ޒަރީން ޚާނަކީ ފަސޭހައިން ފިލްމު އިންޑަސްޓްރީއަށް ވަނުމުގެ ފުރުސަތު ލިބުނު ބަތަލާއެއް ނަމަވެސް އެ އިންޑަސްޓްރީގައި މާ އެދެވޭ ނަތީޖާއެއް ނުދެއްކުނު އެކްޓަރެކެވެ.
ސަލްމާން ޚާންގެ "ވީރް" އިން ބޮލީވުޑަށް ތައާރަފްވި ޒަރީން ގިނަ ބަޔަކު ދަންނަނީ ކެޓުރީނާ ކައިފް އާ ވައްތަރު ބަތަލާއެއްގެ ގޮތުގަ އެވެ. އޭނާގެ އެކްޓިން ހުނަރު އެއްވެސް މީހަކަށް ފާހަގައެއް ނުކުރެވެ އެވެ.
ކެޓުރީނާ އާ ވައްތަރުވުމަކީ ޒަރިން ކުއްލިއަކަށް މަޝްހޫރުވާން ދިމާވި ސަބަބެއް ނަމަވެސް ކެޓުރީނާ އާ ވައްތަރުވީމަ އޭނާއާ މަލާމަތްކުރާ މީހުން ވެސް މަދެއް ނޫނެވެ. ސޯޝަލް މީޑިއާގައި ބައެއް މީހުން އޭނާއަށް "ފެޓުރީނާ"އޭ ކިޔާ ކަމަށް ޒަރީން ބުންޏެވެ. އެއީ އޭނާ ފަލަކަމުން މަލާމާތްކުރަން ކިޔާ އެއްޗެއް ކަމަށް ވެސް ޒަރީން ބުނެފައި ވެއެވެ.
ކެޓުރީނާ އާ ވައްތަރުވާން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ޒަރީން ބުންޏެވެ. ނަމަވެސް އޭނާ އާ ކެޓުރީނާ އާ ވައްތަރު ގޮތްތަކެއް އޭނާ އިންސްޓަގްރާމްގައި ޝެއާކުރާ ފޮޓޯތަކުން ފާޅުވެ އެވެ.
ޒަރީންގެ ފުރަތަމަ ފިލްމު "ވީރް"ގައި އޭނާ ކުޅުނީ 18 ވަނަ ގަރުނުގައި އިންޑިޔާގައި އުޅުނު ރަސްދަރިކަނބަލެއްގެ ރޯލެވެ. އޭނާ ފަލަވީ އެ ރޯލަށް ފިޓްވާން ކަމަށް ޒަރީން ބުންޏެވެ.
"ފިލްމު އުފެއްދި ފަރާތުން އަހަރެން ކިބައިން އެދުނު ތަންކޮޅެއް ފަލަވާން. ސަބަބަކީ އެ ފިލްމުގައި އަހަރެން ކުޅޭ ކެރެކްޓާ ވީހާވެސް އަސްލާ އެއްގޮތް ކުރުމަށް. އެ ފިލްމުގައި އުޅޭ ޕްރިންސަސް އަކީ ތަންކޮޅެއް ފަލަކޮށް ހުންނަ މީހަކަށް ވާތީ. ނަމަވެސް މީހުންގެ މަލާމާތް އެކަމާ ހެދި އަހަންނަށް ވަރަށް ބޮޑަށް ކުރިމަތިވި،" ޒަރީން ބުންޏެވެ.
ޒަރީން ބުނީ އޭނާއަކީ އުފެއްދުމުގައި ވެސް ބިޔަކޮށް ހުންނަ މީހަކަށް ވާތީ މާ ބޮޑަށް ހިކޭކަށް އެހާ ފަސޭހައެއް ނޫނެވެ. ވަރަށް ކަސްރަތު ކޮށްގެން ވެސް މީހުން މަލާމާތް ނުކުރާ ވަރަކަށް ނުހިކެވުނު ކަމަށް އޭނާ ބުންޏެވެ.
ދާދިފަހުން ޒަރީން ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ޝެއާކުރުމުން ވެސް ބައެއް މީހުން އޭނާއަށް ޓްރޯލްކޮށްފައި ވެއެވެ. އެ ފަހަރު މަލާމާތްކުރީ ބަނޑުގައި ސްޓްރެޗް މާކް ހުރެގެންނެވެ. މިއީ ފަލަކޮށް ތިބޭ މީހުން ތަންކޮޅެއް ހިކުމުން ދިމާވާ މައްސަލައެއް ނަމަވެސް ޒަރީންގެ ބަނޑުގައި ސްޓްރެސް މާކް ހުރުމަމކީ މީހުންނަށް އެހާ ބަލައިގަނެވޭ ކަމަކަށް ނުވީ އެވެ.
"ވީރް"ގެ އިތުރުން ޒަރީން ވަނީ "ޙައުސްފުލް 2" އާއި "ހޭޓް ލަވް ސްޓޯރީ 3"، "އަކްސަރް 2" އަދި "1921" ކިޔާ ފިލްމެއް ކުޅެފަ އެވެ.