ލައިފްސްޓައިލް

ދަރިމައިނުވާ މީހުނަށް ހާއްސަކުރި އިޝްތިހާރުގެ އަސަރުގަދަ

ދުނިޔޭގެ އަންހެނުން ދުވަހާ ދިމާކޮށް ޕްރެގްނަންސީ ޓެސްޓް ކިޓް އުފައްދާ ބްރޭންޑް "ޕްރެގާ ނިއުސް" އިން ވަރަށް ރީތި އެހާމެ އަސަރުގަދަ އިޝްތިހާރެއް ރިލީޒް ކޮށްފި އެވެ. މި އިޝްތިހާރު އެހާ އަސަރުގަދަވީ އޭގައި ދީފައިވާ މެސެޖުގެ ފުރިހަމަ ކަމުންނެވެ.

"ޕްރެގާ ނިއުސް" އިން ޔޫޓިއުބުގައި ރިލިޒްކުރި ކުރު ފިލްމެއް ގޮތަށް ތައްޔާރު ކޮށްފައިވާ މި އިޝްތިހާރުގައި އަލިއަޅުވާލާފައި ވަނީ ވަރަށް ގިނަ އަންހެނުން ކުރާ ހިތްދަތި ތަޖުރިބާ އަކަށެވެ. އިންފާޓިލިޓީ ނުވަތަ ދަރިމައިނުވުމުގެ މައްސަލަތައް ކުރިމަތިވެފައިވާ އަންހެނުންގެ އިހްސާސްތަކަށެވެ. އެފަދަ މީހުންނަށް ނަފްސާނީ ގޮތުން ކުރާ އަސަރުތަކަށެވެ.

މި އިޝްތިހާރުގެ ޒަރިއްޔާއިން އާއްމުންނަށް ފޯރުކޮށްދީފައިވާ މެސެޖު ވަރަށް ފުރިހަމަވެފައި ރީއްޗެވެ. އަންހެނަކު ފުރިހަމަ މީހަކަށް ވާން ދަރިން ލިބުން މުހިއްމު ނޫން ކަމެވެ. އޭނާގެ އަހުލާގާއި ސުލޫކު ރަނގަޅު ނަމަ ދަރިއަކު ނުލިބުނަސް އޭނާއަކީ ފުރިހަމަ އަންހެނެއް ކަމެވެ.

މި އިޝްތިހާރުގައި ދައްކަނީ އިންޑިއާގެ މެދުފަންތީގެ އާއިލާއެކެވެ. އެ އާއިލާގައި ދެ ޅީދަރިން ތިއްބެވެ. މިތަނުން ދޮށީ ޅީދަރީގެ ރޯލު ކުލެފައިވަނީ "ޖައްސީ ޖޭސީ ކޮއި ނެހީ" ސިލްސިލާގައި ޖައްސީގެ ރޯލު އަދާކުރި މޯނާ ސިންގް އެވެ. މި ކުރު ފިލްމުގައި ދައްކާ ގޮތުން މޯނާއަކީ ދަރިމައިވުމުން މަހްރޫމްވެފައިވާ މީހެކެވެ.

އިޝްތިހާރު ފެށޭއިރު ދައްކަނީ އާއިލާގެ ހަގު ޅީދަރި ބަލިވެ އިނދެގެން އެކަމުގެ އުފާ އާއިލާއިން ފާހަގަ ކުރަން ތައްޔާރުވާ ތަނެވެ. އާއިލާއަށް އަންނަން އުޅޭ ތުއްތު މެހެމާނަށް ކިޔާނެ ނަމަކާ ގުޅޭ ގޮތުން އާއިލާގެ މީހުން މަޝްވަރާ ކުރަމުން ދިޔައިރު ދޮށީ ޅީދަރިއަށް ކުރެވެމުންދިޔަ ހިތްދަތި އިހްސާސްތައް ހާމަވި އެވެ. ބަލިވެ އިން ޅީދަރިއަށް ހަސަދަލުމުގެ ބަދަލުގައި އޭނާގެ އުފަލުގައި ބައިވެރިވުމާއެކު ވެސް އަމިއްލައަށް ދަރިއަކު ލިބުމުގެ ގާބިލްކަން ނެތުމުން އެކަމާ ހިތްދަތިވާ މަންޒަރު ވަރަށް ފުރިހަމައަށް މި އިޝްތިހާރުގައި ގެނެސްދީފައި ވެއެވެ.

ހަގީގަތުގައި އިޝްތިހާރުގައި އެންމެ ގިނަ ބަޔަކަށް އަސަރު ކުރުވި މަންޒަރަކީ މޯނާގެ ހިތްދަތި ހާލަތު ވިސްނިގެން އެމީހުން އޭނާގެ މުހިއްމުކަން ވިސްނައި ދޭން ކަން ކުރާ ގޮތާއި ދައްކާ ވާހަކަ ތަކެވެ. އަދި އޭނާއަކީ އެ އާއިލާގެ ކިހާ މުހިއްމު ފަރުދެއް ކަމާއި އޭނާގެ ބޭނުން އާއިލާގެ ހަމަ ކޮންމެ މީހަކަށް ވެސް މުހިއްމު މިންވަރު އިހްސާސް ކޮށްދޭ މަންޒަރެވެ. އަދި ދަރިއަކު ނެތަސް އޭނާގެ ބޭނުން އާއިލާއަށް އިންތިހާއަށް އޮތްކަމާއި އޭނާ ދެކެ އެންމެވެސް އިންތިހާއަށް ލޯބިވާކަން ހާމަކޮށްދޭ ގޮތެވެ.

'ޕްރެގާ ނިއުޒް" އިޝްތިހާރު

މިއީ ހަގީގަތުގައި ވަރަށް މަދުން ނޫނީ އެއްވެސް އާއިލާއަކުން ފެންނަ މަންޒަރެއް ނޫނެވެ. ދަރިމައިވުމުގެ ގާބިލްކަން ނެތް އަންހެނުންނަށް ކުރެވޭ ހިތްދަތި އެއް ތަޖުރިބާއަކީ އާއިލާގެ އެހެން މީހުން ނުވަތަ މުޖުތަމައުގެ މީހުން އޭނާއަށް ކުރިމަތިކުރާ އެކި ކަހަލަ ސުވާލުތަކާއި ދައްކާ ވާޙަކަ ތަކެވެ.

ދަރިމައިނުވުމުގެ މައްސަލައަކީ މިހާރު މުޅި ދުނިޔޭގައި ވެސް ވަރަށް ބޮޑު މައްސަލަ އެކެވެ. އިންޑިޔާއަށް އެކަނި ބަލާލިޔަސް ކޮންމެ ހަ ދެމަފިރިއަކުން އެކަކަށް މިހާރު މި މައްސަލަ ކުރިމަތިވެފައިވާ ކަމަށް އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކަ އެވެ. މިފަދަ އަންހެނުންގެ ހާލަތު މާ ބޮޑަށް ގޯސްވެގެން ދަނީ ގޭތެރޭގެ މާހައުލުގައާއި އަވަށްޓެރިން އަދި ދެކެ ފަރިތަ މީހުން ދައްކާ ވާޙަކަތަކާއި ކަންކުރާ ގޮތުގެ ސަބަބުންނެވެ.

އެފަދަ މީހުން ބޭރު ފުށުން އުފާވެރިކަމަށް ދައްކައިގެން އުޅުނަސް އެމީހުންގެ ހިތް އޮންނަނީ އަބަދުވެސް ރޯލަ ރޯލަ އެވެ. މަޑުމައިތިރިކަމާއެކު އެމީހުން ތިއްބަސް އެމީހުންގެ ސިކުނޑީގައި ވަރުގަދަ ތޫފާނެއް އަބަދުވެސް އެނބުރި އެނބުރި އޮންނަ ހާލުގައި އެމީހުން ދިރިއުޅެއެވެ.

"ޕްރެގާ ނިއުސް"ގެ މި އިޝްތިހާރަކީ މިފަދަ އަންހެނުންނަށް ދިން ވަރަށް ރަނގަޅު ހަދިޔާ އެކެވެ.