އިމްރާން އަބްދުﷲ

"އަދުރޭގެ ސްޓްރެޓަޖީ ވަރަށް ރަނގަޅަށް އެނގޭ"

މުޒާހަރާތައް ކުރިއަށް ގެންދެވުމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެކްޓިން ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެންގުޅުއްވާނެ ސްޓްރެޓަޖީ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާއަށް އިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ. މިއަދުގެ މުޒާހަރާއަށް ފުރުސަތު ނުދޭނެ ކަމަށް ބުނެ ހޯމް މިނިސްޓްރީން ވަނީ މެންދުރު ފަހު ނޫސް ބަޔާނެއްވެސް ނެރެފައެވެ.

މިއަދުގެ މުޒާހަރާގެ ތެރެއިން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެކްޓިން ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހައްޔަރުކޮށްފައިވަނިކޮށް އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުޒާހަރާ ކުރިއަށް ގެންދެވުމުގައި އަބްދުއްރަހީމް ގެންގުޅުއްވާނެ ސްޓްރެޓަޖީ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

"މުޒާހަރާ ކުރިއަށް ގެންދެވުމުގައި އަދުރޭ ގެންގުޅުއްވާނެ ސްޓްރެޓަޖީ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގޭ،" ރައީސް ނަޝީދާއި ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ކުރެވުނު ބޮޑެތި މުޒާހަރާތަކުގައި އިސް ދައުރެއް އަދާކުރެއްވި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

އިމްރާން މި ޓްވީޓް ކުރެއްވީ ސީދާ އަބްދުއްރަހީމްގެ ކޮން ކަމަކަށް އިޝާރާތްކޮށް ކަމެއް ޓްވީޓުން ސާފެއް ނުވެއެވެ. އިމްރާނަކީ ރައީސް ނަޝީދުގެ ދުވަސްވަރު އެމަނިކުފާނުގެ ސަރުކާރާ ދެކޮޅަށް އޭރުގެ އިދިކޮޅުން ބޭއްވި މުޒާހަރާތަކުގައި އަބްދުއްރަހީމް އާއެކު ވަރަށް އިސްކޮށް އުޅުއްވި ބޭފުޅެކެވެ.

އިމްރާންގެ އެ ޓްވީޓާއި ގުޅިގެން ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ސައީދު ވިދާޅުވީ އިމްރާންގެ ބަސް މަގު ހުރީ ރައީސް ނަޝީދުގެ ވެރިކަމާއި ދެކޮޅަށް 2011 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ބޮޑު މުޒާހަރާގައި ބަސްމަގު ހުރި ގޮތަށް ކަމަށެވެ.

"އިމްރާންގެ ބަސްމަގު އެ ހުރި ގޮތުން މިހާރުން މިހާރަށް އޭނާ އިސްތިއުފާ ދެއްވަން ޖެހޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ ހޯމް މިނިސްޓަރެއްގެ ކިބައިގައި ހުންނަން ޖެހޭ ސިފަތައް ހުރި ބޭފުޅެއް ނޫން،" ސަައީދު ވިދާޅުވިއެވެ.