ބޮލީވުޑް

"ޝާންދާރް" އަކީ އާލިއާގެ ފުރަތަމަ ފްލޮޕް ފިލްމު!

Oct 31, 2015
1

މިދިޔަ ހަފްތާގައި ރިލީޒްކުރި "ޝާންދާރް" ފްލޮޕްވުމާއެކު ފިލްމުގެ ލީޑްދެތަރިންނަށް ވަނީ ބޮޑު މާޔޫސްކަމެއް ލިބިފަ އެވެ.

"ޝާންދާރް" ފްލޮޕްވުމުން މިއީ ޝާހިދު ކަޕޫރުގެ ފިލްމުތަކުގެ ތެރެއިން އޭނާ ވިޔަފާރީގެ ގޮތުން ކާމިޔާބު ތަރިއަކަށްވީ ފިލްމަކަށް ނުވިޔަސް މިއީ ޒުވާން ބަތަލާ އާލިއާގެ ފުރަތަމަ ފްލޮޕް ފިލްމެވެ.

ކެރިއަރުގެ މިހާކުރީ ކޮޅު އާލިއާގެ ފިލްމެއް ފްލޮޕްވުމުން އެކަމާއި އިންތިހާއަށް މާޔޫސްވި ނަމަވެސް އާލިއާ ވަނީ ނާކާމިޔާބީއިން ހިތްވަރު ލިބި، އެކަމާއި މެދު ނުވިސްނާ ކުރިއަށްދާން ނިންމާފައިވާ ކަމަށް ބުނެފަ އެވެ.

މިފިލްމު ރިލީޒްކުރުމުގެ ކުރިން އާލިއާ އާއި ޝާހިދު ފިލްމު ޕްރޮމޯޓްކުރުމަށް ޓްވިޓާގައި ވަރަށް އަޑުގަދަކޮށްފައި އުޅުނު ނަމަވެސް، ދެވަނަ ދުވަހުން ފެށިގެން މިފިލްމުގެ ވިޔަފާރި ދަށްވެ، ފިލްމާއި ބެހޭގޮތުން ފާޑުކިޔާފަރާތްތަކުން އިންތިހާއަށް ފާޑުކިޔަން ފެށުމުން މިދެތަރިންގެ އަޑުވަނީ މުޅިންހެން ކެނޑިގެން ގޮސްފަ އެވެ.

މިފިލްމު ނާކާމިޔާބު ވުމުން ފިލްމު އުފެއްދި ފަރާތާއި ލީޑްދެތަރިންނާއި ދެމެދު ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއް އުފެދިގެން އުޅޭކަމުގެ ވާހަތަކެއް ދެކެވުނު ނަމަވެސް، މިހާރު ކުރިއަށްދާ މުމްބައި ފިލްމު ފެސްޓިވަލްގައި އާލިއާ ވަނީ މިފިލްމު ފްލޮޕްވި ފަހުން ފުރަތަމަ ފަހަރަށް ވާހަކަދައްކާފަ އެވެ.

އުންމީދުކުރިގޮތާއި ހިލާފަށް "ޝާންދާރް" ނާކާމިޔާބުވުމުން އެކަމާ ދެރަވިތޯ އާލިއާ ކުރެން އެހުމުން ވަނީ މިފިލްމު ފްލޮޕް ވުމުން ދެރަވިކަމަށާއި ނަމަވެސް އެކަމާއި ދެރަވެގެން ހުންނަން ބޭނުންނުވާ ކަމަށާއި، ބޭނުންވަނީ އިތުރަށް މަސައްކަތްކޮށް ކާމިޔާބު ހޯދަން ކަމަށެވެ.

"މިއީ އަހަރެންގެ ފިލްމެއް ފްލޮޕްވި ފުރަތަމަ ފަހަރު، އެހެންކަމުން ވަރަށް މާޔޫސްވި" އާލިއާ ބުންޏެވެ.

ދެހާސް ބާރަ ވަނަ އަހަރު ނިކުތް "ސްޓޫޑެންޓް އޮފް ދަ އިޔާ" އިން ބޮލީވުޑަށް ތައާރަފުވި އާލިއާ މިހާތަނަށް ކުޅުނު ފަސް ފިލްމުގެ ތެރެއިން ހަތަރު ފިލްމު ވަނީ ހިޓަކަށްވެފަ އެވެ. އެފިލްމުތަކަކީ "ސްޓޫޑެންޓް އޮފް ދަ އިޔާ" އާއި "ހައިވޭ" އަދި "ހަމްޓީ ޝަރްމާކީ ދުލްހަނިޔާ"ގެ އިތުރުން " 2 ސްޓޭޓްސް" އެވެ.