(23 ފެބްރުއަރީ 2021 އާ ގުޅޭ)
"ސައި ނިމިއްޖެ، ދެން ނުބޮވޭނެ... އެއަށްވުރެ ކުރީން ކޮފީ ވެސް ނިމިއްޖެ، މިހުރީ ވަރަށް ފުރިފަ." އަސްލަން ތެދު ހާމަކުރި އެވެ.
"އެހެންވިޔަސް އާދެބަލަ، ތިގެއަށް އަހަރެމެން ދާންވީ ދޯ." ލޫނާ ބުންޏެވެ. އޮފީހަށް އަޔަސް މިހާރު އަސްލަންއާ ބައްދަލެއް ނުވެއެވެ. އެގެއަށް އޭނާ އައިފަހުން ވެސް އެތައް ދުވަހެއް ވެއްޖެއެވެ. އޭނާ ހުރީ ނުހަނު ބޮޑަށް އަސްލަން ދުށުމަށް ބޭނުންވެފަ އެވެ.
"އުހޫން! މިއަދަކު ނޫން..." އަސްލަން ބުންޏެވެ. އޭނާ މީހަކާ އިންކަން ކައިރީގަ އުޅޭ އެއްވެސް މީހެއް ގާތު ނުބުނެ އެވެ. އެމީހުން ދައްކާނޭ ވާހަކައާ މެދު އަސްލަން ހާސްވެ އެވެ. އޮފީސްތެރޭގައި އެ ޚަބަރު ފެތުރޭލެއް އަވަސްވާނޭ ކަން ވެސް އެނގެއެވެ. ބައެއްގެ ދުލަކު ނުހިފެއްޓޭނެ އެވެ. ދިމާ ކުރާނޭކަން ވެސް އެނގެއެވެ. މީހަކާ އިންނަން އުޅޭ ކަމުގެ އިޝާރާތެއް ކޮށް ނުލިތާ ކައިވެނީގެ ވަލީމާއެއް ބޭއްވިއިރު ދަޢުވަތެއްހާ ހިސާބު ވެސް ނުލިބުމުން ކުދި ކިޔާނޭ މީހުން ގިނަވާނެ އެވެ. އެކަމުގެ ބަދަލު އެމީހުން އަތުލާނޭކަން ޔަގީންވެއެވެ. ކައިވެނީގެ ސައި ކޮންމެވެސް ސިފައެއްގައި ދޭން ޖެހޭނެކަން ޔަގީނެވެ. އެކަމާ އޭނާ ކަންބޮޑެއް ނުވެއެވެ.
"ތިހާ ބިޒީވެގެން ކީއްތަ ތިކުރަނީ؟" އަސްލަން ދިން ޖަވާބާ ގަޔާ ނުވެގެން ލޫނާ އެއްސެވެ.
"ގޭތެރޭ ކަމެއް ކޮށްލަނީ." އަސްލަންއަށް ސާފު ބަހުން ވާހަކަ ދައްކަން އުނދަގޫވެއްޖެ އެވެ. މީ ކަމެއް ފޮރުވަން އޭނާ އެއް ދޮގު ހެދުމުން ނުކުތް ނަތީޖާ އެވެ. މީހަކާ އިނުމަކީ އޭނާ ކުރި ނުބައި ކަމެއް ނޫނެވެ. އެހެންވިޔަސް އެ ވާހަކަ ދައްކަން އޭނާ ޖެހިލުން ވަނީ އިންތިހާއަށެވެ. ތިމާ ހާދަ ބަދަލުވެއްޖެޔޭ އަސްލަންގެ އަމިއްލަ ހިތަށް ވެސް އެރިއެވެ. މީ ކުރިއަކުން އޭނާ އުޅުނު ގޮތެއް ނޫންކަން އަމިއްލަ ނަފްސަށް ބުނަން އެނގެއެވެ.
ކައިވެނި އިޢުލާން ކުރީ ދުނިޔެމަތިން އަސްލަން ބޭނުންވީ އެންމެ ބޮޑު އުފާވެރިކަން ހާސިލުވި މީހަކު ފަދައިންނެވެ. ގާތްކަން އޮތް ކޮންމެ މީހަކަށް އެ ޙަފުލާއަށް އޭނާ ދަޢުވަތު ދިނެވެ. އަނބިމީހާގެ ނަން އެ ދުލުން ކިޔާލެވެނީ ފަޚުރުވެރި ކަމާއެކުއެވެ. އެއީ އޭނާގެ ހައްޤެއްކަން ޢަމަލުތަކުން މީހުންނަށް ފެންނާނޭކަން ގައިމެވެ. މައިރާއަކީ އަސްލަންގެ ދުނިޔެ އެވެ. މައިރާއާ ވަކިނުވާއިރު އުފާވެރިކަމުގެ ޖަޒުބާތުގެ އަސަރުތައް އެ މޫނާ ނުހަނު ރައްޓެއްސެވެ. ނުތަނަވަސްކަމެއް ލިބިއްޖެނަމަ މައިރާގެ އުނގުގައި ބޯ އަޅާލާ ހިނދުން އެ ހާސްކަމެއް ދުރުވެ ދެއެވެ. ހުރިހާ ކަމެއްގެ ޝިފާ ކަމުގައި އޭރު އަނބިމީހާ ވިއެވެ. އޭނާ މައިރާއާއި ނޯޔާ އަޅާ ކިޔަނީ އެއް ނޫނެވެ. އެ ދެމީހުންނަކީ ތަފާތު ދެމީހުންނެވެ. އުޅުމާއި ތަބީޢަތާއި ބައްދަލުވާ ހިނދު ކޮށްލާ އިޝާރާތާއި މިޒާޖު ވެސް ތަފާތެވެ. އެންމެ ފަހަރަކު އޭނާ އަތް ދަމާލި ނަމަވެސް އެ އަތުގައި ނޯޔާ ޖެހޭހާ ގާތްކަން ވެސް އެނގެ އެވެ. އަދި އޭނާ ނޯޔާގެ އަތުގައި ހިފައިފިނަމަ އަތް ފޮޅުވާ ނުލާނޭކަން ވެސް އަސްލަންގެ ޟަމީރަށް ޔަގީން ވެއެވެ. ދެމެދަށް ވަންނަނީ ހަޔާތުގައި އެންމެ ލޯބިވި އަނބިމީހާގެ ހަނދާންތަކެވެ. ތިން ދަރީންގެ މަންމަގެ މަތިން ހަނދާން ނެތިދާނޭ ކަމުގެ ބިރެވެ. ހިތުގައި ބިންވަޅުނެގި ލޯބީގެ މައްޗަށް ނޯޔާގެ ލޭފަތި އަދާތައް ކުރި ހޯދަފާނޭތީ އެވެ. ލޯތްބަށް ވަގުތު ނުދެވެނީސް ހަށިގަނޑުގެ ހިފެހެއްޓުން ދޫވެ ދާނުގެ ބައިވެރިއަކަށް ނޯޔާ ޚިޔާރު ކުރެވިދާނޭތީ އެވެ. އެ ހުރިހާ ގުޅުމަކަށް ހުއްދަ ލިބިފައި ވިޔަސް އަސްލަންގެ އަމިއްލަ އުސޫލުތަކުގައި ހިފަހައްޓަން އޭނާ ގަދައަޅާ މަސައްކަތް ކުރެއެވެ.
ގެއަށް އައިސް އުޅޭ ގާތް ރައްޓެހިންނަށް ގޭގެ ދޮރު ކުއްލިއަކަށް ބަންދެއް ނުކުރެވޭނެ އެވެ. އެކަމުން އެކުވެރިކަމުގެ ގުޅުން ހީނަރުވެދާނޭތީ އެވެ. ލޫނާގެ ސުވާލުތައް ގިނަވި އެވެ. ކޮންމެ ފަހަރު އަސްލަން އުޒުރުތަކާއެކު ވާހަކަ ހަމަޖައްސާލަނީ އެވެ. އޭނާ ފޯނުކޯލު ނިންމާލި އިރު ވާހަކަ ދައްކަން އިނދެވުނީ އެނދުގަ އެވެ. ތެދުވެގެން ކޮޓަރިން ނުކުތީ ދެބެން ކުރާ ކަމެއް ބަލައިލުމަށެވެ. ކޮޓަރިން ނުކުތުމާއެކު ފުރަތަމަ ވެސް އަސްލަންގެ ލޮލުގައި އަޅައިގަތީ ފޯނު ކަންފަތުގައި ޖައްސާލައިގެން ބެލްކަނީގައި ހުރި ނޯޔާ އެވެ. ފޯނު ތިރިކޮށްލައި އެއަށް ބަލަން ފެށީ ސީރިއަސް ކަމާއެކު އެވެ. އެ މޫނުން ފާޅުވާ އަސަރުތަކުން އެއީ ކާކުގެ ކޯލެއް ކަމާމެދު އަސްލަންގެ ހިތުގައި ސުވާލު އުފެދުނެވެ. އަހާލަން ކުއްލިއަކަށް ހިތް ބޭނުންވީ ކީއްވެ ކަމެއް ނޭނގެ އެވެ. ނަމަވެސް އޭނާގެ ފަސްޖެހުން އެފަދަ ސުވާލަކަށް ފުރުޞަތެއް ނުދިނެވެ. ސޯފާގައި ތިބި ދެބެންގެ ގާތަށް އަސްލަން އަންނަން ފެށި އެވެ. ނޯޔާއަށް އޭނާ ފެނުމާއެކު އެ މޫނުގައިވީ ނުތަނަވަސްކަން އެއްފަރާތްކޮށްލިކަން އަސްލަން އަށް ފާހަގަވި އެވެ. ހަލުވި ފިޔަވަޅުގައި ނޯޔާ ގޮސް ކޮޓަރިއަށް ވަނީ އެވެ. ހިތުގައި ސުވާލުތައް ފުނިޖެހެން މެދުވެރި ސަބަބަކަށް ނޯޔާގެ އެ ޢަމަލު އަސްލަންއަށް ވިއެވެ.
"ކާކުބާ ގުޅީ؟... ކިހިނެއްވީބާ؟" ކުދީންގެ ގާތު ސޯފާގައި އަސްލަން އިށީންއިރު އޭނާއަށް ފާހަގަ ނުވިޔަސް ހުރިހާ ސަމާލުކަމެއް ނޯޔާ އަތުލައިފިކަން ޔަގީނެވެ.
ސޯފާގައި ސާރާ އިށީނދެލައިގެން އިނެވެ. މަލްސާ އޮތީ އޮށޯވެލައިގެންނެވެ. ދެ ކުދީން ކާޓޫނު ބަލަނީ އެވެ. ކައިރީގަ ހުރި ހެއްލޭ ގޮނޑީގައި އަނުމް އޮތެވެ. ތިން ކުދީންނަށް ވަކިވަކިން އަސްލަން ބަލާލި އެވެ. ކުރިއަށް އޮތީ ސްކޫލުތައް ފެށޭނޭ ދުވަހެވެ. އެކަމާ އޭނާ އެ ދެބެންނާ ވާހަކަ ދައްކަން ހުރީ ގަސްދު ކޮށްގެންނެވެ. ޗުއްޓީ ކުރުކޮށްލައި އޮފީހަށް އެނބުރި ނުކުންނަން އަސްލަން ގަސްދު ކުރާއިރު ޢާއިލާއާއެކު ހޭދަކުރާ ވަގުތު މަދުވާނެ އެވެ. ހުރިހާ ވަގުތަކު ދަރީންގެ ކަންކަން ކޮށްދިނުމަށް އޭނާއަކަށް ނުހުރެވޭނެ އެވެ. ސްކޫލަށް ގެންދިއުމާއި ބަލާ ދިއުމަކީ ކޮންމެ ދުވަހަކު އަސްލަންއަށް ކުރެވޭނޭ ކަންކަމެއް ނޫނެވެ. ކުރީން އޭނާއަށް އެފަދަ ކަންކަމުގައި އެހީވަނީ ރިދާނެވެ. ސްކޫލު ދޮށަށް މަންމަ ފޮނުވުމުގެ ބަދަލުގައި ރިދާން ހުންނަނީ އެހީވާން ތައްޔާރަށެވެ. އެ މައުޟޫޢުއަކީ ނޯޔާއާ މަޝްވަރާ ކުރަން އަސްލަން ގަސްދު ކޮށްފައި ކަމެކެވެ. ދަރީންގެ ހުރިހާ މަސްޢޫލިއްޔަތެއް ނަގައިގެން ހުރި މީހަކީ ނޯޔާއަށް ވީމައެވެ. އޭނާ ހުއްޓަސް ނެތަސް ދަރީންނަށް ބޭނުންވާ ކަންކަން ދެނެގަތުމާއި އެކަންކަން ކޮށްދިނުމުގައި ނޯޔާ ކުޅަދާނައެވެ.
* * * * *
"ކަމަކާ ބޯގޮވައިގެންތަ އެ އުޅެނީ؟" ސައި ކޯވަރު ދިރުވާލައި ލޫނާ އަހާލީ ކުރިމަތީ އިން ހުސެންގެ ގާތުގައެވެ. އޭނާ ދެއްކި ވާހަކައާ ގުޅުވާފައެވެ. އަސްލަން ބައިވެރި ނުވުމުން އޮފީހުން ނުކުތުމުގެ ޚިޔާލު ލޫނާ ދޫކޮށްލީ އެވެ. ދެ މީހުން ތިބީ ސައި ކޮޓަރީގަ އެވެ. ބޭރުން ގެނައި ހެދިކާއާ ސައިބޯށެވެ.
"ނޭނގެ ތިއެއްވެސް، މި ބުނީނު މަށަށް ވެސް ދިނީ ލޫނާއަށް ދިން ކަހަލަ ޖަވާބެކޭ، ބޯސަކަރާތްވާނެ ދޯ، އެހާލު ޖެހުނީމަ މަ ނަމަވެސް ބޯގޮވާނެ." ހުސެން ބުންޏެވެ.
"އެކަމަކު ދެން އެގޮތަށް އަބަދު އުޅުން ހެލްތީ ދިރިއުޅުމަކަށް ނުވާނެ، މޫވްއޯން ކުރަންޖެހޭނެ، މައިއަކީ އަހަރެންގެ ވެސް ފްރެންޑެއް، މަރަކީ ހިފެހެއްޓޭނެ ކަމެއްނޫން، ކިހާ ދުވަހެއްމިވީ އޭގެ ފަހުން، އަސްލަންގެ ފެމެލީ ވަރަށް ސަޕޯޓިވް، އަހަރެން ކައިރީ ބުނެލިޔަސް އޭނާއަށް އެހީވާނެކަން އެނގޭނެ." އަސްލަން ކަންތައް ކުރާ ގޮތާ ގަޔާނުވެފައި ލޫނާ އިނެވެ.
"އޭނާ މައިރާދެކެ ވީ ލޯތްބެއް އެހެން އަންހެނެއް ދެކެ ނުވެވޭނޭ ބުނޭ، ކައިވެންޏެއް ކުރުމުގެ ޚިޔާލެއް ނުގެންގުޅޭ، ދުވަހަކު ވެސް ނުކުރާނަމޭ އަސްލަން ބުނަނީ... އަނތްބެއް ބޭނުމެއް ނޫނޯ... އެހެން ނޫނަސް ތިން ދަރީންނާއެކު އޭނާއާ އިންނާނީ ކާކު؟ އަހަރެން ވެސް ހިތަށް އަރަނީ މޫވްއޯން ކުރުން ފަސޭހައެއް ނުވާނޭ." އެކުވެރިޔާގެ ވާހަކަތަކާމެދު ވިސްނަން އިނދެ ހުސެން ބުނެލި އެވެ.
"އޭނާ ބޭނުންވާނަމަ... އަހަރެން... ކައިވެނި ކޮށްފާނަން، އޭނާއަށް އެކުދީން ބަލައިދޭނަން، މައިރާ އިތުބާރުކުރާ އެކުވެރިޔެއް އަހަރެންނަކީ." ހިތުގައި އޮތް އެއްޗެއް ހުސެންގެ ކުރިމައްޗަށް ލޫނާއަށް ހުޅުވާލެވުނެވެ. ހުސެން އިރުކޮޅަކު ބަލަން އިނދެފައި ހީނގަނެއްޖެ އެވެ.
"އަސްލަން ކައިރީ ބުނަންވީނު." ހުނުން ހުއްޓާލައި ހުސެން ވާހަކަ ދެއްކި އެވެ.
"ނުކެރޭނެ... ހުސެން އެ ޚިޔާލު ދީބަލަ އޭނާއަށް." ލޫނާ ރަކިވެފައި އިން ކަހަލަ އެވެ.
"ހިޔެއް ނުވޭ ޤަބޫލު ވާނެހެން." ހުސެންއަށް ވަރަށް ބޮޑަށް ޔަގީންވާތީ ބުނެލިއެވެ.
"އެހެންވިޔަސް ދެއްކީމައެއްނު އެނގޭނީ، ހިނގާބަލަ ދެ މީހުން އެގެއަށް ދަމާ، އެކަމަކު އަހަރެން ހުއްޓާ އެކަހަލަ ވާހަކައެއް ނުދައްކާތި، ތި ދެމީހުން އެކަނި ތިބޭ ވަގުތަކު ބުނާނީ... މަށަށް އަޕްޑޭޓް ދޭންވާނެ."
"އަސްލަންއާ ނީނދެ މަށާ އިންނަންވީނު." ހުސެން ބުނެލި އެވެ. އެހެންބުނެ މިފަހަރު ޖަހާލި ހުނުން ބާރު ވެލި އެވެ. ލޫނާ ވަގުތުން މޫނު ހަދާލިއެވެ. ކޮންކަމެއް ސަމާސާއަކަށް ނުހަދަން ލޫނާ ބުނެލި އެވެ.
"މަށަށް އެނގިފަ އޮތީ މި އޮފީހުގަ ލޫނާއަށް ކަމުދާ ގޮތެއްހުރި ފިރިހެނަކީ ހަމައެކަނި އަސްލަންކަން، އަނެއްކާ މިހާރު ގުޅުމެއް އުފައްދަން އެއްވެސް ހުރައެއް ވެސް ނެތް، އޭނާ އެ ހުރީ ހުހަށް، އެކަމަކު ބުނަން... އޭނާ ނޫނެކޭ ބުނާތަނުން އަހަރެމެންގެ މެދުގައި މިއޮތް އެކުވެރިކަން ފަނިކޮށް ނުލައްޗޭ." ހުސެން ބުންޏެވެ.
"މިހާރު ފެންނަ އަސްލަން ކަމަކަށް އެއްބަސް ކުރުވުން ފަސޭހަނުވާނޭކަން އެނގޭ، އެހެންވިޔަސް ޗެލެންޖު އެކްސެޕްޓެޑް... އަހަރެން ވެސް ބަލާނަން ކިހާ ދުވަހުތޯ އޭނާއަށް ނޫނެކޭ ބުނަން ކެރޭނީ، ކިތަންމެ ދުވަހެއް ވިޔަސް އޭނާގެ ކުދީންނާއެކު ބަލައިގަންނަން އަހަރެން ތައްޔާރަށް ހުރިކަން އަންގައިދޭނަން." މާނަވީ ހިނިތުންވުމެއް ލޫނާ ބަދަލުކޮށްލިއެވެ. އަސްލަންގެ ހިތް ފަތަޙަކުރުމުގެ ސާބިތުކަމާއި އުޒުމް ލޫނާގެ ހިތުގައި ފުންވެފައި ވިއެވެ.
"އެނގިދާނެތާ..." ހިނިއައިސްފަ އިނދެ ހުސެން ބުންޏެވެ.
* * * * *
ޚިޔާލުތައް ހާވިޔާވީ ފަހަތުން ފިރިމީހާ ގާތްވެލިކަމުގެ ބީހުން އަރީނަށް އިޙްސާސް ކުރެވުމުންނެވެ. ދެ ލޯ މަރައިގެން އޮންނަތާ ގިނައިރުތަކެއް ވެއްޖެއެވެ. އެހެންވިޔަސް އަރީންގެ ލޮލަށް ނިދި ސަވާރުވާގޮތެއް ނުވިއެވެ. ސިކުނޑިއާއި ހިތުގެ ތެރޭ ތަސައްވުރުވަނީ ހުޅުވާލި ދޮރުން ފާޅުވި ފުރިހަމަ ޒުވާނާއެވެ. ދައުރުވުން ލަސްކޮށްލެވިފައިވާ މަންޒަރެކޭ ތަފާތެއް ނެތެވެ. ބަޔާންކުރަން ދަތި ބޭނުންވުމަކަށް އަރީން ކަރު ހިއްކަނީ އެވެ. ހަޤީޤަތެއް ނުވި ނަމަވެސް ޚިޔާލުތަކުގައި ހުވަފެނީ ފިލްމެއް ކުޅެވެން ފަށައިފިއެވެ.
"ރީން..." ކަންފަތް ދޮށުން ބުނެލި ސިއްރެއް ފަދައިން އިވިލީ ފިރިމީހާގެ އަޑެވެ. އެހެންވިޔަސް އަރީން ޤަބޫލުކުރީ، ޚިޔާލުގައިވި ޒުވާނާގެ ދެ ތުންފަތުން އެ އަޑު ނުކުތް ފަދައިންނެވެ.
"ނިދީތަ..." ލުއި ބޮސްދިނުންތަކާ ފަވާދުގެ އަޑު ގުޅިގެން އައެވެ. އެފަދަ ގާތްކަމާއި ބީހުމަކަށް އަރީން އެދުންވެރި ކުރުވީ ކުރެވެމުންދިޔަ ޚިޔާލުތަކެވެ. ނުނިދާކަން ހާމަކުރަން މަޑުމަޑުން އަރީން އަޑެއް ލައްވާލިއެވެ.
އަނބިމީހާއަށް ބޭނުންވެފައިވާކަން ފަވާދު ހާމަކުރިއެވެ. ރަޖާގެ ދަށުގައި ފޮރިވިގެން އޮތް އަރީންގެ ފަލަމަސްގަނޑުގައި ފަވާދުގެ އަތްތިލަ ބީހިލައިފިއެވެ. ގާތަށް ދަމާލުމުން ވެސް އަރީން ހަރަކާތެއް ނުކުރިއެވެ. ފަވާދަށް ފުރުޞަތު ދީގެން އޮތީއޭ އޭނާއަށް ހީވިޔަސް ހަޤީޤަތަކީ އެޔެއްނޫނެވެ. މެރިފައިވާ ދެ ލޯ ބަލަމުންދިޔަ ކުލަ ރީތި މަންޒަރު ގެއްލެން އަރީން ނޭދެނީއެވެ. އަނބިމީހާގެ މޫނު ދުށުމަށް އެދި ފަވާދާ ދިމާއަށް އަރީން އަނބުރާލިއެވެ. ލޯމަރާލައިގެން އަރީން އޮތުމުން ފަވާދު ހައިރާންވިއެވެ. އެހެންޏާ އަރީން ބަސްމަދުވެ ހަރަކާތެއްނުކޮށް އޮންނަ ވަގުތަކަށް އެފަދަ ވަގުތެއް ނުވެއެވެ. ލުއި ހިނިތުންވުމެއް ފަވާދުގެ ތުންފަތަށް ވެރިވިއެވެ. އަނބިމީހާގެ ނޭވާޔާ ނޭވާ ގުޅުނީ މަދު ހިނދުކޮޅެއްގެ ތެރޭއެވެ. ފަވާދުގެ ހަރަކާތްތައް އަރީން ހުއްޓުވިއެވެ. ޢާއްމުކޮށް ދެ މީހުން ކުރިމަތިލާ ގޮތް އަރީން ބަދަލުކޮށްލަން ގަސްދުކުރާކަން ބުނެލިއެވެ. އެކަމާ މާބޮޑު ވިސްނުމެއް ފަވާދު ނުވިސްނިއެވެ. އޭނާ ހުރީ ކަމަކާ ވިސްނޭފަދަ ހާލަތެއްގައެއްނޫނެވެ. އަރީން އަނެއްކާ ވެސް އެނބުރުނީ އަނެއްފަރާތަށެވެ. ފިރިމީހާއަށް ފުރަގަސްދީގެންނެވެ.
އަވަސްވެފައިވި ހިތުގެ ތެޅުން ހަމަޖެހެން ވަގުތު ނެގިއެވެ. ފުރަތަމަ ފަހަރަށް އެހެން ފިރިހެނެއްގެ ޚިޔާލުތަކުގައި ބަނދެވި އޮވެ ފިރިމީހާއާއެކު އަމިއްލަ ހަށިގަނޑަށް އަރީން އުފާ ހާސިލުކޮށްފިއެވެ. އެހެންޏާ ލިބޭ ހިތްހަމަޖެހުމަށްވުރެ ލިބުނު ހިތްހަމަޖެހުން އިތުރުވިހެން އަރީނަށް އިޙްސާސް ކުރެވުނެވެ. ނަމަވެސް އޭނާގެ ކަރުހިއްކުން އެންމެ ފުރިހަމަ ގޮތުގައި ފިލައިގެން ނުދިޔައެވެ. އެއިން ކަމެއްގެ ކުޑަ ވެސް ހިލަމެއް ފަވާދަށް ނުވެއެވެ. ކުށުގެ ޒަރެއްގެ މިންވަރު ވެސް އަރީންގެ ނަފްސުގައި ނުވެއެވެ. ކުރެވުނީ ކިހާ ނުބައިކަމެއްކަން އޭނާ ހިތަށް ވެސް ނާރައެވެ.
"ދެން ފެންނާނީ ކޮންއިރަކުން... ބައްދަލުކުރަން ދާންވީތަ؟ ގޮސްފިއްޔާ ފެންނާނެތަ؟" ތިރީތުންފަތުގައި ދަތްއަޅާލައިގެން އޮތް އަރީންއަށް ހިތާހިތާ އަހާލެވުނެވެ.
* * * * *
ވަޒީފާއަކަށް ކުރިމަތިލީ ނަމަވެސް އެ ހަނދާން ނޯޔާ ހުރީ ނެތިފަ އެވެ. އެތަނުން ޚަބަރެއްނުވެ އެތައް ދުވަސްތަކެއް ދިއުމުން ވެސް އަޅާނުލީ ވަޒީފާއަކަށް ނުކުމެވެން ނެތްކަން އެނގޭތީ އެވެ. ނަމަވެސް އޭނާއަށް ނުދަންނަ ނަންބަރަކުން އައި ފޯނުކޯލުން ލިބުނީ ވަޒީފާ ހަމަޖެހުނު ކަމުގެ ޚަބަރެވެ. އުފާވި އެވެ. ހަމައެއާއެކު ނޭނގޭ ނުތަނަވަސްކަމެއް ވެސް ހިތަށް ލިބުނެވެ. އިންޓަވިއުއަކަށް ދާން ނުޖެހި ވަޒީފާ ހަމަޖެހުމުން މިއީ ޔަގީނުން ވެސް އޭނާއާ ކުރިމަތި ކުރުވި އިމްތިހާނެއްކަން ނޯޔާގެ ޟަމީރު ބުނެލި އެވެ. ޖަވާބެއް ދޭން ނޭނގިފައި އިރުކޮޅަކު މަޑުކޮށްލި ނޯޔާ ވާހަކަ ދެއްކީ ދެނެވެ. އެއްފަރާތުގައި ވަނީ އޭނާ ހާސިލު ކުރުމަށް ދުށް ހުވަފެންތަކެވެ. އެކަމަށް ޓަކައި އޭނާ ހޭދަކުރި ދުވަސްތަކެވެ. އުނގެނުނު އުނގެނުން ތަކެވެ. ހިތަށް ގޮތެއް ނުވެއެއް ނުހުންނާނެ ނޫން ހެއްޔެވެ. އޭނާ އެކަމެއް ކުރާ ހިތުން ތައްޔާރުވާން ފެށީ އިއްޔެއަކު ނޫނެވެ. ޢާއިލީ ޒިންމާގެ ސަބަބުން ވަޒީފާއަށް ނުކުމެވެން ނެތްކަން ނޯޔާ ހާމަކުރީއެވެ. ކޯލު ކެނޑިގެން ދިޔަ ހިނދު އެހިތުގެ ހިނގުން މަޑުޖެހިލި ކަހަލައެވެ. ދެން ދުވަހަކުވެސް އޭނާ ކުރާހިތްވާ ކަމެއް ކުރުމުގެ ފުރުޞަތެއް ނުލިބޭނެބާއޭ ހިތް އަހާލިއެވެ. އެ ސުވާލަށް ދޭނޭ ޖަވާބެއް ވެސް ނެތެވެ. ހުރިހާ އިޚްސާސެއް ދިރުވާލީ ސޯފާގައި ތިބި ދެބެންނަށް ބަލާލާފައެވެ. އެހިނދު އެ ދިމާއަށް އަންނަ އަސްލަން ފެނިއްޖެ އެވެ. އެ ދެ ލޮލުގައި ހުރި ސަމާލުކަން ނުހަނު އަވަހަށް ފާހަގަވެ ނޯޔާ ހިނިތުންވުމެއް ވެރިކޮށްލި އެވެ. އަސްލަން ސުވާލެއް ކޮށްފާނޭ ހީވީއެވެ. ހަލުވި ފިޔަވަޅުގައި ކޮޓަރިއަށް އައިސް އޭނާ ވަނެވެ. ނަފްސު ހަމައަކަށް އަޅުވާލަން ވަގުތުކޮޅެއް އޭނާ ބޭނުންވީއެވެ.
ނޯޔާ ކޮޓަރިން ނުކުތް ވަގުތާ ސަބީނާ އެބަޔަށް އައިސް ވަން ވަގުތާވީ އެއްވަގުތަކަށެވެ. ނޯޔާ ފެނުމާއެކު ސަބީނާ އެދުނީ ކިރުތަށިލާފައި ގެނައި ތަބަށް ބޭނުންވެއްޖެ ކަމެވެ. އެބުނާ ކިރުތަށްޓެއް ވެސް ތަބަކެއް ވެސް ނޯޔާ ނުދެކެއެވެ. އެ އަޑު އިވުނު އަސްލަން ފުންމައިގެން ތެދުވި ގޮތް ނޯޔާއަށް ފެނުނެވެ.
"ކަބަޑުމަތީ އެ ހުރީ." އަސްލަން އިޝާރާތްކޮށް ދައްކާލީ ނޯޔާއަށެވެ.
ބަދިގޭ ތިރީ ކަބަޑުތައް މަތީ ތަބަކެއްގައި ހުރި ދެ ބިއްލޫރި ތަށި ނޯޔާއަށް ފެނެއެވެ. އެއީ އެބައިގަ ހުރި އެއްޗެހި ކަމުގައި ނޯޔާ ހުރީ ހީ ކޮށްގެންނެވެ. އެ ތަށިތަކުގައި ކިރު ގެނައިކަމެއް ކުޑަކޮށް ވެސް ނުދެނަ ހުއްޓެވެ. އެ ތަށިތައް ދޮވުނީ އޭނާއެއް ނޫނެވެ. ކައިވެނި ކުރި ރޭ ނޯޔާ ކޮޓަރިއަށް ވަންފަހުން މަލްސާއާއި ސާރާ ބޭނުން ވުމުން ކިރުތަށްޓެއް ހިފައިގެން ސަބީނާ އައީ ކަމުގައި މިފަހަރު އޭނާ ޤަބޫލު ކޮށްލިއެވެ. އެންމެވުން ގާތީ އެގޮތް ކަމުގައިވީމަ އެވެ. ތަބަކުގައި ދެ ތަށި ގެނެސް ސަބީނާއާ ނޯޔާ ހަވާލު ކުރިއެވެ. އޭނާ ކަމެއްގައި އުޅެމުން އައީ ކަހަލަ އެވެ. މަޑުނުކޮށް ދިޔައީ އެވެ. ދޮރު ލައްޕާލުމާއެކު ނޯޔާގެ ނަޒަރު އަސްލަންއަށް ހުއްޓުނެވެ. ބުނަންވީ ކީކޭކަމެއް އަސްލަންގެ ހިތާއި ސިކުނޑިއަކަށް ނޭރި އެވެ. (ނުނިމޭ)