ލައިފްސްޓައިލް

ހުވަފެނުގައި މަރުވާތަން ފެންނަ މީހަކަށް ޝޮކެއް!

ޓިކްޓޮކްގައި ރޮބާޓް ޓޮލްޕީ ކިޔާ މީހަކު އޭނާއަށް ކުރެވުނު ވަރަށް އަޖައިބެއް ކަހަލަ ތަޖުރިބާއެއް ކިޔައިދީފައި ވެއެވެ. އޭނާ ބުނި ގޮތުގައި އޭނާއަށް އަބަދު ކަހަލަ ގޮތަކަށް އެއް ހުވަފެނެއް ފެނެ އެވެ. ބިރުވެރި ހުވަފެނެކެވެ. ހުވަފެނުގައި އަބަދުވެސް ފެންނަނީ ވަރަށް ވޭން ދެނިވި މަރަކުން އޭނާ މަރުވާ ތަނެވެ. އެއާއެކު ހުވަފެނުން ހޭލެވޭއިރު ކޮންމެވެސް ގޮތް ނޭނގޭ ނަމްބަރެއް އޭނާގެ ސިކުނޑީގައި ހަރުލާފައި ހުރެ އެވެ.

ރޮބާޓް ބުނި ގޮތުގައި ހުވަފެން ފެންނަ ވަގުތު އޭނާގެ މުޅި ހަށިގަނޑުގައި އަލިފާން ހިފާފައިވާ ކަހަލަ އިހްސާސެއް ކުރެވެ އެވެ. އަދި ހޭލެވޭއިރު އޮންނަނީ ދާހިތްލާ ފޯވެފަ އެވެ. އެއާއެކު "29ޒެޑް41" މި ނަމްބަރު އޭނާގެ ހަނދާނުގައި ހަރުލާފައި ހުރެ އެވެ.

އޭނާ ބުނި ގޮތުގައި މި ނަމްބަރު ގޫގުލް ސާޗް ކޮށްގެން ވެސް އޭނާއަކަށް އެއްވެސް އެއްޗެއް އެނގޭ ގޮތެއް ނުވި އެވެ. އެހެންވެ އާޓް ކޮންޒަވޭޓާ އެއްގެ ގޮތުގައި މަސައްކަތްކުރާ އެކުވެރިޔަކާ ބައްދަލުކޮށް މި ވާހަކަ ކިޔައިދޭން އޭނާ ނިންމީ ކަމަށް ވެސް ރޮބަޓް ބުންޏެވެ.

ރޮބަޓްގެ ވާހަކަ އަޑުއަހާފައި އެކުވެރިޔާ ބުނީ މި ނަމްބަރަކީ 'ޕޯޓްރެއިޓް ޓެގް' އަކަށް ވެދާނެ ކަމަށެވެ. އަދި އެ ވަގުތު އޭނާ ބިޒީކަމުން ފަހުން އެ ނަމްބަރު ޖަހާފައިވާ ޕޯޓްރެއިޓެއް ފެނޭތޯ މަސައްކަތް ކޮށްދޭނެ ކަމަށް ވެސް އެކުވެރިޔާ ބުންޏެވެ. ރޮބަޓްގެ ވާހަކައަކަށް އަދަޔާޚިލާފު ޓުވިސްޓެއް އައީ މި ހިސާބުންނެވެ.

އެކުވެރިޔާގެ ހޯދުން ވެގެން ދިޔައީ ރޮބަޓަށް އިންތިހާއަށް ޝޮކު ލިބުނު ކަމަކަށެވެ. ސަބަބަކީ އޭނާގެ ހަނދާނުގައި ހަރުލާފައިވާ އެ ނަމްބަރަކީ ފިރިހެނެއްގެ ޕޯޓްރެއިޓްގައި ޖަހާފައިވާ ނަމްބަރަކަށް ވުމާއި އެއީ މީގެ 500 އަހަރު ކުރީގައި ދިރިއުޅުނު މީހެއްގެ ފޮޓޯއެއްކަން އެނގުމުންނެވެ. އެންމެ ބޮޑު ޝޮކެއް ލިބުނީ އެ ފޮޓޯ ފެނުމުންނެވެ.

ސަބަބަކީ ފޮޓޯގައިވާ އޭނާގެ ސިފަޔާ މުޅިން އެއްގޮތް ސިފައެއް ހުރި މީހަކަށް ވާތީ އެވެ. ޕޯޓްރެއިޓްގައިވާ ފޮޓޯގައިވާ މީހާއަކީ މީގެ 500 އަހަރު ކުރިން ކަށިވިދުރި ޖެހިގެން މަރުވެފައިވާ މީހެކެވެ.

މިއީ އަޖައިބު އަދި އެހާމެ ގަބޫލުކުރަން ދަތި އިއްތިފާގެއްކަމަށް ރޮބަޓްގެ ވާހަކަ ސޯޝަލް މިޑިއާއިން ކީ ގިނަ ބަޔަކު އެއްބަސްވެ އެވެ.

މި ވާހަކައަށް ކޮމެންޓުކުރި ބައެއް މީހުން ބުނީ އޭނާގެ މި ތަޖުރިބާ އަކީ ވަރަށް ބިރުވެރި ތަޖުރިބާ އެއް ކަމަށެވެ. އަދި އޭނާއަށް އެ ފެނުނު ހުވަފެނަކީ ހަގީގަތުގައި ހިނގި ކަމެއްކަން ޔަގީންވުމަކީ އަޖައިބު އިއްތިފާގެއް ކަމަށެވެ. ރޮބަޓް ނޫނަސް އޭނާގެ ފޮޓޯ އާއި ޕޯޓްރެއިޓްގައިވާ ފޮޓޯ ފެނުމުން ވަރަށް ގިނަ ބަޔަކަށް ބިރުވެރި ތަޖުރިބާއެއް ކުރެވުނުކަމަށް އެމީހުން ބުނެފައި ވެއެވެ.