ޓޫރިޒަމް

ބޮޑެތި ޖޫރިމަނާތަކާއެކު ޓްރެވަލް އެޖެންސީ ގަވައިދު ނެރެފި

Feb 27, 2021
1

ޓްރެވަލް އެޖެންސީ ހިދުމަތުގެ ފެންވަރު ދަށްވެއްޖެނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ގަވާއިދު ނެރެފި އެވެ.

ރާއްޖޭގައި ޓްރެވަލް އެޖެންސީ ހިންގުމަށް ފުރަތަމަ ގަވައިދެއް ހެދިތާ 15 އަހަރު ފަހުން، އިއްޔެ ޓޫރިޒަމް މިނިސްޓްރީން ނެރުނު "ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމާބެހޭ ގަވާއިދު" ނުވަތަ ޓްރެވަލް އެޖެންސީއާބެހޭ ގަވާއިދުގައި މި ދާއިރާ ހަރުދަނާ ކުރަން ގިނަ ފިޔަވަޅު ތަކެއް އަޅަން ކަނޑައަޅާފައިވެ އެވެ.

އަދި މި ރާއްޖޭގައި މި ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތައް މި ގަވައިދާ ހިލާފު ވެއްޖެނަމަ ބޮޑެތި ޖޫރިމަނާ ތަކެއް ވެސް އަންނާނެ ކަމަށް ބުނެފައިވެ އެވެ.

ގަވައިދުގައިވާ ގޮތުން ޓްރެވަލް އެޖެންސީގެ ހިދުމަތުގެ ފެންވަރު އެ މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށްވުރެ ދަށްވެއްޖެނަމަ، އެ ތަނެއް އެއް މިލިއަން ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ކަމުގެ ކުޑަބޮޑުމިނަށް ބަލައި އެ ތަނަކަށް ދޫކޮށްފައިވާ ހުއްދަ އެ ކަމެއް އިސްލާހު ކުރަންދެން ހިފެހެއްޓުމުގެ އިހުތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ލިބިގެންދެ އެވެ.

މި ގަވާއިދުގެ ދަށުން ރެޕްރެޒެންޓޭޓިވްސް އޮފީސް ހިންގުމުގެ ހުއްދަ ލިބިފައިވާ ފަރާތަކުން މި ގަވާއިދާ ހިލާފު
ކަމެއް ކޮށްފިނަމަ ފުރަތަމަ 1،000ރ. އާއި 30،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، ދެވަނަ ފަހަރު 10،000ރ. އާއި 60،000ރ. ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ތިން ވަނަ ފަހަރަކަށް މިކަން ތަކުރާރު ވެއްޖެނަމަ 60،000ރ. އާއި އެއް ލައްކަ ރުފިޔާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެ އެވެ. އަދި އެ މައްސަލަ ފުލުހަށް ވެސް ހުށަހެޅޭނެ އެވެ.

މިހާރު އޮފީހެއް ހުރުން ލާޒިމެއް ނޫން

މީގެ އިތުރުން އާ ގަވާއިދުގައި ޓްރެވަލް އެޖެންސީގެ އޮފީސް ހިންގުމަށް ކުރިން އަމަލު ކުރަމުން ދިޔަ "މުސްކުޅި" ގިނަ އުސޫލު ތަކެއް ވެސް ވަނީ އުވާލާފަ އެވެ. މީގެތެރޭގައި އެޖެންސީއެއް ހިންގަން އޮފީހެއް ހުރުން ލާޒިމް ކުރުމާއި ފޮޓޯ ކޮޕީ މެޝިނެއް ހުރުން ފަދަ ކުރިން ލާޒިމް ކަންތައްތައް ހިމެނެ އެވެ.

އާ ގަވައިދުގައިވާ ގޮތުން ޓްރެވަލް އޮފީހެއްގައިނަމަ ކޮންމެހެން ފުރިހަމަވާން ޖެހޭ ކަންތައްތަކަކީ ހިދުމަތްދޭ ފަރާތަކާއި ގުޅޭނެ ފޯން ނަމްބަރެއް އަދި އީ-މެއިލް އެޑްރެހެއް ހުރުމެވެ. މީގެ އިތުރުން، އާ ގަވާއިދުގެ ދަށުން ކުންފުނީގެ ފަރާތުން ޖަވާބުދާރީ ވާނެ ފަރާތެއް އައްޔަންކޮށް އެ ފަރާތަކާ ގުޅޭނެ ފޯން ނަމްބަރަކާއި އީ-މެއިލް އެޑްރެސްއެއް އޮންނަން ޖެހެ އެވެ. އަދި އާ ގަވާއިދު ހެދުމާއެކު ޓްރެވަލް އެޖެންސީ ހިންގުމުގެ ހުއްދަ ބިދޭސީ އަކަށް ނުދެވޭނެ އެވެ. އަދި ބިދޭސީއަކު ހިމެނޭ ކުންފުންޏަކަށް ވެސް މި ވިޔަފާރިއެއް ނުކުރެވޭނެ އެވެ.

ރާއްޖޭގައި މިހާރު އަމަލު ކުރަމުން ދަނީ 2006 ވަނަ އަހަރު ހެދި ޓްރެވަލް އެޖެންސީ ހިންގުމާ ބެހޭ ގަވައިދެކެވެ. މި ގަވައިދަށް 2011 ވަނަ އަހަރު އިސްލާހެއް ގެނަ އެވެ. ރާއްޖޭގައި 400 އެއްހާ ޓްރެވަލް އެޖެންސީ ހިންގާއިރު މި ވިޔަފާރިއަށް ސަރުކާރުން އަޅާ ނުލުމުގެ ޝަކުވާ ގިނަ ކުންފުނިތަކުން ކުރެ އެވެ.

ޓްރެވަލް އެޖެންސީގެ ގަވައިދު ނެރުނުއިރު، މި ދާއިރާ ވަރުގަދަ ކުރަން ގާނޫނެއް ހެދުމުގެ މަސައްކަތް ރައްޔިތުން މަޖިލީހުން ވަނީ ފަށާފަ އެވެ. މިކަން ކުރުމަށްޓަކައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބައްދަލު ވެސް ކޮށްފަ އެވެ.