ހީނލާގޮތުން

ހީނލާގޮތުން

(25 ފެބްރުއަރީ 2021 އާ ގުޅޭ)

ކައިވެނި ކުރި ރޭ ނޯޔާ ކޮޓަރިއަށް ވަން ފަހުން މަލްސާއާއި ސާރާ ބޭނުން ވުމުން ކިރުތައްޓެއް ހިފައިގެން ސަބީނާ އައީ ކަމުގައި މިފަހަރު އޭނާ ޤަބޫލު ކޮށްލި އެވެ. އެންމެވުން ގާތީ އެގޮތް ކަމުގައިވީމަ އެވެ. ތަބަކުގައި ދެ ތަށި ގެނެސް ސަބީނާއާ ނޯޔާ ހަވާލު ކުރިއެވެ. އޭނާ ކަމެއްގައި އުޅެމުން އައީ ކަހަލަ އެވެ. މަޑުނުކޮށް ދިޔައީ އެވެ. ދޮރު ލައްޕާލުމާއެކު ނޯޔާގެ ނަޒަރު އަސްލަންއަށް ހުއްޓުނެވެ. ބުނަންވީ ކީކޭ ކަމެއް އަސްލަންގެ ހިތާއި ސިކުނޑިއަކަށް ނޭރި އެވެ. ދެ ފަހަރަކު ނަޒަރު ވަކިކޮށްލާފައި އަލުން ނޯޔާއާ އަމާޒު ކޮށްލެވުނަސް އަސްލަންއަށް ތަފްސީލެއް ނުދެވުނެވެ. އަލުން ސޯފާގައި އިށީން ގޮތުން އަސްލަން ވާހަކަ ނުދައްކަން ހުރީކަން ނޯޔާ ދެނެގަތެވެ. އޭނާ ސުވާލެއް ކޮށްފިނަމަ ފަހަރެއްގައި މަޖުބޫރު ވެގެން ޖަވާބު ދީފާނޭ ހީކުރި އެވެ. އެހެންވިޔަސް ނޯޔާ ނިންމީ އަސްލަން ނުބުނީތީ ސުވާލު ނުކުރާށެވެ. އޭނާ އެ ހުރީ ހެނދުނު އައި ފޯނުކޯލުގެ ވާހަކަ މީހެއް ކައިރީ ދައްކަން ބޭނުން ނުވެފައެވެ. އިތުރަށް ހަނދާން ކުރަން ވެސް ބޭނުން ނޫނީ އެވެ. ހިތަށްވާ އުނދަގޫގެ ސަބަބުންނެވެ. ނުބައި ވަސްވާހުގައި ހިތް ބެހިގެން ދާން ފުރުޞަތު ދޭކަށް ނޭދެއެވެ. އޭނާގެ ހާލު ﷲ މޮޅަށް ދެނެވޮޑިގެންވާނޭކަން ޔަގީން ކުރި އެވެ. ވަޒީފާގެ މައިދާނަކީ އޭނާއަށް ފައިދާ ހުރި ތަނަކަށްވާނަމަ ކޮންމެވެސް ދުވަހަކުން އެކަން އޭނާއަށް ﷲ ފަހިކޮށް ދެއްވާނޭކަން ޤަބޫލު ކުރިއެވެ. މިވަގުތު އޭނާގެ ސަމާލުކަން އަސްލަންގެ ޢާއިލާއަށް މާބޮޑަށް ވެސް މުހިންމެވެ. އެ ޒިންމާއަށް ފަރުވާ ކުޑަކުރުމުގެ ގަސްދެއް ނެތެވެ.

ދުވަސް ނިމުމަކަށް އައިއިރު ހީކުރި ވަރަށްވުރެ ބުރަ ދުވަހަކަށް ނޯޔާއަށް ވިއެވެ. އޭނާ މަސައްކަތް ކުރީ ރޭވުންތެރިކަމާއެކު ބަހާލައިގެން ކަންތައްތައް ކުރާށެވެ. ނަމަވެސް އިރުއޮއްސި ކުދީން ނިދަން ބައިތިއްބަންވީ ވަގުތު ޖެހުނު އިރު ވެސް އޭނާގެ މަސައްކަތެއް ނުނިމެވެ. ކެއްކުމާއި ގޭތެރޭގެ އެހެން ކަންކަން ކުރުމުގެ އިތުރުން ތިން ދަރީން ބެލުމަކީ ހާދަ ބުރަކަމެކޭ ނޯޔާގެ ހިތަށް އެރިއެވެ. މަންމަމެން ދަރީން ބެލުމުގައި އެވާ ގުރުބާނީއަކީ ކިހާ ބޮޑު ގުރުބާނީއެއްކަން ނޯޔާއަށް އިޙްސާސް ކުރެވެން ފެށީ އަދި ކިރިޔާއެވެ. އެނދުތަކުގެ ތަންމަތި ބަދަލު ކުރަންވެފައި ހުރިއިރު ދެބެންގެ އަލަމާރިއާއި ކަބަޑުތަކާއި ފޮތް ހަރުގަނޑު ހުރީ ތަރުތީބު ކުރަންވެފަ އެވެ. ނަމަވެސް އެންމެ ދުވަހަކުން ހުރިހާ ކަމެއް އޭނާ އެކަނި ނުވާނޭކަން އެނގެ އެވެ. މަސައްކަތް ހުއްޓާލާފައި އެކުދީން އެކަމުގައި ޝާމިލު ކޮށްގެން ފަހުން ނިންމާލުމުގެ ވިސްނުން އޭނާ ގެންގުޅުނެވެ. ސާފު ތާހިރު ކަމާއި ތަރުތީބު ކަމަކީ ޅައިރުއްސުރެ ކުދީންނަށް ދަސްކޮށްދޭން ޖެހޭނެ އަދި އާދަކުރުވަން ޖެހޭ ރީތި އަދަބެކެވެ. ހަފްތާ ބަންދަށްފަހު ކުރިއަށް އޮތް ދުވަހަކީ ސާރާއާއި މަލްސާގެ ސްކޫލު ކިޔެވުން ފެށޭނެ ދުވަހެކެވެ. އެކަމަށް ތައްޔާރުވާންވީ ގޮތެއް އޭނާއަކަށް ނޭނގެއެވެ. ދެބެން ދަނީ އެއް ސުކޫލަކަށްކަން ނޯޔާއަށް އެނގުނީ ޔުނީފޯމް ތައްޔާރު ކުރާން އުޅެވުނު ހިނދެވެ.

ނޯޔާ އިސްތިރިކޮށް ނިންމާލުމާއެކު ކުދީންގެ ކޮޓަރިއަށް ވަނީ ކޮނޑުގައި އަޅުވާލެވިފައިވާ ދެ ޔުނީފޯމް ހިފައިގެންނެވެ. ދެބެންނަށް ބަލަން އަސްލަން ހިމޭންވެފައި އިން ގޮތް ފެނި ސުވާލު އުފެދުނެވެ. ނޯޔާ ވަނުމުން އަސްލަން ތެދުވެ ފޮތް ހަރުގަނޑަށް އަތުގައި އޮތް ވާހަކަފޮތް ލާފައި ހިނގައިގަތީ ނުކުންނާށެވެ. ނޯޔާ ވެސް ޔުނީފޯމް އަޅުވާފައި ނުކުތީ އެވެ.

އަސްލަން ސޯފާއާ ދިމާއަށް އައެވެ. އޭނާ ނޯޔާއަށް ގޮވާލި އެވެ. ވާހަކަ ދައްކާލަން ބޭނުންވާކަން ބުންޏެވެ. ކިޔަމަންތެރި ކަމާއެކު ނޯޔާ އައިސް ވަކިން ހުރި ސޯފާ ގޮނޑީގައި އިށީނދެ އަސްލަންއަށް ބަލާލި އެވެ.

"އަންނަ ހަފްތާ އަހަރެން ނުހުންނާނެ، އޮފީހަށް ނުކުންނާނެ... ހެނދުނު ސާރާ ސްކޫލަށް ދާނީ، އޭނާ ނިމޭ ގަޑިއަށް މަލްސާ ގެންދަން ޖެހޭނީ، މި ހަފްތާގަ އަހަރެން ކުދީން ގެންގޮސް ގެނެސް ހަދާނީ، އެކަމަކު އަންނަ ހަފްތާއިން ފެށިގެން ހުރިހާ ގަޑިއެއްގެ އަންނަން އުނދަގޫވާނެ، ސާރާ ނިމޭ ގަޑީ މަލްސާ ގެންގޮސް ލާފައި ސާރާ ގޮވައިގެން ގެއަށް އަންނަން ދަތިވޭ، ރިދާން އެ ގަޑީގަ އެކަން ކޮށްދޭނީ، ސްކޫލު ދޮށަށް މަންމަ ފޮނުވާކަށް ނުވާނެއެއްނު... އެހާ ކައިރިއެއް ވެސް ނޫން އެއީ." އަސްލަންގެ ވާހަކައަށް ނޯޔާ ބޯޖަހާލީ އެއްބަސްވުމަށެވެ.

"އަހަރެން ގޮސްފާނަން." ނޯޔާ ބުންޏެވެ.

"ނޯޔާއަށް އުނދަގުލެއް ނުވާނެތަ." އަސްލައަށް އަހާލެވުނެވެ. އޭނާ ނޯޔާ ގާތު އެފަދައިން ކަންތައް ކުރަން ދިމާލަށް ނުބުނި ނަމަވެސް ވިސްނުމުގައިވީ ދިރިއުޅުމުގެ ހުރިހާ ކަމެއްގައި އިތުރު މީހަކަށް އުނދަގޫ ކުރުމެއްނެތި އެ ދެމަފިރިން ވެގެން ކުރާށެވެ. ނޯޔާ އިސްނެގުމަކީ އަސްލަންއަށް ދައްކަންޖެހޭ ވާހަކަ މަދުވި ސަބަބެކެވެ.

"އަނުމް ގޮވައިގެން ދާން ފަސޭހައެއް ނުވާނެ، އެވަގުތު މަންމަ ކައިރިއަށް އަނުމް ލާފަ ދާނީ... އަހަރެން... މަންމަ ކައިރީ ބުނެފަ ބާއްވާނަން." އަސްލަން ބުންޏެވެ.

ކުރިއަށް ދެމަފިރިންގެ ދެމެދުގައި ކަންކަން ބަހާލާނޭ ގޮތާމެދު ވާހަކަ ދެއްކުމުގައި ދެ މީހުން ސޯފާގައި ތިއްބެވެ. ހުރިހާ ކުދީން ނިދާ ގޭތެރެއަށް ވަނީ ހިމޭންކަން ވެރިވެފަ އެވެ. ދެމަފިރިންނަށް ހަމަޖެހިލައިގެން ތިބެ ކަންކަން މަޝްވަރާ ކުރާނޭ ފުރުޞަތު ލިބުނެވެ. ވާހަކަތައް ނިމި، ބާކީވި އެއްޗެހި ހޫނު ކޮށްފައި ނޯޔާ ކޮޓަރިއަށް ވަންއިރު ވެސް އަސްލަން ސޯފާގައި އިނެވެ. ޓީވީއިން ފެންނަމުން ދިޔަ ފުޓުބޯޅަ މެޗެއް ބެލުމުގަ އެވެ. ނޯޔާގެ ކޮޓަރިއަށް ވަދެއްޖެކަން ޔަގީންވުމުން އަސްލަން ސޯފާގެ ދިގަށް ހަށިގަނޑު ދަމާލައި އޮށޯވެލި އެވެ.

* * * * *

ހީނުކުރާހާ އަވަހަށް ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ނޯޔާއާއި އަސްލަންގެ ކައިވެންޏަށް މަހެއް ވެއްޖެ އެވެ. ދިރިއުޅުމުގެ ކަންކަމަށް ނޯޔާ ހޭނި އާދަވާން ފަށައިފި އެވެ. ރިދާން ދޭތެރެއަކުން އެ މީހުން އުޅޭ ބަޔަށް އައިސް ހަދަ އެވެ. ނޯޔާގެ އަތުން ކޮފީއާއި ސައިބޮއެ ހަދައެވެ. ކައްކައިފި ކޮންމެ އެއްޗަކުން ބައެއް ސަބީނާއަށް ފޮނުވަ އެވެ. މީރު އެއްޗެއް ހަދައިފިނަމަ މަންމަ، ރޫމާއަށް ވެސް ބައި އަޅައެވެ. ކަމެއް ނޭނގިއްޖެނަމަ އެމީހުންގެ ގާތުން ނޯޔާ ލަފާ އަހައެވެ. ބައެއް ދުވަސް ދުވަހު ސަބީނާ އައިސް ގާތުގައި ބުނެދޭން ހުރެއެވެ. ލަދުން ނުކެރިފައި ހުރެ ވެސް ސަބީނާއަށް މަންމަ ކިޔަން ނޯޔާ އާދަކުރިއެވެ. އޭނާގެ ގާތުގައި އުޅޭ ތިން ކުދީން އޭނާއަށް މަންމަ ކިޔަން ބޭނުންވާ ފަދައިންނެވެ.

ބަދަލު ނުވި ކަމަކީ ދެމަފިރިންގެ ދެމެދުގައި އޮތް ދުރު ކަމެވެ. އަސްލަންއާ ނޯޔާ ވާހަކަ ދައްކައިފިނަމަ އޭނާ ވާހަކަ ދައްކައެވެ. މުހިންމު ކަމެއް ޚިއްޞާ ކުރަންވެފައި އޮތިއްޔާ ނޫނީ އަސްލަން އިސްވެ ވާހަކައެއް ނުދައްކާނެ އެވެ. އަސްލަންގެ ކޮޓަރިއަށް ދުވަހެއްގެ އެކިއިރު ވަދެ ނުކުމެ ހަދާއިރު ވެސް އެ ކޮޓަރިއަކީ އޭނާއަށް ބީރައްޓެހި ތަނެއްކަން އިޙްސާސް ކުރެވެއެވެ. އަސްލަންގެ އަލަމާރީގައި އެއް ދޮރުފަތް އަބަދުވެސް ހުންނަނީ ތަޅުލާފައިކަން ނޯޔާއަށް ފާހަގަވީ ދޮވެފައި ހުރި އަސްލަންގެ ހެދުންތައް އަލަމާރިއަށް ލާން އުޅުމުގަ އެވެ. އެ އަލާމާރީގައި އަސްލަންގެ ހެދުންތައް ފެންނަން ހުރިއިރު ބަންދު ކުރެވިފައި ދޮރުފަތުގެ ފަހަތުގައި ވަނީ އޭނާގެ ކުރީގެ އަނބިމީހާގެ ހަނދާންތައް ކަމުގައި ނޯޔާއަށް ޤަބޫލުކުރެވެއެވެ. އެކަމާ ސުވާލެއް ކުރުމަކީ މުހިންމު ކަމެއްނޫންކަމުގައި ނޯޔާ ދުށީ އެހެންވެއެވެ.

ގޭގައި ނޯޔާއާ ގުޅުން ބަދަހި ކުރަން ބޭނުންނުވާ މީހަކީ ހަމައެކަނި އަރީނެވެ. ހުކުރު ދުވަހު ސުފުރާ ދޮށުން ޢާއިލާގެ އެންމެން ބައްދަލުވީ ނަމަވެސް އަރީންގެ ފުށުން ފެންނަނީ ނޯޔާއާ މެދު ގަޔާނުވާ ކަމެވެ. އެހެންވެ ނޯޔާއަށް ވެސް އިސްނަގަން ނުކެރެނީ އެވެ. އަރީންގެ ވާހަކަ ދެއްކުމުގައި އެހެން މީހުންގެ އިޙްސާސްތަކަށް އިޙްތިރާމް ކުރުމެއް ނުހުންނަކަން ނޯޔާއަށް ފާހަގަވިއެވެ. ކުރިން ވެސް ދައްތަގެ ފަރާތުން ނޯޔާއަށް އެނގިފައި އޮތީ އަރީންއަކީ ފޮނި ބޮޑާ މީހެއްގެ ގޮތުގަ އެވެ. މިހާރު ނޯޔާއަށް ވެސް އެފަދަ ބަސްތަކުން އަރީން ސިފަ ކުރަނީ ކީއްވެކަން އެނގެންފަށައިފި އެވެ. އަނެކާ ހިތަށް އަރާފާނޭ އެއްޗެއް އަރީންނަށް މުހިންމު ނުވާ ކަހަލައެވެ. ފަވާދަކީ ފިރިމީހާއަށް ވިޔަސް އެ ފިރިމީހާގެ ގަދަރު ހިފަހައްޓަން އަރީން މަސައްކަތެއް ނުކުރާތީ ނޯޔާ ހަމަ އަޖައިބު ވެއެވެ. އުފާވެރި މާޙައުލުގައި ސަބީނާގެ މޫނުން މޮޅިވެރިކަން ފޮރުވާތީ ނޯޔާ ދުށްޓެވެ. ސަބަބެއް ކަމުގައި އަންހެން ދަރިފުޅުވާކަން ޚުދު ނޯޔާއަށް ވެސް ބުނަން އެނގެއެވެ.

ޔަޝާގެ ބައްޕަ މެދުވެރިވެގެން ވަޒީފާ ހަމަޖެހުނުކަމުގެ އުފާވެރި ޚަބަރު ދޭން ނޯޔާއަށް ގުޅިއެވެ. އެކުވެރިޔާ ހުރީ ހިތްހަމަ ނުޖެހިފައިކަން ނޯޔާއަށް އެނގުނީ ދެނެވެ. ކުރިމައްޗަށް އަރައިފިނަމަ ޔަޝާއަށް އަނގަ މަޑުން ލައިގެން ނުހުރެވޭނެތީ އަންނަން ބޭނުން ނުވެފައި ހުރީކަން ބުންޏެވެ. އެންމެ ފުރަތަމަ ވެސް ޔަޝާއަށް ހަޤީޤަތް ނޯޔާ ސިއްރު ކުރީ އެހެންވެއެވެ. ޔަޝާއަށް އެ ނިންމުން ބަލައިގަންނަން އުނދަގޫ ވާނޭކަން ނޯޔާއަށް ރަނގަޅަށް އެނގޭތީ އެވެ. ދެ އަންހެންކުދީންގެ ޠަބީޢަތާއި މިޒާޖު އުޑާ ބިމާހާ ތަފާތު ވީމައެވެ. އެހެންވިޔަސް ޔަޝާ ދުރުގައި ހުރުމަކީ ނޯޔާ އެދޭ ގޮތެއް ނޫނެވެ. ނުރުހުންވެ ކިތަންމެ އެއްޗެއް ކީ ނަމަވެސް ކެތްކުރެވޭނެކަން ނޯޔާއަށް އެނގެއެވެ. ޔަޝާ ގާތު އަންނަން އެދި އާދޭސް ކުރީ އެހެންވެއެވެ.

* * * * *

ޝެހެނާޒާއެކު އަރީން އިނީ ޝެލްބީންސްގަ އެވެ. ގިޔާސުއްދީން ސްކޫލުން ކުދީން ނިމުނީމަ ގޮވައިގެން ގެއަށް ދާން ގަސްދުކޮށެވެ. ދެ އަންހެނުންގެ ވާހަކައިގެ މިސްރާބު ހުރީ އަމިއްލަ ދިރިއުޅުމުގެ ކަންކަމާ ގުޅިފައެވެ.

"ޝެހޭ ލައިސެންސް ނެގިތަން މަށަށް މެސެޖު ކުރައްޗޭ، ފަވާދު އެއްބަސްވެއްޖެ ކާރެއް ނަގަން، މައްސަލައަކީ އަހަރެމެން ގޭގަ ގަރާޖެއް ނެތްކަން، ތިރީގަ އެ ހުރި ފިހާރަ ހުސްކުރާކަށް މަންމަ އެއްބަހެއްނުވި، ދަރީން ގޮވައިގެން ނުހިނގޭނެ ހުރިހާ ތަނަކަށް، މިއޮއްދޭ ގަދަ އަވީގަ ކިހިނެއް؟... އަހަރެންގެ ސްކިން ނުލާހިކު ސެންސިޓިވް." މަންމަދެކެ ފޫހިވެފައި އަރީން އިން ކަހަލައެވެ.

"ނަސީބަކުން ފައްޔާޒު ކާރު ގަތުމުގެ ކުރީން އަހަރެމެން ގޭ ތިރީބައި ގަރާޖަކަށް ބަދަލުކުރި، މިހާރު އަރޫޝާއަށް ވެސް އެތަން ފެނިއްޖެ، ތިއްތިބޭ ކައިރީ ބުނެގެން ކާރެއް ގަނުވައިފި... މަހަމަ ކަމެއް ނުކޮށްގެން ހުންނާނީ، ހާދަ ފޫއްސެއްވެޔޭ، ހަމަކުރާ ކޮންމެ ކަމެއް ކުރަނިއްޔޭ، އެއްކަލަ އަރީން ބުނި ހެއާ ވިޓަމިން ނަގަންފެށިތާ މިވީ ދެ ހަފްތާގަ، އޭނާ އަހަރެން އުޅޭ ބަޔަށް އައި، ހުރިހާ އެއްޗެއް ހާވާލި... އެކަން ވެސް ކޮށްފިކަން މަށަށް އެނގުނީ އޭނާ ގަނެފަ ހުއްޓާ ފެނުނީނަމަ، ވިހައެއް ކާތީ ފެނުނަސް ގޮތް ބަލަން އެވެސް ހޯދާނެ ތޯއްޗެއް... މީހަކު ކުރާހާ ކަމެއް ނުކުރިއްޔާ ނުވޭތަ، އަދި އުޅޭނީ މާ ކަންކަން އެނގޭ މީހަކަށް ހެދިގެން." ޝެހެނާޒު ވެސް ހިފަހައްޓައިގެން ހުރި ނުތަނަވަސްކަން ލިބުނު ފުރުޞަތުގައި ބޭރުކޮށްލިއެވެ.

"ތީ އާކަމެއްނޫނެއްނު، އަމިއްލައަށް އާކަމެއްކުރާކަށް ނޭނގޭނެ، އަބަދުވެސް މީހަކު ކުރީމަ އެކުރާކަމެއް ކުރާނީ... ފޫހި މީހާގަނޑެއް" އަނގަޔަށް ވައްތަރެއް ޖައްސާލުމާއެކު ޝެހެނާޒާ އަރީން ބައިވެރިވެލިއެވެ.

"އަދިވެސް އެ ސޮރުގެ ޚަބަރެއްނުވޭތަ؟" ޝެހެނާޒު ލޮލުން ކޮށްލީ ތަފާތު އިޝާރާތެކެވެ.

"ނަންބަރެއް ނުދެޔޭ ބުނީމެންނު، އެފްބީއިން ވެސް ޚަބަރެއް ނުވޭ... އަނެއްކާވެސް އެގެއަށް ދާންވީ ކަންނޭނގެ، އަތުވެއްޖެއްޔާ އެބަޔަށް އަންނަން ދަޢުވަތު ދީފައެއްނު އެއޮތީ." އަރީން ބުންޏެވެ.

"އަދިވެސް އޭނާދެކެ ލޯބިވޭ ދޯ." ޝެހެނާޒު ހީނލިއެވެ.

"ހަނދާނެއްނުނެތުން..." ޚިޔާލުތައް އެހެން ދިމާއަކަށް އަނބުރާލެވިފައި އިނދެ އަރީން ބުނެލިއެވެ.

"އެކަމަކު ބުނަން... ވިސްނައިގެން އުޅޭތި، ތިހާވަރުގަ ހުރިއްޔާ އެ ފިރިހެނާކައިރީ އަރީނަށް ވެސް ނުހުރެވޭނެ މަޑަކުން، ފަވާދަށްވާނީ ކިހިނެއް؟." ޝެހެނާޒު ހިތުން އެކުވެރިޔާއަށް އޭނާ ދިނީ ނަސޭޙަތެކެވެ.

"ފަވާދުގެ ނުހުރޭ އެގޮތެއް، އެ އެކްސައިޓްމެންޓެއް..." މާޔޫސް ގޮތަކަށް އަރީން ބުނެލިއެވެ.

"އެކަމަކު އޭނާ ކިހާ ސްމާޓް، މިދުހަތަށްވުރެ އެންމެ ތަންފުކެއް ވެސް ހުތުރެއްނޫން... އެ ރީތިކަން ބޭނުންވެގެން އަރީން މެރީ ކުރީ." ޝެހެނާޒު ބުންޏެވެ.

"އޭރު އެކަންވީގޮތް އެނގޭނެ މީހަކީ ތީ... އެވެސް އޭނާއާ ހެދި ނިންމުނު ކަމެއް، މަށާ ވެސް އިންނާނޭ ރީތި މީހުން ވާނޭކަން." އަރީން ތުންކޮޅު ނެރިލިއެވެ.

"އޭރު އޭނާއާ ހެދި ނިންމި ނިންމުމަކަށް ވިޔަސް ފަވާދަކީ ކިހާ ހަރުދަނާ މީހެއް، އަރީނަށް އޭނާ ފުރިހަމަ މިނިކަން ދީފަ އޮންނަނީ، އިރުއިރުކޮޅާ ގުޅާ ކޮންތާކުތޯ ގެއަށް އަންނަނީ ކޮންއިރަކުތޯ ނުބަލައެއްނު، މުޅި ދުވަހު ހަތަރުދަމު ދަރީން ފޫބުޑު ލައިގެން އުޅޭކަށް ނުޖައްސުވާ، އަރީން އެދެފި ކޮންމެކަމެއް... މިހާ ދުވަސްވީއިރު އޭނާދެކެ ލޯތްބެއް ނުވެވުނުތަ؟"

"ނޭނގެ މަށަކަށް..." އަރީން ގަޔާނުވިއެވެ. ޚުދު އޭނާއަށް ވެސް ސާފުކޮށް ބޭނުންވާގޮތެއް ނޭނގޭ ކަހަލައެވެ.

"ތިހުރިހާކަމެއް ތިވަނީ މިދުހަތު ފެނުނު ފަހުން، ނޫންތަ؟ ކުރިއަކުން ތި ފޫހިކަމެއް ނުދެކެން." ޝެހެނާޒު ބުނީ ޔަގީންކަމާއެކުއެވެ.

"އެއްފަހަރު ވިޔަސް އެ ހޫނުކަން އިޙްސާސްކޮށްލަން ބޭނުންވަނީ ކީއްވެކަމެއް ނޭނގެ، ޝެހޭ... އައި ނޯ... މީ ރަނގަޅު ވިސްނުމެއްނޫންކަން، އެހެންވިޔަސް... އައި ކާންޓް ހެލްޕް އިޓް، އެ ދުވަސްތައް މަތިން މާބޮޑަށް ހަނދާންވަނީ، އޭނާ ނުބުންޏަސް އަހަރެންގެ ހިތް ބުނޭ، އަދިވެސް ސިންގަލްއޭ." އަރީންގެ ޖަޒުބާތުގެ އޮއެވަރު ބަދަލުވެލައިފިއެވެ.

* * * * *

ސްކޫލު ދޮށުގައި ކުޑަކުދީންނާއެކު ހަރަކާތްތެރިވާ ބެލެނިވެރިން އެހާމެ ގިނައެވެ. ކުޑަ އަންހެންކުއްޖެއްގެ އަތުގައި ހިފާލައިގެން ހުރިއިރު މަގުމައްޗަށް އޭނާއާއެކު ހުރި ބެލެނިވެރިޔާގެ ހުރިހާ ސަމާލުކަމެއް ދެވިފައި ވިއެވެ. ސައިކަލު މަތީ އިން ޒުވާނާ ފަހަތަށް ޖަހާލީ މަގަށް ސައިކަލު ނެރުމަށެވެ. އޭނާގެ ކުރީގައި ބެލްޓުގެ ހިމާޔަތުގައި އިން ކުޑަ ފިރިހެންކުއްޖާގެ ވާހަކައަށް ސަމާލުކަން ދެވިފައި ހުރިވަރުން ފަހަތުން މަގުގައި ހަރަކާތްތެރިވާ މީހުންނަށް ސަމާލުކަން ކުޑަވެފައި އިން ކަހަލައެވެ. އެވަގުތު އެ ކުޑަ އަންހެންކުއްޖާގެ ގައިގާ ހިފައި އެ އަންހެންމީހާގެ ގާތަށް ދަމާލީ އެ ސައިކަލުން ރެކިލުމަށެވެ. އެ ޒުވާނާ ބަލާލީ އަންހެނަކު ބަލައިގެންނޭ ބުނި އަޑަށެވެ. ބުރެކި ހިފާލުމާއެކު އޭނާ ބަލާލިއެވެ. ކައިރީ ހުރި އަންހެންކުއްޖާ ފެނި ހިނދުކޮޅަކަށް ބަސް ހުއްޓުނު ކަހަލައެވެ.

"ސާރާ..." ސައިކަލުގައި އިން ކުޑަ ފިރިހެންކުއްޖާ ގޮވާލިއެވެ. އެހިނދު އެ ކުޑަ އަންހެންކުއްޖާގެ ގާތުގައި ހުރި ހޫރެއްފަދަ ޒުވާން އަންހެންކުއްޖާގެ އަތަށް ދަމާލިއެވެ.

"ސޮރީ..."ލޯ ކުރިމަތިން އެ ރީތިކަން ގެއްލެން ނޭދި އިނދެ އެ ޒުވާނާ ބުނެލިއެވެ. އެއާއެކު އެ އަންހެން ކުއްޖާ ފަސްއެނބުރި ބަލާލާފައި ބޯޖަހާލީއެވެ. އެ ދެމައިން ވަކި ހިސާބަކަށް ދަންދެން އޭނާއަށް ސައިކަލު މަތީ އިނދެވުނެވެ.

"އެއީ ޒެންގެ ކުލާސް ކުއްޖެއްތަ؟" ސައިކަލު ދުއްވާލަމުން އަހާލީ ކުރީގައި އިން ދަރިފުޅުގެ ގާތުގައެވެ. އެ ސުވާލުގެ ޖަވާބަށްވުރެ އޭނާގެ ސަމާލުކަން ގުޅިފައިވީ ފެނުނު ޒުވާން މަންމައަށެވެ. އެވަރުގެ ދަރިއަކު ހުރެދާނޭކަމުގެ ލިސާނެއް ބުރުގާގެ ތެރެއިން ފެންނަން ހުރި މޫނުކޮޅުގައި އެއްގޮތަކަށް ވެސް ނުޖަހައެވެ. އެއީ މަންމަކަމާމެދު ވެސް އޭނާ ސުވާލު އުފެދުނެވެ.

"މިދުހަތު..." ސްކޫލް ދޮށުން އައިސް ގޭގެ ދޮރުމައްޗަށް ސައިކަލު މަޑުކޮށްލަންވީއިރު ދޮރޯށި ދޮށުގައި ހުރި ހާމީދާ ގޮވާލިއެވެ. ސައިކަލުން ދަރިފުޅު ބާލުވާފައި އޭނާ ދޮރޯށި ކުރިމަތީ މަޑުކޮށްލީ ދަރިފުޅު އެތެރެއަށް ވަދެގެން ދާ މަންޒަރު ބަލާށެވެ.

"ކޯޓުގެ ލިޔުންތައް ނުނަގައިން ރައުލާ އެވާހަކަދެއްކި." ހާމީދާ ވެސް ހުރީ ކުޑަކުޑަ ޒަޔާން އެތެރެއަށް ނުގޮސްގެން ކަހަލައެވެ.
"މާދަން ގެނެސްދޭނަން." ގިނަވާހަކަތަކެއް ދައްކަން މިދުހަތު ބޭނުންނުވެފައި އިން ކަހަލައެވެ. އިތުރު ވާހަކައެއް ހާމީދާ ދެއްކުމުގެ ކުރީން އޭނާ ސައިކަލު ދުއްވާލީއެވެ.

* * * * *

އަނުމް ގެންގޮސް ކުޑައެނދުގައި ބާއްވާފައި ކޮޓަރިން ނޯޔާ ނުކުތެވެ. އަދި މެންދުރު މަލްސާ ގޮވައިގެން އަސްލަން އަންނަން ވާއިރަށް ނޯޔާ ކާން ނަގަން ތައްޔާރުވެލިއެވެ. އޭރު އޭނާއަށް ވިސްނެނީ ސާރާ ބަލާ ދިއުމުން އާންޓީ ދެއްކި ވާހަކައެވެ. ކުދީންނާ ގުޅުން ބަދަހިކޮށް ވާހަކަދައްކާލެއް ސާރާ މަދީއެވެ. އެ އުމުރުގެ ކުދީންނާ ބަލާފައި ސާރާ މާމަޑުމަޑުން ހުންނަނީއެވެ. އާންޓީއާ ވެސް ވާހަކަދައްކަނީ ވަރަށް މަޑުންކަން ބުންޏެވެ. ގޭތެރޭގެ އުޅުން ކިހިނެއްތޯ އާންޓީ ނޯޔާއާ ސުވާލުކުރިއެވެ.

"މަންމައަށް އެހީއެއް ބޭނުންވޭ... ސާރާއަށް ކޮށްދެވޭނެތަ؟" ސޯފާގައި އިން ސާރާއަށް ގޮވާލާފައި ނޯޔާ އެއްސެވެ. އެކުއްޖާ ހަމައެކަނި ބޯޖަހާލީއެވެ.

"ބައްޕައާއި މަލްކޮ އަންނަން އުޅޭނެ... ތަށީގަ ބާރައް ހިފަހައްޓައްޗޭ، މި ގެންގޮސް މޭޒުމަތީ ބަހައްޓާލަދޭންވީ... ކޮންމެ ކުއްޖަކު ކާންއިންނަ ދިމާލުގަ."

ކާތަށިތަކުން ފަހަރަކު ތަށްޓެއް ސާރާއަށް ދިނެވެ. ނިކަން ބަލައިގެން ނޯޔާ އެދުނު ފަދައިން ކާމޭޒުމަތީ އެކުއްޖާ ތަށި އެތުރިއެވެ. އެކަން ކުރީ ފުރިހަމައަށްކަން ނޯޔާ ފާހަގަކޮށް ޝުކުރު އަދާކުރިއެވެ. ފަނޑު ނަމަވެސް ހިނިތުންވުމެއް ސާރާގެ ތުންފަތުގައި ވިއެވެ. މަލްސާ ފަދައިން ސާރާ ކަންކަމުގައި އިސްނަގައެއްނޫޅެއެވެ. އެހެންވިޔަސް ނޯޔާ އެދިފަނަމަ އެކަމެއް އެކުއްޖާ ކުރަނީ ފަރުވާތެރިކަމާއެކުއެވެ. އަސްލަން ބުނިހެން ސާރާއަކީ ބަސްއަހާ ކިޔަމަންތެރި ދަރިއެކެވެ.

"ނިމުނީނު ދޯ... ސޯފާގަ އިށީންނަމާ، ބައްޕަމެން އައިމަ ކާނީ." ސޯފާއާ ދިމާއަށް ދަމުން ކާމޭޒު ކައިރީ ހުރި ސާރާއަށް ނޯޔާ އިޝާރާތްކޮށްލިއެވެ. އިށީންއިރު ސާރާ އިށީނީ އާދައިގެމަތިން ނޯޔާއާ އެބަހައްޓާ ދުރުމިން ބަހައްޓާފައެވެ. ސްކޫލާމެދު ނޯޔާ ސުވާލު ކުރިއެވެ. އަންނައަހަރު ގްރޭޑު އެކަކަށް ސާރާ ދާނޭކަން ނޯޔާ ފާހަގަކުރިއެވެ. އޭރުން ބޮޑުކުއްޖަކަށްވީކަމުގައި ނޯޔާ ބުންޏެވެ.

"ކެރިއާ ޑޭ އަންނަނީނު، އާންޓީ ބުނި ސާރާ ނުބުނެޔޭ ކޮންކަހަލަ ކުއްޖަކަށްވާންކަމެއް ބޭނުންވަނީ، އާންޓީ ކައިރީ ނުބުންޏަސް މަންމަ ކައިރީ ބުނެބަލަ... ޓީޗަރެއްތަ؟، ޑަކްޓަރ ހެދުމެއްތަ؟، އޭރަޕްލޭންގަ އުޅޭ ކަހަލަ ކުއްޖަކައްތަ؟ ނޫނީ ކައްކާއެއްތަ؟" ނޯޔާ ފޫހިއްލާލުމެއްނެތި ސާރާއާ ކައިރިއަށް ޖެހިލިއެވެ. އެކުއްޖާ ނޭނގޭ ބުނާ ފަދަ ގޮތަކަށް ދެކޮނޑު އަރުވާލީއެވެ.

"ސާރާގެ އެކުވެރި ކުދީން ބޭނުންވަނީ ކޮންކަހަލަ މީހަކަށްވާން؟" ނޯޔާ ބޭނުންވީ ސާރާ ލައްވާ ވާހަކަދައްކުވާށެވެ.

"ލޫލު ކައްކާ ހެދުމެއްލާނޭ ބުނީ... ލޫލު އެކަނި ފްރެންޑްވާނީ..." ވާހަކަ ނުދައްކަން އިނދެފައި ވެސް ސާރާ މަޑުމަޑުން ބުނެލިއެވެ.

"އެއްދުވަހު މަންމައަށްވާނެ ލޫލު ދައްކާލަން އިނގޭ." ނޯޔާ ބުންޏެވެ.

"ކީއްވެ މަންމަ ކިޔަނީ؟ ތީ ސާރާގެ މަމީއެއްނޫނެއްނު، ސާރާއަށް އެނގޭ މަމީއެއް ނުހުންނާނެކަން... މަމީ މަރުވީއެއްނު... މާމަ ބުނި މަރުވާކުދިން ދެން ނާންނާނެއޭ." ހިމޭނުން އިނދެފައި ސާރާ ދެއްކި ވާހަކަތަކުން ނޯޔާގެ މޫނުގައިވި ހިނިތުންވުން ފަނޑުވެގެންދިޔައެވެ. އެކުޑަކުޑަ ސިކުނޑީގައި ފޮރުވަމުން އަންނަނީ ކޮންކޮން ޚިޔާލެއް ކަމެއްވެސް ނޯޔާއަށް ދެނެގަންނާކަށް އެއްގޮތަކަށް ވެސް ނޭނގެއެވެ.

(ނުނިމޭ)