ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ލަންކާގައި ކޮވިޑްޖެހިގެން މަރުވާ މީހުން ވަޅުލަން ހުއްދަދީފި

ސްރީ ލަންކާގައި ކޮވިޑްޖެހިގެން މަރުވާ މީހުން ވަޅުލަން ބުރާސްފަތި ދުވަހު ހުއްދަދީފި އެވެ. ހެލްތު މިނިސްޓަރު ޕަވިތުރާ ވަންނިއައްޗީ ވަނީ މިކަމާ ގުޅުން ހުރި ގަވާއިދުތައް ހަދައި އަދި އަމަލު ކުރަންޖެހޭ އުސޫލުތައް އާންމުކޮށްފަ އެވެ.

ކޮވިޑްގައި މަރުވާ މީހުން ވަޅުލާންޖެހެނީ ސިއްހަތާ ބެހޭ އިދާރާއިން ދައްކާ ތަނެއްގައި އަދި ސިއްހީ މާހިރުން ދެއްވާ އިރުޝާދާ އެއްގޮތަށެވެ. މީހަކު ވަޅުލާންޖެހޭ ހާލަތްތަކުގައި އަމަލުކުރަން ޖެހޭ ގައިޑްލައިނެއް، ޑައިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސަސް ވަނީ ކަރުދާސް ކުރައްވާފަ އެވެ.

ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މީހުން ވަޅުލަން ހުއްދަދިން ނަމަވެސް، ލާޒިމްކޮށްފައި އުސޫލުތަކުގެ ސަބަބުން މީހަކު ވަޅުލުމަކީ ބުރަބޮޑު ކަމަކަށް ވާނެ ކަމަށް ބެލެވެ އެވެ. މީގެ ކުރިން ކޮވިޑްގައި މަރުވިހާ ބަޔަކު ވަނީ ލަންކާއިން އަންދާފަ އެވެ. އޭގެ ތެރޭގައި މުސްލިމުންނާއި ކްރިސްޓިއަނުން ހިމެނެ އެވެ.

ކޮވިޑްގައި މަރުވާ މީހުން ވަޅުލަން ހުއްދަދެއްވާނެ ކަމަށް ލަންކާ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ، ފެބްރުއަރީ 10 ވަނަ ދުވަހު ވިދާޅުވި އެވެ. އޭގެ އެއްދުވަސް ފަހުން އެޕޮލިސީއަށް އަމަލުކުރެވެން ނެތް ކަމަށް ވިދާޅުވެ ހަށިތައް އެންދުން ނޫން ގޮތެއް ނެތް ކަމަށް ނިންމެވި އެވެ.

ޕާކިސްތާން ބޮޑުވަޒީރު އިމްރާން ޚާން ލަންކާއަށް ކުރެއްވި ދަތުރަށް ފަހު، ފެބްރުއަރީ 25 ގައި، ލަންކާ ސަރުކާރުން ބަޔާނެއް ނެރުނެވެ. ކޮވިޑްގައި މަރުވާ މީހުންގެ ތެރެއިން ވަޅުލަން ބޭނުން މީހުން ވަޅުލެވޭ ގޮތަށް އަދި އަންދަން ބޭނުން މީހުންނަށް އެފުރުސަތު އޮތް ކަމަށް ބުނެ އެވެ. އަދި ސިއްހީ އިދާރާތަކުން އުސޫލުތައް ބަަޔާންކޮށް އާންމުކުރި އެވެ.

ލަންކާގައި އާންމު ގަބޫލުކުރުމަކީ ކޮވިޑްގައި މަރުވާ މީހުން ވަޅުލުމުން އެމީހުންގެ ގައިން ފައިބާ ދިއަ، ބޯފެން ފަށަލައަށް ފޭއްދި އަދި އެ ފެން ބޯ މީހުންނަށް ބަލި ޖެހުމެވެ. މިއީ ސައިންސަށް ބިނާކޮށް އެމީހުން ގަބޫލުކުރާ ކަމެއް ނޫނެވެ. ލަންކާގައި މީގެ ކުރިން ވެސް ބޮޑެތި ބަލިތަކުގައި މީހުން މަރުވެ އެވެ. އަދި ވަޅުލާ މީހުންގެ ފަރާތުން އެބަލި އެހެން މީހަކަށް ޖެހިފައި ހުރި ކަމެއް ސާބިތުކުރެވޭކަށް ނެތެވެ.