ސްރީ ލަންކާގެ ރައީސް، ގޮތަބެޔާ ރާޖަޕަކްސަ ބަގީޗާގައި ރީނދޫ ގަހެއް އިންދަވައިފި އެވެ. މިއީ ލަންކާއަށް ރީނދޫ އެތެރެ ކުރުން މަނާ ކުރުމަށް ފަހު އާބާދިއަށް ބޭނުންވާ ރީނދޫ ހެއްދުމަށް ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި 1.5 މިލިއަން ގޭބިސީގައި، ކޮންމެ ގެއެއްގައި ރީނދޫ ފަސް ގަސް އިންދާނެ އެވެ.
ލަންކާގައި ޔޫކޭ ކޮވިޑް ފެތުރިގަނެ މުޅި އާބާދީ ބިރުގަންނަވާލާފައި ވާއިރު ގައުމު ރީނދުލަށް ޖެހިދާނެ ކަމަށް އޮތް ބިރު ވެސް ވަކި ކުޑައެއް ނޫނެވެ. ކޮވިޑް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ސްކޫލްތައް ބަންދު ކުރުމާއި އިޖުތިމާއީ މައިދާންތަކުގައި އެއްވެއުޅުން މަނާކުރުން އަދި ހޮޓާ / ފިހާރަތަކަށް ޝަރުތު ކަނޑައެޅުން ހިމެނެ އެވެ.
ލަންކާގައި ރީނދޫ ހައްދަން ހިންގާ ޕްރޮގްރާމްގެ އަމާޒަކީ ގޭބިސީތަކަށް ބޭނުންވާ ރީނދޫ އެބަޔަކު އުފެއްދުމެވެ. ނޫން ނަމަ ކޮންމެވެސް ޕަސެންޓެއް އަމިއްލައަށް އުފެއްދުމެވެ.
ލަންކާއަށް ބޭނުންވާ ރީނދޫ އެންމެ ގިނައިން އެތެރެ ކުރަނީ އިންޑިއާއިންނެވެ. ކޮވިޑާ ގުޅިގެން ގައުމު ބަންދު ކޮށްފައި އޮތް ދުވަސްވަރު ރީނދޫ އެތެރެ ނުކުރެވި އަގުތައް ވަނީ އަރައިގެން ގޮސްފަ އެވެ. އަދި މަސްބޯޓުފަހަރުގައި ރީނދޫ ސްމަގުލްކޮށް ލަންކާއަށް ވަގަށް އެތެރެ ކޮށްފައިވެ އެވެ.
ލަންކާއަށް ރީނދޫގެ އިތުރުން އެހެން ބާވަތްތަކެއް އެތެރެކުން ވަނީ ކޮންޓްރޯލް ކޮށްފަ އެވެ. މައިގަނޑު ބޭނުންމަކީ ބޭރު ފައިސާ ހަމައަކަށް އެޅުވުމެވެ. ލަންކާގެ ފައިސާގެ ނިސްބަތް ދަމަހައްޓަައި ގައުމުން ބޭރުވާ މިންވަރު ކޮންޓްރޯލް ކުރުމެވެ.