ޗައިނާއާ އިންޑިއާގެ ގުޅުން ރަނގަޅު ކުރަން މަސައްކަތް ފަށައިފި އެވެ. މިއީ ދެ ގައުމު ހިއްސާކުރާ ބޯޑަރު ސަރަހައްދުން ސިފައިން ފެއަށް ޖެހުމަށް މިދިއަ ހަފުތާގައިވި އެއްބަސްވުމަށް ފަހު ފެންނަން ފެށި ރީތި ސިފައެކެވެ. ދެ ގައުމުގެ ފޮރިން މިނިސްޓަރުން މިހާރު ވަނީ މަސްލަހަތުހުރި ކަންކަމުގައި ފަސޭހައިން މަޝްވަރާ ކުރެވޭނެ މަގު ތަނަވަސްކޮށްފަ އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ސުބްރަމާނިޔަމް ޖައި ޝަންކަރާއި ޗައިނާގެ ފޮރިން މިނިސްޓަރު، ވާންގް ޔީ ބުރާސްފަތި ދުވަހު ފޯނުން ގުޅުއްވައި ވަނީ ނުތަނަވަސްކަން ހުރި މައުލޫތަކަށް އަލި އަޅުވައި ލައްވާފަ އެވެ. ދެ ބޭފުޅުން ވާހަކައިގައި ދެގައުމު ގުޅޭ ބޯޑަރު ސަރަހައްދު، "ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް" (އެލްއޭސީ) އާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ.
ޗައިނާ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންޑިއާއަކީ ޗައިނާއަށް މުހިންމު ގައުމެއް ކަމަށާއި މި ހިސާބުން މަސްލަހަތު ވާންވާނީ ކުރިއަށް ވިސްނައި ދެ ގައުމުގެ ގުޅުން ދެމެހެއްޓޭނެ ނިޒާމަކަށް ކަމަށް ދެންނެވިން ކަމަށެވެ.
ޖައިޝަންކަރު ވިދާޅުވި ކަމަށް އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަޝްވަރާއަށް ވަގުތު ހޭދަވި ނަމަވެސް، ސިފައިންނާ ހިސާބުން ކަމެއް ނިމެން ޖެހުމަކީ މަސްލަހަތެއް ނޫން ކަމަށެވެ. ދެ ގައުމުން ވެސް މަސައްކަތް ކުރަން ޖެހޭނީ ގުޅުން އިރައިގެން ނުދާނެހާ ގޮތެއް ވިސްނައިގެން ކަމަށް ވާންގް އަށް ދެންނެވި ކަމަށެވެ.
ވާންގް ވިދާޅުވީ ކޮންމެ ފަހަރަކު ވެސް ދެ ގައުމުގެ ގުޅުމަށް ބުރޫ އަރަނީ ބޯޑަރު ސަރަހައްދާ ހެދި ކަމަށެވެ. އެހެންވެ، އެންމެ ބޮޑަށް މަޝްވަރާ ބޭނުންވަނީ އެކަމުގައި ދެގައުމަށް ރުހެވެނީ ކޮން ގޮތަކަށްތޯ ބެލުމަށް ކަމަށެވެ. މަސްލަހަތު ދަމަހައްޓައި ގާތް ގުޅުމެއް އޮވެންގެން ނޫނީ މަޝްވަރާ ކުރުން ވެސް ގިނަ ފަހަރު ވަނީ ތަކުލީފަކަށް ކަމަށެވެ.
އިންޑިއާ އަދި ޗައިނާއަކީ ވެސް ނިއުކްލިއާ ދެ ގައުމެވެ. މި ދެގައުމު މަސަލަސްކޮށް އެކުވެރި ކުރުމަކީ ސަރަހައްދީ ގައުމުތަކަށް ވެސް ހެވެކެވެ. ދެ ގައުމު ގުޅޭ ހިމާލަޔާ ސަރަހައްދުން އަސްކަރީ ފައުޖުތައް ދުރަށް ޖެއްސުމުގައި ދެ ގައުމުން ވެސް ވަނީ ހެޔޮ ނިޔަތުގައި މަސައްކަތް ކޮށްފަ އެވެ. އިންޑިއާގެ މީޑިއާއިން އަދި ޗައިނާއިން ވެސް މިކަން ފާހަގަ ކޮށްފައި ވަނީ އުފާވެރި ކަމެއް ގޮތުގަ އެވެ.