ބޮލީވުޑް

ރަންބީރު - ދިޕިކާގެ ޖޯޑު، އަހަންނާ ޝާހްރުކްއާ އަޅައެއް ނުކިޔޭނެ: ކާޖޮލް

Oct 31, 2015
1

ޝާހްރުކް ޚާން އާއި ކާޖޮލް ވަނީ އެކުގައި ގިނަ ހިޓް ފިލްމުތަކެއް ކުޅެފަ އެވެ. މިދެތަރިން ސްކްރީންތަކުގައި ދައްކާލާ މޮޅު ކެމިސްޓްރީއެއް ދައްކާލެވޭ ވަރުގެ އިތުރު އެހެން ޖޯޑެއް މިހާތަނަށް ވެސް ބޮލީވުޑަށް އުފަންނުވާ ކަން، ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު މިދެތަރިން ކުޅޭ ފިލްމު "ދިލްވާލޭ" އަށް މިހާރުއްސުރެން ފެށިގެން ލިބެމުން އަންނަ ތަރުހީބުން އެނގެ އެވެ.

މިދެތަރިން ވައްޓާލެވޭވަރުގެ އިތުރު ޖޯޑެއް ކުރިއަށް އޮތް ތަނުގައިވެސް ބޮލީވުޑުން ފެނިގެންނުދާނެ ކަމަށް ބުނަމުން އަންނަނިކޮށް، ކުރީގެ ދެލޯބިވެރިން ކަމަށްވާ ރަންބީރު ކަޕޫރާއި ދިޕިކާ ޕަދުކޯންގެ އަންނަ މަހު ރިލީޒްކުރާ ފިލްމު "ތަމާޝާ"އިން މިދެތަރިންގެ ކެމިިސްޓްރީއިން މިއީ ކުރިއަށް އޮތް ތަނުގައި ބޮލީވުޑުން ފެނިގެންދާނެ ދެވަނަ ޝާހްރުކް އާއި ކާޖޮލް ކަމަށް ބުނާ ފަރާތްތައް މިވަނީ ގިނަވެފަ އެވެ.

"ތަމަޝާ"ގެ ޓްރެއިލާ އާއި ލަވަތައް އާންމުކުރިފަހުން ރަންބީރާއި ދިޕިކާގެ ކެމިސްޓްރީ ޝާހްރުކް އާއި ކާޖޮލްގެ ކެމިސްޓްރީއާއި ގާތްކުރާ ކަމުގެ ވާހަކަތައް ދެކެވޭލެއް ގިނަ ނަމަވެސް، ކާޖޮލް ދެކޭ ގޮތުގައި އެހެންތަރިންނާއި އޭނާ އާއި ޝާހްރުކްގެ ޖޯޑާއި އަޅައެއް ނުކިޔޭނެ އެވެ.

ކާޖޮލް ބައިވެރިވި އިވެންޓެއްގައި ބޮލީވުޑްގެ އާ ޝާހްރުކް - ކާޖޮލް ޖޯޑަށް ރަންބީރާއި ދިޕިކާ ވެދާނެތޯ އެހެމުން އެއްވެސް މީހަކާ އެހެންމީހަކާ އަޅާކިޔާނީ ކިހިނެއް ކަން އޭނާ އަށް ނޭނގޭ ކަމަށް ބުނެފަ އެވެ.

"އަހަންނަކަށް ދިޕިކާ އުޅޭގޮތަށް ނޫޅެވޭނެ. އަދި ދިޕިކާ އަކަށް އަހަރެން އުޅޭ ގޮތަށް ނޫޅެވޭނެ. ހަމަ އެގޮތަށް އަހަންނާއި ޝާހްރުކް އަށް ރަންބީރާއި ދިޕިކާ އަކަށް ނުވެވޭނެ" ކާޖޮލް ބުނެފައިވެ އެވެ.

"ތަމާޝާ" އަންނަ މަހުގެ 27 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު "ދިލްވާލޭ" ރިލީޒްކުރަނީ 26 ޑިސެމްބަރުގަ އެވެ.

ޝާހްރުކް އާއި ކާޖޮލް އެންމެ ފުރަތަމަ ކުޅުނު ފިލްމު "ބާޒީގަރް" އިން މިދެތަރިން ދައްކުވައިދިން ޖާދޫގައި ބެލުންތެރިން ޖެހިފައިވާއިރު، އޭގެފަހުން ވެސް "ދިލްވާލޭ ދުލްހަންޔާ ލޭޖާއެނގޭ" "ކަބީ ހުޝީ ކަބީ ޣަމް" އާއި "ކުޗް ކުޗް ހޯތާހޭ" އަދި "މައި ނޭމް އިޒް ޚާން" ހިމެނެ އެވެ.

ރަންބީރާއި ދިޕިކާ މިހާތަނަށް އެކުގައި ކުޅެފައިވަނީ ތިން ފިލްމެވެ. އެއީ "ބަޗްނާ އެއި ހަސީނޯ" "ޔޭ ޖަވާނީ ހޭ ދިވާނީ" އާއި "ތަމާޝާ" އެވެ.