ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިމްރާން އަބްދުﷲ އެ މަގާމަށް ކުފޫ ހަމަނުވާކަން މިރޭ ކުރެއްވި ޓްވީޓުންވެސް ހާމަވާ ކަމަށާ އޭނާ މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.
މުޒާހަރާތައް ކުރިއަށް ގެންދެވުމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެކްޓިން ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެންގުޅުއްވާނެ ސްޓްރެޓަޖީ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ އިމްރާން ވަނީ މިރޭ ޓްވީޓެއް ކުރައްވާފައެވެ. އިމްރާން މިހެން ވިދާޅުވީ މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާއަށް އިޝާރާތް ކުރައްވައެވެ.
އިމްރާން މި ޓްވީޓް ކުރެއްވީ މިއަދުގެ މުޒާހަރާގެ ތެރެއިން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެކްޓިން ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހައްޔަރުކޮށްފައިވަނިކޮށެވެ.
"މުޒާހަރާ ކުރިއަށް ގެންދެވުމުގައި އަދުރޭ ގެންގުޅުއްވާނެ ސްޓްރެޓަޖީ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގޭ،" ރައީސް ނަޝީދާއި ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ކުރެވުނު ބޮޑެތި މުޒާހަރާތަކުގައި އިސް ދައުރެއް އަދާކުރެއްވި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
އިމްރާންގެ އެ ޓްވީޓާއި ގުޅިގެން ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ސައީދު ވިދާޅުވީ އިމްރާންގެ ބަސް މަގު ހުރީ ރައީސް ނަޝީދުގެ ވެރިކަމާއި ދެކޮޅަށް 2011 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ބޮޑު މުޒާހަރާގައި ބަސްމަގު ހުރި ގޮތަށް ކަމަށެވެ.
"އިމްރާންގެ ބަސްމަގު އެ ހުރި ގޮތުން މިހާރުން މިހާރަށް އޭނާ އިސްތިއުފާ ދެއްވަން ޖެހޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ ހޯމް މިނިސްޓަރެއްގެ ކިބައިގައި ހުންނަން ޖެހޭ ސިފަތައް ހުރި ބޭފުޅެއް ނޫން،" މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ސަައީދު ވިދާޅުވިއެވެ.
އިމްރާން މި ޓްވީޓް ކުރެއްވީ ސީދާ އަބްދުއްރަހީމްގެ ކޮން ކަމަކަށް އިޝާރާތްކޮށް ކަމެއް ޓްވީޓުން ސާފެއް ނުވެއެވެ. އިމްރާނަކީ ރައީސް ނަޝީދުގެ ދުވަސްވަރު އެމަނިކުފާނުގެ ސަރުކާރާ ދެކޮޅަށް އޭރުގެ އިދިކޮޅުން ބޭއްވި މުޒާހަރާތަކުގައި އަބްދުއްރަހީމް އާއެކު ވަރަށް އިސްކޮށް އުޅުއްވި ބޭފުޅެކެވެ.