ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ކޮވިޑް ވެކްސިން ޖެހި މީހުންގެ އަދަދު ލައްކައަކާ ކައިރިއަށް

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 99،419 މީހަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

މިއަދު ވަނީ 1،108 މީހަކަށް ވެކްސިން ދީފައެވެ. އެއީ އަތޮޅުތަކުން ވެކްސިން ދިން މީހުންނެވެ. މިއަދަކީ ހުކުރު ދުވަސް ކަމަށްވާތީ މާލެ ސަރަހައްދުގައި ވެކްސިން ނުޖަހައެވެ.

މިހާތަނަށް މާލެ ސަރަހައްދުން 69،725 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ. އަދި އަތޮޅުތަކުން 29،694 މީހަކަށް ވެކްސިން ދީފައިވެއެވެ.

މާލޭ ސިޓީގައި އޭޑީކޭގެ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައެވެ. އަދި ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިން ސެންޓަރުން ދަނީ ވެކްސިން ޖަހައިދެމުންނެވެ. މިވަގުތު 30 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ވެކްސިން ޖެހޭނެ އެވެ. އަދި 18 އަހަރުން މަތީގެ ބަލި މީހުންނަށްވެސް ވެކްސިން ދެއެވެ.

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 179 ރަށެއްގައި ވެކްސިން ޖަހަން ފެށިފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ ބުނެފައެވެ. އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީގު ވިދާޅުވީ މިހާތަނަށް ވެކްސިން ޖަހަން ނުފަށަނީ ހއ. މުރައިދޫ އާއި ވ. ފުލިދޫ ގައި ކަމަށެވެ. އާބާދީއާ ވަސީލަތް މަދު އެ ދެ ރަށަށް މޮބައިލް ޓީމުތަކެއް ފޮނުވައިގެން ވެކްސިން ޖަހަން ފަށާނެ ކަމަށްވެސް ވިދާޅުވި އެވެ.

މިހާތަނަށް ވެކްސިން ޖެހި މީހުންގެ ތެރެއިން ސިވިއާ އެލާޖިކް ރިއެކްޝަންއެއް އައިސްފައި ވަނީ ދެތިން މީހަކަށް ކަމަށްވެސް އެޗްއީއޯސީން ވަނީ ބުނެފައެވެ. އަދި ވެކްސިނަށް ހުޅުވާ ނުލާ އުމުރުން 18 އަހަރާއި 25 އަހަރުގެ މީހުންނަށް ވަރަށް އަވަހަށް ވެކްސިނަށް ހުޅުވާލާނެ ކަމަށް ވެސް ބުންޏެވެ. ރާއްޖޭގެ އާބާދީގެ 18 އަހަރުން މަތީގެ އެންމެނަށް ވެކްސިން ދީފިނަމަ މުޅި އާބާދީގެ 77 ޕަސެންޓަށް ވެކްސިން ދެވޭނެ ކަމަަށާ އޭރުން ކޮވިޑުން ސަލާމަތް ވުމަށް އަޅާ މުހިންމު ފިޔަވަޅަކަށް އެކަން ވެގެންދާނެ ކަަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.