ދުނިޔެ

ޕާކިސްތާނަށް އިންޑިއާ ކަފަ އިމްޕޯޓްކުރާނެ

އިސްލާމްއާބާދު (28 ފެބްރުއަރީ) -- ކަޝްމީރު ބައިކުރާ ސަރަހައްދުގައި ހަމަލާ ބަދަލު ކުރުން ހުއްޓާލަން ޕާކިސްތާނާ އިންޑިއާ އެއްބަސްވެ މަޝްވަރާ ކުރަން ފެށި ޚަބަރަށް ވިޔަފާރިވެރިން ދަތުރު ހަދަން ފަށައިފި އެވެ. ޕާކިސްތާނުން ބުނީ އިންޑިއާއިން އެއްގަމު މަގުން ކަފަ އެތެރެ ކުރުމަށް ވިޔަފާރިވެރިންނަށް ހުއްދަ ދޭން ވިސްނަމުން އަންނަ ކަމަށެވެ.

ވިޔަފާރިއާ ގުޅުން ހުރި މުއާމަލާތްތަކުގައި ބޮޑުވަޒީރަށް އިރުޝާދު ދެއްވާ އަބުދުލް ރައްޒާގް ދާވޫދު ވިދާޅުވީ ޕާކިސްތާނަށް ބޭނުންވާ ކަފަ އިންޑިއާއިން އިމްޕޯޓް ކުރަން ޝައުގުވެރިވެ ވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ އެ ވާހަކަ ބޮޑުވަޒީރަށް ދަންނަވާފައި ވާނެ ކަމަށެވެ.

އިންޑިއާއިން ކަފަ އެތެރެ ކުރުމަށްޓަކައި ކެބިނެޓަށް ހުށަހެޅުމަށް ކަރުދާސް ތައްޔާރު ކުރަމުން އަންނަ ކަމަށް ވެސް ދާވޫދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ބޮޑުވަޒީރު އިމްރާންއާ ކެބިނެޓްގެ ރުހުން ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޖަންމޫއާ ކަޝްމީރު މައްސަލާގައި ޕާކިސްތާނުން ވަނީ ވިޔަފާރިގައި އިންޑިއާއަށް ބަރޯސާ ކުރުން މެދުކަނޑާލާފަ އެވެ. އެހެން ނަމަވެސް، މަޝްރަހު ފިނިވުމާއެކު ވިޔަފާރި މުއާމަލާތްތައް ފެށުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.

ޕާކިސްތާނަށް އެހެން ގައުމަކުން ކަފަ އެތެރެކުރުމަކީ އެ ގައުމުގައި ކަފަ އުފައްދާ މީހުން ރުހޭ ކަމެއް ނޫނެވެ. އެއީ ވަގުތީ މަންފާއެއްގެ ދަހިވެތިކަމުގަ އެވެ. އެެހެން ނަމަވެސް، ދާވޫދު ވިދާޅުވީ ޕާކިސްތާނަށް ބޭނުންވާ ވަރަށް ކަފަ ނުއުފެއްދޭ ކަމަށެވެ.

އިންޑިއާ ނޫން ގައުމުތަކުން ވެސް ޕާކިސްތާނަށް ކަފަ ލިބެން ހުރި ކަމަށް އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް، ހުރިހާ މާނައެއްގައި ވެސް އެންމެ ރަނގަޅު ގޮތަކީ އިންޑިއާއިން ކަފަ އެތެރެ ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އަގުހެޔޮ ވުމާއި ލިބުން އަވަސް ވާނެތީ އެވެ.