ލައިފްސްޓައިލް

ވެރިމީހާ މަރާލުމުގެ ކުށުގައި ހާލެއް ހައްޔަރުކޮށް ކޯޓަށް

އިންޑިޔާގެ ތެލަންގަނާގައި މިދިޔަ ހޮނިހިރު ދުވަހު ހިނގި ވަރަށް އަދަޔާހިލާފު ހާދިސާއެއްގައި ހާލެއް ކުށްވެރިވެ ފުލުހުން އެ ހާ ހައްޔަރު ކޮށްފި އެވެ. ހައްޔަރުކުރީ ޖަގްޓިއާލް ޑިސްޓްރިކްޓްގައި އޮތް ކޮކް ފައިޓް ނުވަތަ ހާ ތެޅުމުގެ މުބާރާތެއްގައި ބައިވެރި ކުރި ހާލެކެވެ.

އެ ސަރަހައްދުގެ ފުލުހުން ބުނި ގޮތުގައި ހާލުގެ ކުށަކީ ވެރިމީހާ މަރާލުމެވެ. އެއީ އެ ސޮރު ގަސްތުގައި ކުރި ކަމެއް ނޫން ކަމަށާއި އެކަން ދިމާވީ އެކްސިޑެންޓަކުން ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

މި އެކްސިޑެންޓް ހިނގަން ދިމާވީ ހާލުގެ ފައިގައި ވަޅިއެއް ބަނދެ ތަޅާފޮޅަން ތައްޔާރު ކުރަނި ކޮށެވެ.

މި ހާލަކީ ތަނުގުއްލާ ސަތީޝް، 45، ގެ ހާލެކެވެ. މި ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ސަތީސް އޭނާގެ ހާ ގޮވައިގެން "ކޮކް ފައިޓެއް" ގައި ބައިވެރި ކުރަން ދިޔަ އެވެ. ހާ ތަޅުވާ މުބާރާތަކީ މުޅިން މަނާ ކޮށްފައި އޮތް ކަމެއް ނަމަވެސް އެ ތަނަށް އެސޮރު ގެންގޮސް ގަދަ ކަމުން އެސޮރުގެ ފައިގައި ވަޅި ބަންނަން އުޅުމުން އެ ސޮރު ގަދަ ހަދައި ތެޅިފޮޅިގަނެ ސަލާމަތްވާން މަސައްކަތް ކުރަނިކޮށް އެ ސޮރު ފައިގައި ބަނދެފައި އިން ވަޅިން ވެރިމީހާ އުކުޅުވަޅުގައި އެޅި ވަރަށް ބޮޑަށް ކަފައިގެން ދިޔައީ އެވެ.

ކަފައިގެން ދިޔަ ތަނުން ވަރަށް ގިނައިން ހޯސްލާފައި ލޭ ފައިބަން ފެށުމުން ވަގުތުން އެމްބިއުލެންސް ގެނެސްގެން ސަތީސް ހޮސްޕިޓަލަށް ގެންދިޔަ އެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފައި ކަމަށް އޭނާ ބެލި ޑޮކްޓަރުން ބުނެފައި ވެއެވެ.

ކޮކްފައިޓަކީ ތެލަންގަނާ ޑިސްޓްރިކްޓްގައި މުޅިން މަނާ ކޮށްފައި އޮތް ކަމެކެވެ. ނަމަވެސް ބައެއް މީހުން ސިއްރު ސިއްރުން މުބާރާތްތައް އިންތިޒާމް ކޮށްގެން ބާއްވަނީ އެވެ.

ވެރިމީހާ މަރުވުމުން ފުލުހުން ހާ ހައްޔަރު ކޮށްގެން ޕޮލިސް ސްޓޭޝަނަށް ގެންދިޔަ އެވެ. އަދި އެސޮރަށް ކާންދީ ބޯންދީގެން މިހާރު ފުލުހުންގެ އޮފިޝަލަކު ދަނީ ހާ ބަލަހައްޓަމުންނެވެ. ހާ ހައްޔަރުކޮށްފައިވާ ކަމަށް އެ ލޯކަލް މީޑިއާއިން ބުނާ ޚަބަރުތައް ފުލުހުން ދޮގު ކުރެ އެވެ. ފުލުހުން ބުނީ އެ ސޮރު އިނީ ހައްޔަރުކޮށްފައި ނޫން ކަމަށެވެ. ނަމަވެސް ކޯޓަށް ހާޒިރުކޮށް އެ ސޮރަށް ހަދާނެ ގޮތެއް ފަނޑިޔާރު ނިންމަން ދޫކޮށްލާނެ ކަމަށެވެ.