ހޮލީވުޑް

ބޯއިހުޑް: ހަމަ އަސްލަށް ވެސް އާދަޔާހިލާފު ފިލްމެއް

ޑައިރެކްޓަރު ރިޗަޑް ލިންކްލޭޓާގެ "ބޯއިހުޑް" އަކީ ނިމިގެން ދިޔަ ގޯލްޑެން ގްލޯބް އެވޯޑްސްގައި އެންމެ މޮޅު ފިލްމާއި އެންމެ މޮޅު ޑައިރެކްޓަރު އަދި އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯޑް ހާސިލުކުރި ފިލްމެވެ.

ގޯލްޑެން ގްލޯބްގެ މިފަދަ ވަނަތައް ގެންދާ ފަރާތްތަކާ މެދު އާންމުކޮށް ބަޔަކު މީހުން ޝަކުވާކުރިޔަސް މި ފިލްމުން ގޯލްޑެން ގްލޯބްގައި ހޯދި ކާމިޔާބީއާ މެދު ދެ ބަސްވާ އެކަކު ވެސް ނެތެވެ. އެންމެން ވެސް ބުނަނީ "ބޯއިހުޑް" އަކީ އާދަޔާހިލާފު ފިލްމެއް ކަމަށެވެ.

އެހެންވީމަ މިއީ ކިހިނެތްވާ ފިލްމެއްތޯ ބަލާލަމާ ހިނގާށެވެ.

ލިންކްލޭޓާގެ މި ފިލްމަކީ، ފިލްމު މޭކިންގެ ތާރީޚުގައި މީގެ ކުރިން އެއްވެސް ބަޔަކު ތަޖުރިބާކޮށްފައި ނުވާ ކަމެއް އެކްސްޕެރިމެންޓް ކުރި ފިލްމެކެވެ. އަދި އެހާމެ ބޮޑު ރިސްކެއް ވެސް ނެގި ފިލްމެކެވެ.

މި ފިލްމުގެ މަސައްކަތް ލިންކްލޭޓާ ފެށީ 2002 ވަނަ އަހަރު އެވެ. އޭނާ މި ފިލްމުގެ މަސައްކަތް އިއުލާނުކުރީ މެދުނުކެނޑި 12 އަހަރު ވަންދެން ޝޫޓްކުރާ ފިލްމެއްގެ ގޮތުގަ އެވެ. އަދި ފިލްމުގެ މަސައްކަތް ފެށިއިރު ސްކްރިޕްޓްގައި ފުރިހަމަކޮށްފައި އޮތީ ވެސް އޭގެ އެއް ބައެވެ.

އެހެންވީމަ މިވަރުގެ ބޮޑު ރިސްކެއް ބަޔަކު ނަގާނެ ހެއްޔެވެ؟ ފިލްމުގެ ޝޫޓިން 12 އަހަރަށް ކުރިއަށް ގެންދަން ނިންމާފައި ވަނިކޮށް މަސައްކަތް ނުނިމެނީސް ފިލްމުގެ މުހިންމު ސްޓާރަކު މަރުވި ނަމަ ހަދާނީ ކިހިނެތް ހެއްޔެވެ؟

ފަހަރެއްގައި ލިންކްލޭޓާ އޮތީ އެކަމަށް ވެސް ވިސްނައިފަ އެވެ. ފިލްމު ކުރިއަށް ގެންދާނެ ގޮތާއި ނިންމާނެ ގޮތް ބޮލުތެރޭގައި ފޮރުވައިގެން އުޅުނަސް އެ ގޮތް ލިޔެފައި ނެތީ އެހެންވެ ކަމަށް ވެދާނެ އެވެ.

ފިލްމުގެ ސްކްރިޕްޓް އޭނާ ފުރިހަމަކުރަމުން ދިޔައީ ކޮންމެ އަހަރަކު ޝޫޓްކުރުމަށް ހަމަޖެހިފައި އޮންނަ ބައި ޝޫޓްކޮށް އެޑިޓްކޮށް ނިމުމުން އެއަށް ބަލައިގެން، އެކްޓަރުންނަށް އަންނަ ބަދަލުތަކަށް ބަލައިގެންނެވެ. އަނެއްކޮޅުން ޕްރޮޑަކްޝަން ޓީމަށް އޭނާ ލަފާ ދީފައި އޮތީ، ފިލްމު ނުނިމެނީސް އޭނާ މަރުވިޔަސް ފިލްމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

ޖުމްލަ 12 އަހަރު ހޭދަކޮށްގެން މި ފިލްމު ޝޫޓްކޮށްފައި ވަނީ ކޮންމެ އަހަރަކު ވެސް ދެ ދުވަސްވަރެއްގައި ޝޫޓިން ކުރިއަށް ގެންގޮސްގެންނެވެ. ފިލްމުގެ ޝޫޓިން މިހާ ދުވަހަށް ކުރިއަށް ގެންދިއުމުން އޭގެ އެކްޓަރުންނަށް ކޮންޓްރެކްޓްތަކުގައި ސޮއި ވެސް ނުކުރެވެ އެވެ. އެއީ އެހާ ދިގު މުއްދަތަކަށް ވަކި ފިލްމަކަށް ސޮއިކުރުން މަނާ ކަމަށްވާތީ އެވެ.

އެހެންވީމަ އެކްޓަރުން އެމީހުންގެ "ބެސްޓް" ނެރެފައި ވަނީ ފިލްމުގެ ރިސްކް ވެސް އެނގި ތިބެގެންނެވެ.

މި ފިލްމުގެ ޝޫޓިން އަށް 12 އަހަރުގެ ތެރޭގައި 2.4 މިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ. އެއީ އަހަރަށް ދެ ލައްކަ ޑޮލަރުގެ މަގުންނެވެ. މި 12 އަހަރުގެ ތެރޭގައި ފިލްމު ޝޫޓްކޮށްފައި ވަނީ 45 ދުވަސް ވަންދެން އެވެ.

ލިންކްލޭޓާގެ މި ފިލްމުގައި ދައްކުވައި ދެނީ ކުޑަ ފިރިހެން ކުއްޖަކު ބޮޑުވެ ފުރާވަރަށް އަރައިގެން އަންނައިރު އަމިއްލަ އަށް ކުރެވޭ ތަޖުރިބާތަކާއި އޭނާ ދިރިއުޅޭ މާހައުލުން ކުރެވޭ ތަފާތު އެކި ތަޖުރިބާތަކެވެ. ފިލްމުގެ ލީޑް ކެރެކްޓާ މޭސަން އިވާންސް ޖޫނިއާގެ ރޯލު ކުޅެފައި ވަނީ އީލާ ކޮޓްރޭން ނަމަކަށް ކިޔާ އެކްޓަރެކެވެ.

މި ފިލްމުގެ މަސައްކަތަށް އޭނާ ނުކުތްއިރު ހަތް އަހަރެވެ. މިހާރު އޭނާ އަށް 20 އަހަރެވެ.

މީގައި ފާހަގަކޮށްލަން ޖެހެނީ، މިހާ ދިގު މުއްދަތަކަށް އެއް ބަޔަކު އެއް މަސައްކަތެއް، އެއް ގަވާއިދަކުން ކުރީމަ އެ ކަމަކަށް އެ ބަޔަކު ވަރަށް މޮޅުވާނެ ކަމެވެ. އެހެންވީމަ ފިލްމުގެ މަސައްކަތުގައި ހޭދަކުރި 12 އަހަރުގެ ތެރޭގައި ފިލްމުގެ އެކްޓަރުންނަށާއި އޭގެ ޕްރޮޑަކްޝަން ޓީމުގެ ދާނީ ކޮންމެ އަހަރު ވެސް މަތިވަމުންނެއް ނޫން ހެއްޔެވެ؟

އެހެންވީމަ މި ފިލްމަށް ތައުރީފާއި އެވޯޑް އޮހެމުންދާ ސަބަބު ވަރަށް ވެސް ސާފެވެ.

އަނެއްކޮޅުން ފިލްމުގައި ހިމެނޭ ހިއުމަން އިންޓްރެސްޓިން ސައިޑް ވެސް ޝައުގުވެރި އެވެ. ލީޑް ރޯލު ކުޅެފައިވާ ފިރިހެން ކުއްޖާ އަށް 12 އަހަރު ތެރޭގައި އަންނަ ބަދަލު މިގޮތަށް ވީޑިއޯކުރެވުމަކީ ވަރަށް ގިނަ ބަޔަކު ބަލާލަން ޝައުގުވެރިވާނެ ކަމެކެވެ.

ކޮންމެއަކަސް މި ފިލްމު އާދަޔާހިލާފެވެ. އަދި ޑައިރެކްޓަރު ލިންކްލޭޓާ އަކީ ވެސް އާދައިގެ ފަންނާނެއް ނޫނެވެ. އޭނާ އަކީ އަބަދުވެސް މިފަދަ ތަފާތު ފިލްމުތަކަށް ލޯބިކުރާ ފަރާތަކެވެ.

އޭނާގެ އެންމެ މަޝްހޫރު މަސައްކަތަކީ "ބިފޯ ސަންރައިޒް" އާއި "ބިފޯ ސަންސެޓް" އަދި "ބިފޯ މިޑްނައިޓް" އެވެ. މިއީ އަހަރުތަކަކަށް ބަހާލައިގެން ކިޔައިދީފައިވާ ލޯބީގެ އަސަރުގަދަ ވާހަކަ އެކެވެ. މީގެ އިތުރުން "ވޭކިން ލައިފް" އާއި "ބާނީ" އަދި "ސްލެކާ" އަކީ ވެސް އޭނާގެ ނިކަން މަޝްހޫރު ފިލްމުތަކެވެ.

"ބޯއިހުޑް" އަކީ ޔަގީނަށް ވެސް މިދިޔަ އަހަރުގެ އެންމެ ބޮޑު އެއް ފިލްމެވެ. ބާލިން ފިލްމު ފެސްޓިވަލްގައި ސިލްވާ ބެއާ ހާސިލުކުރުމަށް ފަހު މި ފިލްމު މި ވަނީ ގޯލްޑެން ގްލޯބްގެ ރަން ވަނަ ގެންގޮސްފަ އެވެ.

ކުރިއަށް އޮތީ ޝަރަފްވެރި އޮސްކާ އެވެ. އެހެންވީމަ، ސުވާލަކީ މި ފިލްމަށް އޮސްކާ ލިބިދާނެތޯ އެވެ؟

ގޯލްޑެން ގްލޯބްގެ ރަން ވަނަ ލިބޭ ފިލްމަށް އޮސްކާގެ ރަން ވަނަ ލިބުމަކީ އެހާ އާންމު ކަމެއް ނޫނެވެ.