ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް: 184 މީހަކު ޕޮޒިޓިވްވި ދުވަހެއް

ރާއްޖެއިން އިތުރު 184 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 19,346 އަށް އަރާފަ އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 145 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އަނެއް 34 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. މިއަދު ހެދީ 3،993 ކޮވިޑް ޓެސްޓެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 2،441 މީހުންނެވެ. މިހާތަނަށް 16،838 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 162 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އައިސީޔޫގައި ތިން މީހަކަށް ފަރުވާ ދެމުންދާއިރު އެކަކު އޮތީ ވެންޓިލޭޓަރުގައެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވީ 52 ދިވެހިންނާއި 8 ބިދޭސީއެކެވެ. މި މަހު މިހާތަނަށް ކޮވިޑް ބަލީގައި 8 މީހަކު މަރުވެއްޖެ އެވެ. ހޮނިހިރު ދުވަހު ދެ މީހަކު މަރުވިއެވެ. އަދި މިދިޔަ ޖަނަވަރީގައި ކޮވިޑް ބަލީގައި ހަތަރު މީހަކު މަރުވިއެވެ.

މާލޭގައި ކޮވިޑް-19 އިގެ ހާލަތު ވަރަށް ގޯސްވެ ކޮންޓްރޯލުން ނެއްޓިފައިވާ ކަމަށާއި އެކަމާ ގުޅިގެން ފިޔަވަޅުތައް ހަރުކަށި ކުރާނެ ކަމަށް ހެލްތް މިނިސްޓަރު ކެރަފާ އަހުމަދު ނަސީމް މިއަދު ވަނީ އިންޒާރު ކުރައްވާފައެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެ ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ މިހާރުވެސް ވަނީ ވަރުގަދަ ކޮށްފައެވެ. އެގޮތުން ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެވެ. ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި، ހާއްސަކޮށް މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާތީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް މި މަހުގެ ދެވަނަ ދުވަހުވެސް ވަނީ ވަރުގަދަ ކޮށްފައެވެ. މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 12 އިން ފެށިގެން ފަތިހު ހަތަރަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަަށް ނިކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ.

ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް ކުރިއަށް ކާފިއު ދަނީ ހިންގަމުންނެވެ. ކަސްރަތު ކުރާ މީހުންނާއި އުމުރުން ދުވަސް މީހުންނަށް ފިޔަވައި، ޕާކުތައްވެސް ވަގުތީ ގޮތުން ބަންދުކުރަން އަންގާފައިވާއިރު، ގިނަ ބަޔަކު އެއްވެގެން ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތްތަކާއި ޓީމު ކުޅިވަރުތައް ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ. އަދި ނާސަރީ އާއި ޕްރީ-ސްކޫލް ހިދުމަތްދޭ ތަންތަން ބަންދުކުރުމުގެ އިތުރުން ޔުނިވާސިޓީތަކާއި ކޮލެޖުތައް އޮންލައިންކޮށް ކިޔަވައި ދިނުމަށް ވަނީ އަންގައިފަ އެވެ.

މިހާރުވެސް ޕާޓީތަކާއި ހަފްލާތައް އަދި ރަސްމިއްޔާތުތައް ބޭއްވުންވެސް މަނާކޮށްފައިވާއިރު، ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ މީހުން 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރަމުންވެސް ގެންދެއެވެ.