ކޮވިޑް-19 އާއި ދެކޮޅަށް ބޭނުންކުރާ ވެކްސިންގެ އިތުރު 100،000 ޑޯޒް ރާއްޖެއަށް ގެނެސްފައިވާ ކަމަށާ ވެކްސިން ޕްރަގްރާމް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
މި މަހުގެ ފުރަތަމަ ދުވަހު ރާއްޖޭގައި ކޮވިޑް ވެކްސިން ޕްރަގްރާމް ފެށީ އިންޑިއާއިން ހަދިޔާކުރި 10،000 ވެކްސިން ޑޯޒްއާއެކުގައެވެ. މިއަދުގެ ނިޔަލަށް 105،000 މީހުންނަށް ވަނީ ފުރަތަމަ ޑޯޒް ދީފައެވެ.
އިންޑިއާއިން ވަނީ އިތުރު 100،000 ވެކްސިން ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ. އެ ނިންމުން ހާމަކުރީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބުރަހްމަންޔަން ޖައިޝަންކަރު މި މަހުގެ 20 ވަނަ ދުވަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ.
އެޗްއީއޯސީން މިރޭ ބުނީ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެ ދުވަހު އެކަން އިއުލާނު ކުރެއްވިއިރު ރާއްޖެއަށް 100،000 ޑޯޒް ލިބިފައިވާ ކަމަށެވެ. އެެހެން ކަމުން ވެކްސިން ޕްރަގްރާމް މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ.
މިހާތަނަށް މާލެ ސަރަހައްދުން 72،872 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ. އަދި އަތޮޅުތަކުން 32،620 މީހަކަށް ވެކްސިން ދީފައިވެއެވެ.
މާލޭ ސިޓީގައި އޭޑީކޭގެ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައެވެ. އަދި ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިން ސެންޓަރުން ދަނީ ވެކްސިން ޖަހައިދެމުންނެވެ. ރާއްޖޭގެ ދެ ރަށެއްގައި ނޫނީ ވެކްސިން ޕްރަގްރާމް އެބަ ހިންގައެވެ. މިވަގުތު 30 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ވެކްސިން ޖެހޭނެ އެވެ. އަދި 18 އަހަރުން މަތީގެ ބަލި މީހުންނަށްވެސް ވެކްސިން ދެއެވެ.