ހދ. ކުޅުދުއްފުށީގައި ހަ ކިލޯ މީޓަރުގެ މަގުގައި ތާރުއަޅަން ނިންމާ އެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފި އެވެ.
ކުޅުދުއްފުށީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ޕްލޭނިން، ހައުސިން މިނިސްޓްރީއާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ވަނީ ސޮއިކޮށްފައެވެ.
ދިވެހިރާއްޖޭގެ އަޑުގައި ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން، ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލި މަނިކު އާއި ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަން އެވެ.
މިމަސައްކަތް އާރުޑީސާ އާއި ހަވާލު ކުރީ 510 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. މިމަސައްކަތުގެ އަގަކީ 100.7 މިލިއަން ރުފިޔާއެވެ. މި މަސައްކަތުގެ ދަށުން ކުޅުދުއްފުށީގައި ހަ ކިލޯ މީޓަރުގެ މަގުތަކުގައި ތާރުއެޅުމާއި މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް މަގުބައްތި ޖަހާނެ އެވެ.