ދުނިޔެ

ޕާކިސްތާން، އިންޑިއާ ހަތުރުން ގޮތުގައި ތިބެންޖެހޭ ސަބަބެއް ނެތް: އަބީނަންދަން

ޕާކިސްތާނާއި އިންޑިއާ ކަޝްމީރާ ހެދި ކުރި ހަނގުރާމައިގައި ޕާކިސްތާނުން ހަމަލާދީ ވައްޓާލި އިންޑިއާ ޖެޓް ދުއްވަން އިން އިންޑިއަން އެއާފޯސްގެ ވިންގް ކޮމާޑަރު، އަބީނަންދަން ބުނަނީ ޕާކިސްތާނާއި އިންޑިއާ ހަތުރުން ގޮތުގައި ތިބެން ނޭދޭ ކަމަށެވެ. އޭނާ ބުނަނީ ބޭނުންވަނީ ސުލްހަ ކަމަށާއި ދެ ގައުމަށް އެންމެ ހެޔޮ ގޮތަކީ ވެސް އެއީ ކަމަށެވެ.

އަބީނަންދަން ވީޑިއޯ މެސެޖެއްގައި ސުލްހައަށް އެދި ޖަޒްބާތީ ވާހަކަތަކެއް ދައްކާފައި ވާއިރު، ޕާކިސްތާން އިންޑިއާ ވަނީ ކަޝްމީރު ބައިކުރާ ސަރަހައްދުގައި ހަމަލާ ދިނުން ހުއްޓާލައި ގުޅުން ބަދަހި ކުރަން މަޝްވަރާ ފަށާފަ އެވެ.

ޕާކިސްތާން އަސްކަރިއްޔާއިން ބަޔާނެއްގައި ބުނެފައި ވަނީ ކަޝްމީރުގައި ހަމަލާ ބަދަލު ކުރުން ހުއްޓާލައި އަދި މިފަދައިން ހުރި ހުރިހާ ނުތަނަވަސް ކަމެއް ހަމަ މަގަށް އެޅުވުމަށް އިންޑިއާއައެކު މަޝްވަރާއަށް ފުރުސަތު ލިބިފައިވާ ކަމަށެވެ.

ޕާކިސްތާނާ އިންޑިއާއަކީ ދެ ގައުމެއްގެ ޒަމާން ފެށުނީއްސުރެ ކުނިޖެހޭ ދެ ގައުމެވެ. މި ދެގައުމު މަސަލަސް ނުވެ ހިނގައިދާ ދެކޮޅުވެރިކަމުގައި ޖާނާއި މުދަލަށް އަގު ކުރަން ދަތި އެތައް ގެއްލުން ވަނީ ލިބިފަ އެވެ. އެހެން ނަމަވެސް ގައުމު ހިންގަން ތިއްބަވާ ސިޔާސީ ލީޑަރުންނަށް ސުލްހައަށް ކަމެއް ކުރެވުނު ކަމަކަށް ނުވެ އެވެ.

އިންޑިއަން އެއާފޯސްގެ ވިންގް ކޮމާޑަރު، އަބީނަންދަން: ދެ ގައުމަށް ވެސް އެންމެ ރަނގަޅު ގޮތަކީ ސުލްހަވެރިވުން

އިންޑިއާއާ ޕާކިސްތާން ސުލްހަވުމަށް މަޝްވަރާ ފަށައި އިއުލާން ކުރި ހަބަރު ނޫސްތަކަށްވީ ބޮޑު އީދަކަށެވެ. މީޑިއާގެ ފަލަ ސުރުހިއަށް މި ވާހަކަތައް އެރި ސަބަބަކީ، ދެ ގައުމުގެ ގުޅުން އޮތް ހިސާބުން ހެޔޮ ހާލަތަކަށް ބަދަލު ވެވިދާނެ ކަމަށް ގަބޫލު ކުރަން ދަތިވުމެވެ.

ގައުމުތަކުން ވެސް ދަނީ އިންޑިއާއަށާއި ޕާކިސްތާނަށް މަރުހަބާ ކިިޔަމުންނެވެ. އަދި ސުލްހައަށް ކުރާ މަސައްކަތްތަކަށް އެހީތެރިވާނެ ކަމަށް ބުނަމުންނެވެ.