(ހަތަރުވަނަ ބައި)
ކަން ދިމާވި ގޮތުން މި ކޭސްގެ ތަހުގީގު ވެސް ހިންގަން ހަވާލުވީ ނައީމަށެވެ. ޓީމުގެ އިސްވެރިއެއްގެ ގޮތުގައި އޭނާ ހަމަޖެހިގެން ދިޔައީ ސަބަބުތަކެއް ހުރީމައެވެ. ކަމަށް ބަހައްޓާ ޝައުގުވެރިކަމުންނެވެ. އޭނާގެ ހުޝިޔާރުކަމުންނެވެ. ލޯތަކަށް ވަންހަނާވެފައިވާ ކަންކަން އޭނާގެ ލޮލުގެ ސިކުނޑިން ތިލަކޮށް ހާމަކޮށްދޭތީއެވެ.
"ނަމަކީ މީޒާ ސަލީމް، އުމުރު 22 އަހަރު. ޤައުމީ ޔުނިވަރސިޓީން ޑޮކުޓަރކަން ކިޔަވަމުންދަނީ. މުއްސަނދި އާއިލާއެއް ހުރި ހަމައެކަނި އަންހެން ދަރިފުޅު." ނައީމުގެ ސުވާލަށް ޖަވާބު ދިނީ ހައިލަމެވެ.
"ވަރަށް ރަނގަޅު. ވިކްޓިމްގެ މައުލޫމާތު ސައްހަކަން ކަށަވަރު ކުރަންވާނެ. އިތުރު މައުލޫމާތެއް އެނގޭތަ؟" ނައީމު ލުއި ގޮތަކަށް ހިނިތުންވެލިއެވެ.
"އަޅުގަނޑުމެންގެ ޓީމުން ބަލަމުންދަނީ. އޭނާ މީސްމީޑިއާގައި ހަރަކާތްތެރިވެފައިވާ ގޮތްތައް ބަލަމުން މިދަނީ. އެކި އެކައުންޓްތަކުގެ ފޮލޯވަރުންގެ އަދަދު ލައްކައަކަށް އެބައަރާ. އެނަލިސިސްއަށް ވަގުތުކޮޅެއް ބޭނުންވާނެ. ކޯލް ރެކޯޑް ތަކާއި ޗެޓް ލޮގުތައް ވެސް ބަލަމުން މިދަނީ. ފަހުން އީޖާދުކުރި ސޮފްޓްވެއަރ އިން އެނަލިސް ހެދޭނެ ކަމަށް މިބަލަނީ ގަޑިއެއްހާ އިރު ތެރޭގައި. ވިކްޓިމްގެ މޫވްމަންޓުތަކާއި އެންމެ ފަހުން ކޮންޓެކްޓްވީ ފަރާތްތަކުގެ ލިސްޓެއް ހަދަމުން މިދަނީ. އަދި ވަގުތުކޮޅެއް ނަގާނެ." އަދަބުވެރިކަމާއެކު ހައިލަމް އޮޅުންފިލުވައިދިނެވެ.
ނައީމު ބަލައިލީ ނިވާކޮށްލެވިފައިވާ މީޒާގެ ފުރާނަ ނެތް ހަށިގަނޑަށެވެ. އޭނާ މަޑުމަޑުން ތިރިވެލިއެވެ. މީޒާގެ މޫނުމަތީ އޮތް ހުދުކުލައިގެ ފޮތިގަނޑު އެއް ފަރާތްކޮށްލިއެވެ. ނައީމު ފަހަތަށް އެއްލިގެން ދިޔައެވެ. މީޒާގެ މޫނުމަތި ފެނުމުންނެވެ. ލުއި ގޮތަކަށް ހިނިތުންވެލައިފައި އޮތުމުންނެވެ. އެއީ މައްޔިތެއްކަން ގަބޫލުކުރަން ވެސް ނައީމަށް ދަތިވާ ވަރުވިއެވެ. އެހެންވެ އޭނާއަށް ބަލައިލެވުނީ ސީދާ ހައިލަމްގެ މޫނަށެވެ.
"ޔޭސް ސަރ،" ހައިލަމް އަދަބުވެރި ރާގެއްގައި ބުނެލިއެވެ. "އަޅުގަނޑުމެންނަށް ވެސް މި ބޮޑީ ފެނުނު އިރު ވެސް ފާހަގަކުރެވުނު ކަމެއް ތީ. ބަލައިބެލުމަށް ޑެޑް ބޮޑީއަކާ ވައްތަރެއް ވެސް ނޫން."
"ކާކު ކޭސް ރިޕޯޓުކުރީ؟" ނައީމު ކުރި ސުވާލަށްވުރެ އޭނާ މޫނުމަތީގައި ކުރެހުނު ސުވާލު މާ ވަރުގަދައެވެ.
"މުދިންބޭ. ފަތިސްނަމާދަށް ދަނިކޮށް ފެނިގެން،" ހައިލަމް އޮޅުންފިލުވައިދިނެވެ. "އަޅުގަނޑަށް ވެސް އެ ގަޑީ އާދެވުނު. އަޅުގަނޑުމެންނަށް ވެސް ފެނިފަ ގަބޫލެއް ނުކުރެވުނު."
"މާނައަކީ؟" ނައީމު ފުން ނަޒަރަކުން ބަލައިލީ މައްޔިތާގެ މޫނަށެވެ.
"ހިނިތުންވެލައިފައި އޮތް ގޮތާއި ހަށިގަނޑު އޮތް ގޮތުން." މަޑުމަޑުން ހައިލަމް ބުނެލިއެވެ.
"އެހެންކަމެއް ފާހަގަވޭތަ؟" މީޒާގެ ގައިމަތީގައި އޮތް ފޮތިގަނޑު ނަގަމުން ނައީމު ކޮޅަށް ތެދުވެލިއެވެ. "އެއްވެސް ކަމަކާ ރިލޭޓް ކުރެވޭތަ؟"
ނައީމުގެ ލޮލުގައި އަޅައިގަތީ ފޮތިގަނޑު ހިއްލައިލުމާއެކު މީޒާގެ އަތްދަނޑީގެ ދަށުން ވަޔަށް ހަރަކާތްކޮށްލި ކަރުދާސްކޮޅެވެ. އެއީ މުށި ކުލައިގެ ޓިޝޫކޮޅެކެވެ. ނައީމުގެ ކަޅި ތަތްވީ އެ ޓިޝޫކޮޅުގައެވެ. އެކަހަލަ އެހެން ޓިޝޫކޮޅެއްގެ ހަރަކާތްތަކުގެ މަންޒަރުތައް ނައީމުގެ ހަނދާނުގެ މަކާނުން އުދުހިގަތީމައެވެ. އެހެންވެ އޭނާ ފުންކޮށް ވިސްނައިލިއެވެ. މަޑުމަޑުން ބޯ ހަރަކާތްކޮށްލިއެވެ. މޫނުމައްޗަށް ގޮތެއް ހަދައިލިއެވެ.
"ޔޭސް. ދެޓްސް އިޓް." ކަމެއް ހަނދާންވުމުން ބުނެލާ ރާގުގައި ނައީމު ބުނެލިއެވެ.
ނައީމު މަޑުމަޑުން ތިރިވެލިއެވެ. މީޒާގެ އަތްދަނޑިއާ ދިމާގައި އޮތް ޓިޝޫކޮޅަށް ބަލައިލަމުންނެވެ.
"އަންގި." ނައީމު ފަހަތަށް ބަލައިވެސް ނުލައި އިނދެ އިޝާރާތްކޮށްލީ ހައިލަމަށެވެ.
ހުދުކުލައިގެ ރަބަރު އަންގި ޖޯޑެއް ނައީމަށް ދިއްކޮށްލަމުން ހައިލަމް ވެސް ގުދުވެލިއެވެ. ނައީމުގެ ދެއަތަށް އަންގި މަހައިލުމަށްފަހު މީޒާގެ އަތްދަނޑީގައި މަޑުމަޑުން އަތް ޖައްސައިލަމުން ޓިޝޫކޮޅު ދަމައިގަތެވެ. ފަރުވާތެރި ކަމާއެކުގައެވެ.
ހައިރާން ކަމާއެކު ނައީމު ބަލައިލީ ސީދާ ހައިލަމްގެ މޫނަށެވެ. ހައިލަމް ވެސް ބަލައިލީ ނައީމުގެ މޫނަށެވެ. އެއީ ފައްޖަހައިލައިފައިވާ ޓިޝޫކޮޅެކެވެ. ހަތަރުފައް ޖަހައިލައިފައި އޮތުމުން ޓިޝޫކޮޅުގެ ސައިޒު ފެންނަނީ ކުޑަކޮށެވެ. ނައީމު ފަރުވާތެރިކަމާއެކު ޓިޝޫކޮޅު ހުޅުވާލިއެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ޓިޝޫގެ މެދުގައި ލިޕްސްޓިކުން ލިޔެފައިވާ ނަމެވެ.
"މީޒާ ސަލީމް، މީޒް." ޓިޝޫކޮޅުގައި އިނގިރޭސި ބަހުން ލިޔެފައިވާ ނަން ނައީމު ކިޔައިލިއެވެ.
ދެވަނަ ސިކުންތުގައި އޭނާގެ ލޮލުގައި އަޅައިގަތީ ފޯނު ނަންބަރެކެވެ. އެހެންވެ ލަސްލަހުން ފޯނު ނަންބަރު ވެސް ކިޔައިލިއެވެ. ނައީމު ފޯނު ނަންބަރު ކިޔައިލުމުން ހައިލަމްގެ އަތުގައި އޮތް ޑިވައިސްގައި އެ ނަންބަރު ލިޔެލިއެވެ.
"ސިމް ރަޖިސްޓްރީކޮށްފައި އޮތީ ވެސް މީޒާ ސަލީމްގެ ނަމުގައި،" ހައިލަމް ބުނެލިއެވެ. "އޭނާގެ ނަމުގައި އިތުރު ނަންބަރެއް ވެސް ނެތް. މީޒާގެ ސޯޝަލް މީޑިއާގެ ހުރިހާ އެކައުންޓްތަކެއް ސިންކު ކޮށްފައި ހުރީ ވެސް މި ސިމްއަށް، މީ އީ-ސިމްއެއް. ސިމްގެ ބޭނުންކޮށްގެން އިތުރު ހިދުމަތްތަކަށް ވެސް ރަޖިސްޓްރީކޮށްފައި އެބަހުރި."
"މާނައަކީ ތިޔައީ ވެރިފައިކޮށްފައިވާ ސިމްއެކޭ. އެހެންވީމަ ފޯނު ނަންބަރަކީ މީޒާގެ ނަންބަރު." ނައީމު ފުން ނަޒަރަކުން ބަލައިލިއެވެ.
ނައީމުގެ އަތުގައިވާ ފޮތިގަނޑު އޭނާގެ ފަހަތުގައި ހުރި ފުލުހަށް ހަވާލުކޮށްލިއެވެ. އެމީހުން ފޮތިގަނޑު މީޒާގެ ހަށިގަނޑުގައި އަޅައިލިއެވެ. ނައީމު ފުން ވިސްނުމެއްގައި ހުރެ އެނބުރިލީ ހައިލަމްއާ ދިމާއަށެވެ.
"ފޮރިންސިކް ލިންކުއިސްޓިކް އެނަލިސިސްއަކަށް މި ޓެކްސްޓް ބޭނުން ހިފޭނެ. ޑިސްކޯސް އެނަލިސިސްއެއް ހެދޭނެ. މިއީ މުހިއްމު އެވިޑެންސެއް. އަކުރުތައް މަދަސް އަކުރުތަކުގެ ބައްޓަން ވަރަށް މުހިއްމު،" ނައީމު ދެ ދަތްޕިލަ ޖައްސާ ބާރުކޮށްލިއެވެ. "ތަހުގީގަށް ބޭނުންވާ ހުރިހާ ހެއްކެއް ކްރައިމް ސީންގެ ތެރޭގައި ހުންނާނެ. ބައެއް ފަހަރު އަހަރުމެން ލޮލަށް ނުފެނި. އެކަމަކު ގިނަފަހަރު އަހަރުމެން ލޮލަށް ފެންނާނެ. މާޑަރ ހޯދޭނެ. އެއް ފަހަރުން ކާމިޔާބު ނުވެދާނެ. ބައެއް ކަންކަމަކީ ވަރަށް ޕްލޭންޑް ކަންކަން. ސީކުއެންސެއް ނޫނީ ސީރީސެއް. އަހަރުމެން ޖެހޭނީ ސީކުއެންސްގެ ޕެޓަރން ދެނެގަންނަން. ޕެޓަރން ފެނުނީމަ ދެން އިނިޝިއަލް ޕޮއިންޓަށް ދެވޭނެ."
ހައިލަމް ހިންދިރުވާލިއެވެ. ނައީމުގެ ތަޖުރިބާއިން އޭނާއަށް ނަގައިދިން ފިލާވަޅުން ހިތްވަރު ލިބިގަތެވެ.
"ތޭންކްސް ސަރ." ނައީމުގެ އަގުހުރި ފިލާވަޅުތަކަށް ނިސްބަތްވާ ގޮތަށް ހައިލަމް ޝުކުރު އަދާކޮށްލިއެވެ.
މީޒާގެ މަރުގެ މައްސަލައާ ގުޅުން ހުރެދާނެ ކަމަށް ޝައްކުކުރެވޭ ހުރިހާ ދިމާއަކަށް ވިސްނުން ހިންގައި އެކަން ބެލުމުގައި ނައީމުގެ ޓީމުގައި ހައިލަމް ވެސް އިސްކޮށް އުޅުނެވެ. އެމީހުންނަށް އެ މަރުގެ ފަހަތުގައިވާ ކަންކަމުގެ ކޮޅެއް މެދެއް ފެންނަ ގޮތެއް ނުވެއެވެ. މައްސަލައިގެ ތެރެއަށް ފީނަމުންދާ ވަރަކަށް އޮޅުންބޮޅުންވަނީއެވެ. އެކި މަގުތައް ފެނި ވަކި ހިސާބަކުން މަގުތައް ބަންދުވެ ވަލުވަންނަނީއެވެ. އެއް ހާދިސާ އަނެއް ހާދިސާއާ ގުޅުވައިލަން ދަތިވަނީއެވެ. އެއްވެސް ހާދިސާއެއް ގުޅޭނެ ގޮތެއް، ގުޅުވޭނެ ވަޒަނެއް ނުފެންނަނީއެވެ.
"އޮތީ ހަމައެކަނި ޓިޝޫކޮޅު." ނައީމު އިނީ އޭނާގެ ރަސްމީ މޭޒު ކައިރީގައެވެ.
ނައީމުގެ ކުރިމަތީގައި ހުރި ދެ ގޮނޑިން އެއް ގޮނޑީގައި ހައިލަމް އިނެވެ. އަދަބުވެރި ކަމާއެކު ނައީމުގެ ވާހަކަތައް އަޑުއަހާށެވެ.
"އެ ކޮންތަނެއްގައި ބޭނުންކުރާ ޓިޝޫއެއްތޯ ބަލަން ފެންނަނީ." ނައީމު ވިސްނުންތެރިކަމާއެކު ބުނެލިއެވެ.
"ޓިޝޫ؟" ހައިލަމް ސުވާލުގެ ނަޒަރުން ބަލައިލީ ސީދާ ނައީމުގެ މޫނަށެވެ.
"އާނ! މިހާރު ކޮންމެ ބަޔަކުވެސް ހިދުމަތް ދެމުން އެދަނީ އެބައެއްގެ އަމިއްލަ އުފެއްދުންތަކުގައި. ކޮންމެ ތަނެއްގައި ހުންނަ ކޮންމެ އެއްޗެއްގައި ވެސް އެ ހުންނަނީ އެބައެއްގެ އަމިއްލަ ވަންތަ ގޮތްތައް ހިމަނައިފަ."
"އެކަމަކު؟" ހައިލަމް ބުނެލިއެވެ.
"ކިހިނެއްވީ؟"
(ނުނިމޭ)