ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ފިޔަވަޅުތަކުން ނަތީޖާއެއް ނެތް، ބައްޔާމެދު ސަމާލުކަން ކުޑަ: ޓެގް

ކޮވިޑް-19 އިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވި ނަމަވެސް ބައެއް މީހުންގެ އަމަލުތައް ހުންނަ ގޮތުން ފިޔަވަޅުތަކުން އެކަށީގެންވާ ނަތީޖާއެއް ފެންނަމުން ނުދާ ކަމަށް ޓެގް ޓީމުން ބުނެފި އެވެ.

ކޮވިޑްޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެ ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި ވަނީ މި މަހުގެ ދެވަނަަ ދުވަހުން ފެށިގެންނެވެ. އެ ގޮތުން ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް ކުރިއަށް ކާފިއު ދަނީ ހިންގަމުންނެވެ. ކަސްރަތު ކުރާ މީހުންނާއި އުމުރުން ދުވަސް މީހުންނަށް ފިޔަވައި، ޕާކުތައްވެސް ވަގުތީ ގޮތުން ބަންދު ކޮށްފައިވާއިރު ގިނަ ބަޔަކު އެއްވެގެން ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތްތަކާއި ޓީމު ކުޅިވަރުތައް ވެސް ވަނީ މަނާކޮށްފަ އެވެ. އަދި ނާސަރީ އާއި ޕްރީ-ސްކޫލް ހިދުމަތްދޭ ތަންތަން ބަންދުކުރުމުގެ އިތުރުން ޔުނިވާސިޓީތަކާއި ކޮލެޖުތައް އޮންލައިންކޮށް ކިޔަވައި ދިނުމަށް ވަނީ އަންގައިފަ އެވެ.

ޕާޓީތަކާއި ހަފްލާތައް އަދި ރަސްމިއްޔާތުތައް ބޭއްވުން ވެސް ވަނީ މަނާ ކޮށްފަ އެވެ.

އެޗްއީއޯސީގެ މިރޭގެ ނޫސްވެރިންގެ ބައްދަލްވުމުގައި ޓެގް ޓީމުގެ މެންބަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ކޮވިޑްގެ ހާލަތު ކުރީން ގޯސްވި ދުވަސްތަކުގައި ފިޔަވަޅުތައް ހަރުކަށި ކުރުމުން ނަތީޖާ ނުކުތް ނަމަވެސް މިފަހަރު އެޅި ފިޔަވަޅުތަކުން އެކަށީގެންވާ ނަތީޖާއެއް ފެންނަމުން ނުދާ ކަމަަށެވެ.

"ދެވަނަ ސާޖާ އަޅާބަލާއިރު، ކުރީ ފަހަރުތަކާއި އަޅާބަލާއިރު މި ފަހަރު ވެހިކަލް ދުއްވުން މަނާކުރި ނަމަވެސް މީހުންގެ މޫވްމަންޓްތަކަށް މާބޮޑު ބަދަލެއް އަންނަ ކަމެއް ފާހަގައެއް ނުކުރޭ. އަޅުގަނޑު ކުރީންވެސް ފާހަގަކުރި ގޮތަށް ބައްޔާމެދު މީހުންގެ ސަމާލުކަން ވަނީ ވަރަށް ބޮޑަށް ކުޑަވެފައި،" ޝަހީދު ވިދާޅުވިއެވެ.

ޝަހީދު ވިދާޅުވީ ކެފޭތަކުގައި ހޭދަކުރާ ވަގުތު ގިނަވުމާއި މާސްކު ނާޅާ ގިނައިރުތަކެއް ވަންދެން ތިބޭ މަންޒަރު ފެންނަ ކަމަށެވެ. އެއީ މި ހާލަތުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުން ކަމަށާ އަވަސް ފިޔަވަަޅުތަކެއް އަޅައިގެން ނޫނީ މި ހާލަތުން އަރައިނުގަނެވޭނެ ކަމަށެވެ. ފިޔަވަޅުތައް އިތުރު ނުކޮށްފިނަމަ ނަންބަރުތައް ދަށްނުވެ ގިނަ ދުވަސްތަކެއް ފާއިތުވެ ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ޝަހީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މި ފާހަގަ ކުރެވެނީ މިހާރަށް އަޅާފައިވަ ފިޔަވަޅުތަކުން އެދެވޭ ބަދަލުތަކެއް އަންނަ ކަމަކަށް ނުފެނޭ. މިހާރު އަޅާފައިވާ ފިޔަވަޅުތައް މި މިންގަނޑުގައި ހުރެއްޖެނަމަ މާނައަކީ އިތުރު ފިޔަވަޅުތައް ނާޅައިފިނަމަ އަދަދުތައް މަތީގައި ވަރަށް ގިނަ ދުވަހު ހުންނާނެ ކަމަށް ބެލެވޭ. އަދަދުތައް މަތީގައި ހުރެއްޖެނަމަ އެކަމުގެ ނުރައްކާވެސް ވަރަށް ބޮޑު،" ޝަހީދު ވިދާޅުވިއެވެ.

މާލޭގައި ކޮވިޑް-19 އިގެ ހާލަތު ވަރަށް ގޯސްވެ ކޮންޓްރޯލުން ނެއްޓިފައިވާ ކަމަށާއި އެކަމާ ގުޅިގެން ފިޔަވަޅުތައް ހަރުކަށި ކުރާނެ ކަމަށް ހެލްތް މިނިސްޓަރު ކެރަފާ އަހުމަދު ނަސީމް މިއަދު ވަނީ އިންޒާރު ކުރައްވާފައެވެ.