ލައިފްސްޓައިލް

އާޖެންޓީނާއަށް މަދިރީގެ "ނަގޫރޯޅިއެއް"

އިންޓަނެޓުގައި ވައިރަލް ވެގެން މިހާރު އުޅޭ އެއް ވީޑިއޯއަކީ އާޖެންޓީނާގައި ދާދިފަހުން ހިނގި ކަމެކެވެ. މި މަންޒަރު އެންމެ ރީތިކޮށް ފެނުނީ އެ ވަގުތު އެ ހިސާބުން ސައިކަލުތަކުގައި ދަތުރުކުރި މީހުނަށެވެ. ނަމަވެސް އިންޓަނެޓުގައި ވައިރަލް ވެގެން އުޅޭ ވީޑިއޯއަކީ ކާރެއްގައި ދަތުރުކުރި މީހަކު ނަގާފައިވާ ވީޑިއޯ އެކެވެ.

އޭނާ ބުނި ގޮތުގައި ކަޅުކުލައިގެ ނަގޫރޯޅިއެއް ޖައްވުން ފެނުމުން އެމީހުން ފުރަތަމަ ހީކުރީ ހަމަ އަސްލު ވެސް އެއީ ނަގޫރޯޅިއެއް ކަމަށެވެ. ނަމަވެސް ލޮލަށް ފެންނަމުން ދިޔައީ އަސްލު ނަގޫރޯޅިއެއް ނޫންކަން ޔަގީންވުމުން ވަރަށް ބޮޑު ޝޮކެއް ލިބި ހައިރާންވި ކަމަށް ވެސް އެމީހާ ބުންޏެވެ.

އެމީހުންނަށް ފެނިފައި ވަނީ އަދި ވީޑިއޯ އިން ފެންނަނީ މަދިރީގެ ބޮޑު ގާފިލާ އެކެވެ. އެހާ ގިނަ މަދިރި ބޮނޑިއަކަށް އުދުހެމުން ދިޔައިރު ނަގޫރޯޅިއެއް ގޮތަށް ސިފަ ވީއެވެ.

މި "މަދިރި ނަގޫރޯޅި" ވީޑިއޯ ކުރި މީހާ ބުނި ގޮތުގައި އެއާ ކައިރިވަމުން ދިޔަ ވަރަކަށް އެ ނަގޫރޯޅި ބޮޑުވަމުން ދިޔަ ކަމަށެވެ. އަދި ހަޔާތުގައި ވެސް މިފަދަ ކަމެއް ނުދެކޭ ކަމަށް އެމީހާ ބުންޏެވެ.

މިހާ ގިނަ މަދިރި ނަގޫރޯޅިއެއް ގޮތަށް އުދުހެނިކޮށް މި ފެނުނީ އާޖެންޓީނާއަށް ބޯކޮށް ވިއްސާރަކުރާތާ ގިނަ ދުވަސް ތަކަކަށް ފަހުގަ އެވެ.

މަދިރީގެ "ނަގޫރޯޅި" ވީޑިއޯ

"މާގިނައިން ވާރޭ ވެހުމުގެ ސަބަބުން މަގުތަކާއި ހުސް ތަންތަނުގައި ފެންގަނޑު ހެދި އެ ފެންގަނޑަށް އަންހެން މަދިރިތައް ބިސް އަޅައިގެން މިހާ ގިނަ މަދިރި އުފެދިފައި ވަނީ،" އާޖެންޓީނާގެ ސައިންސްވެރިއަކު އެ ގައުމުގެ ނޫހަކަށް ބުނެފައި ވެއެވެ.

ބޮޑެތި ފެންގަނޑުތައް ހެދި ނުހިނދި އެތައް ދުވަހެއް ހުރުމުގެ ނަތީޖާއެއްގެ ގޮތުން ގިނަ އަދަދެއްގެ މަދިރިއަށް ބިސް އަޅާނެ ފުރުސަތު ލިބި މިހާ ގިނަ މަދިރި އުފެދޭ ގޮތް ވީ ކަމަށާއި މަދިރީގެ އާބާދީ ގިނަ ވުމުގެ ސަބަބުން ބޮޑު ރަށެއް ފަތަހަ ކުރެވޭ ވަރުގެ ބޮޑު ގާފިލާއެއްގެ މަދިރި އުފެދިފައިވާ ކަމަށް ސައިންސްވެރިޔާ ބުންޏެވެ.

މި މަދިރިތަކުން އިންސާނުންނަށް މާ ބޮޑު ގެއްލުމެއް ނުލިބުނަސް ދަނޑުގޮވާމަށް ގެއްލުން ލިބޭނެ ކަމަށާއި އެންމެ ގިނަ ވެގެން ވެސް މަދިރިތަކަށް ތިބެވޭނީ 15 ވަރަކަށް ދުވަހު ކަމަށާއި އޭގެ ފަހުން މަދިރިތައް މަރުވާން ފަށާނެ ކަމަށް ވެސް އޭނާ ބުންޏެވެ.