ހަބަރު

ނެޓްވޯކުތަކުގެ ބުރޫއެރުން ހޯދާ ސިސްޓަމެއް ދިރާގުން ތައާރަފުކޮށްފި

ނެޓްވޯކުތަކުގެ ސަލާމަތަށް ބުރޫއަރާ ފަދަ ކަންކަން ދެނެގަނެ އަޅަންޖެހޭ ރައްކާތެރި ފިޔަވަޅުތައް އަޅައި އެފަދަ ކަންކަމަށް ދުރާލައި ސަމާލުވާން މަގު ފަހިކޮށްދޭ ސިސްޓަމެއް ދިރާގުން ތައާރަފް ކޮށްފި އެވެ.

ސެކިއުރިޓީ އިންފޮމޭޝަން އެންޑް އިވެންޓް މެނޭޖްމެންޓް (ސިއެމް) ގެ ނަމުގައި ދިރާގުން ތައާރަފުކުރި ސިސްޓަމުން ނެޓްވޯކެއްގެ އެކި ދިމަދިމާއިން ވަގުތުން ސަލާމަތީ ކަންކަމާއި ކޮމްޕްލައިންސާއި ގުޅުން ހުރި ޑޭޓާ ހޯދައި ޖަމާ ކުރެ އެވެ.

ދިރާގުން ބުނީ، ސިއެމްގެ އެހީގައި އިންޓަނެޓް ފަދަ ވިއުގަތަކާ ގުޅިފައިވާ ނެޓްވޯކްތަކަށް ދިމާވާ ސެކުއިރިޓީ މައްސަލަތައް އަވަހަށް ދެނެގަނެ، މައްސަލަތައް ހައްލު ކުރުމާއި އަދި ސެކިއުރިޓީގެ ބެސްޓް ޕްރެކްޓިސްތަކަށް ނެޓްވޯކް ފެއްތުމަށާއި ރިޕޯޓްތައް ތައްޔާރު ކުރާ ސައިބާ ސެކުއިރިޓީ ޓީމްތަކަށް ފަސޭހައަކަށް ވެގެން ދާނެ ކަމަށެވެ.

ދިރާގު ސިއެމް އިން ލިބޭ ފައިދާތަކުގެ ތެރޭގައި ނެޓްވޯކާއި ބެހޭ މުހިންމު މައުލޫމާތުތައް ލައިވްކޮށް އެއް ޑޭޝްބޯޑަކުން ބަލާލެވުމާއި، ނެޓްވޯކްގެ ތެރޭގައި ވަގުތުން ހިނގަމުންދާ ކަންކަމާއި ކުރިން ހިނގާފައިވާ ކަންކަން ބަލައިލެވޭނެ އެވެ. އެގޮތުން އެވަގުތު ނެޓްވޯކް ހުރި ހާލަތާއި ކުރިން ހުރި ހާލަތް އެސިސްޓަމް މެދުވެރިކޮށް ދެނެގަނެވޭނެ ކަމަށާއި، ނެޓްވޯކާއި ގުޅިފައިވާ ގުނަންތަކުގެ ކޮންފިގަރޭޝަން ތައްޔާރުކުރުމާއި އެނެޓްވޯކަށް އަންނަ ބަދަލުތައް އެކަމެއް ހިނގާ ވަގުތުގައި ދެނެގަނެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

މީގެއިތުރުން ދިރާގު ސިއެމް މެދުވެރިކޮށް ނެޓްވޯކާއި ގުޅިފައި ހުރި އެއްވެސް ޑިވައިސެއްގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތައް މޮނިޓާ ކުރެވޭނެ ކަމަށާއި، އޮޑިޓްތަކަށް ބޭނުންވާ ކޮމްޕްލައިންސް ރިޕޯޓްތައްވެސް އެސިސްޓަމް މެދުވެރިކޮށް ވަގުތުން ތައްޔާރު ކުރެވޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.