މޯލްޑިވިއަންގެ ބޮޑު ބޯޓު މިމަހުގެ 20 ވަނަ ދުވަހު މާލެ އަންނާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.
ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސު މިއަދު ވިދާޅުވީ ބޯޓު ގެނައުމުގެ މަސައްކަތް ކުރަނީ ދިވެހި އިންޖިނޭރުންނާއި ކެޕްޓަނުން ކަމަށެވެ. ބޯޓު ރާއްޖެ އައުމަށް ދަތުރު ފަށާނީ 19 ވަނަ ދުވަހު އެވެ.
"ބޯޓު އަންނަނީ ސްޕެއިނުން. ގާތްގަނޑަކަށް 10 ގަޑިއިރު މާލެއަށް ބޯޓު ފޯރާނެ،" ހާރިސު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިމަހުގެ 20 ވަނަ ދުވަހު ބޯޓު ގެނައުމަށް ނިންމާފައިވީ ނަމަވެސް ބައެއް ސަބަބުތަކާ ހުރެ އެއް ދުވަސްވަރު ލަސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މޯލްޑިވިއަން އިން މިފަހަރު ގެންނަނީ އެއާބަސް އޭ- 321 ބޯޓެކެވެ. މި ބޯޓަކީ 200 ގޮނޑީގެ ބޯޓެކެވެ.
ހާރިސް ވިދާޅުވީ މި ބޯޓު ހާއްސަ ކުރާނީ ޗައިނާގެ ޒިޔާން އާއި ޗަންޝާ އަދި ނަންޖިންގް ސިޓީ އަށް ދަތުރުތައް ފެށުމަށްކަމަށެވެ.
މޯލްޑިވިއަން އިން ބުނީ މި ދަތުރުތައް ފެށުމުން ރާއްޖެއަށް ހަފުތާއަކު 600 ޓޫރިސްޓުން ގެނެވޭނެ ކަމަށެވެ.
މޯލްޑިވިއަންގެ ފްލީޓްގައި މިހާރު ބޭނުންކުރާ އެންމެ ބޮޑު ބޯޓަކީ 152 ގޮނޑީގެ އެއާބަސް އޭ320 ބޯޓެކެވެ. މި ފަހަރު ގެންނަ އެއާބަސް އޭ- 321 ބޯޓަކީ ދުރު ދަތުރުތަކުގައި ބޭނުން ކުުރުމަށް އެންމެ އެކށީގެންވާ ބޯޓެކެވެ.
ގައުމީ އެއާލައިނުން މިހާރު ޗައިނާ އާއި ޑާކާ އަދި އިންޑިއާގެ ޗެންނާއި އަދި އިންޑިއާގެ ޓްރިވެންޑްރަމްއަށް ވެސް ދަތުރު ކުރެ އެވެ. އަދި މޯލްޑިވިއަން އިން ވަނީ ސީޕްލޭން ދަތުރުތައް ވެސް ފަށާފަ އެވެ.