ބޮލީވުޑް

ކަރީނާއަށް އަސްލު ކީ ނަން އެނގޭތަ؟

ކަރީނާ ކަޕޫރަށް އޭނާގެ ކާފަ އަދި ކުރީގެ މަޝްހޫރު ސުޕަސްޓާ ރާޖް ކަޕޫރު ފުރަތަމަ ކިޔާފައި ވަނީ ސިދިމާ އެވެ. ކަރީނާ އުފަންވީ ސެޕްޓެމްބަރު 21، 1980 ގައެވެ. އޭނާގެ ދެބެންގެ ދެ ދަރި ކުއްޖެއް ކަމަށްވާ ރިދިމާ އުފަންވީ އޭނާއަށް ވުރެ ހަ ދުވަސް ކުރިންނެވެ. ރިދިމާއަކީ ރިޝީ ކަޕޫރާއި ނީތޫ ސިންގްގެ ދޮށީ ދަރިފުޅެވެ. އެހެންވެ އެ ދެބެންގެ ކާފަ ރާޖް ކަޕޫރު ދެބެންނަށް އެއް ގޮތަށް ކިޔޭ ނަން ކިޔަން ވެގެން ރިދިމާ އާއި ސިދިމާ ކީއެވެ.

ކާފަ ދިން ނަން އެ އިން ގޮތަށް ބައިންދާ އޭނާގެ ދަރިފުޅަށް ރިދިމާ ކިޔަން ނީތޫ ނިންމި އެވެ. ނަމަވެސް ކަރީނާގެ މަންމަ ބަބީތާއަކަށް އޭނާގެ ދަރިފުޅަށް ސިދިމާ ކިޔާކަށް ހިތްހަމައެއް ނުޖެހުނެވެ. އެހެންވެ ސިދިމާ ނުކިޔައި ކަރީނާ ކީއެވެ.

ކަރީނާއަކީ ބަބީތާ ބަނޑުބޮޑުއިރު ކީ ވާހަކައެއްގައި އުޅޭ ކެރެކްޓާއެކެވެ. އޭރުއްސުރެ އޭނާ ހުރީ އަންހެން ދަރިއަކު ލިބިއްޖެނަމަ އެ ނަން ކިޔަން މުޅިން ނިންމައިގެންނެވެ.

ދަރިންނަށް ވަނަން ކިއުމަކީ ކަރީނާގެ ބައްޕަ ރަންދީރު ކަޕޫރު ކުރި ކަމެކެވެ. ކަރިޝްމާ ލިބުމުން އޭނާއަށް ލޯލޯގެ ނަން ދިނީ ވެސް ރަންދީރެވެ. އަދި ކަރީނާއަށް ކީ ބޭބޯ އެވެ.

"މަގޭ މަންމަ އާއި ބައްޕަ ބޭނުންވީ އަހަރެމެންނަށް ވަރަށް މަޖާ ވަނަންތައް ކިޔަން. އެހެންވެ ލޯލޯ އާއި ބޭބޯ ކީ. ހަގީގަތުގައި އެ ނަންތަކަކީ މާނައެއް ވެސް އެކުލެވޭ ނަމެއް ނޫން. ލޯލޯގެ މާނައަކީ ލޮލީ. ލޯލޯގެ ނަމާ އެއްކަހަލަ ގޮތަކަށް ކިޔޭތީ ބޭބޯ ކީ،" ކަރީނާ ތަންކޮޅެއް ކުރިން ޓީވީ ޝޯ އަކަށް ދިން އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.

ކަރީނާއަށް ވެސް މިހާރު ވަނީ ދެ ވަނަ ދަރިއަކު ލިބިފަ އެވެ. މިފަހަރު ލިބުނު ފިރިހެން ދަރިފުޅަށް ކީ ނަން އަދި އިއުލާން ކޮށްފައެއް ނުވެ އެވެ. ފުރަތަމަ ދަރިފުޅަށް ތައިމޫރު ކިޔައިގެން އިންޑިޔާ މީހުން ވަރަށް އެކަމާ ހިތްހަމަނުޖެހިގެން އުޅެފައި ވެއެވެ. އެއީ މުސްލިމް ހަނގުރާމަވެރިއެއްގެ ނަމެއް ކަމަށް ބުނެ އެވެ.

ކަރީނާގެ ފިރިމީހާ ސައިފް އަލީ ޚާން ބުނި ގޮތުގައި އޭނާ ބޭނުންވީ ތައިމޫރަށް ވެސް ފައިޒް ކިޔާށެވެ. ނަމަވެސް ތައިމޫރު ކީ ކަރީނާ ބޭނުން ވެގެންނެވެ.