނީ އިއްޔެ އެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ "ދިވެހި މަސް ދޯންޏަކަށެވެ. އެމީހުން ސިފައިންގެއަށް މައުލޫމާތު ދިނުމުން މިހާރު އެ ބޯޓު ވަނީ ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

ރޭ ދަންވަރުގެ ވަގުތެއްގައި އެ މަސްބޯޓު ކުޅުދުއްފުށީ ބަނދަރަށް ގެންދިޔަ އެވެ. އަދި އެމައްސަލަ މިހާރު ތަހުގީގު ކުރަން ވަނީ ފަށާފަ އެވެ.އެ މަސްބޯޓުގައި އަށް މީހަކު ތިއްބެވެ.

މިމަހުގެ ފަސް ވަނަ ދުވަހު ވެސް ރާއްޖެ ސަރަހައްހަށް ވަދެ އުޅުނު މަސްބޯޓެއް ސިފައިންގެއިން ވަނީ ހިފަހައްޓާފަ އެވެ.