ދުނިޔެ

މިސްރު ނޫސްވެރިޔާ ގައުމަށް ފޭބިތަނުން ގެއްލިއްޖެ

މިސްރު ނޫސްވެރިޔާ ޖަމާލް އަލް ޖަމްލް ފެބްރުއަރީ 22 ގައި ތުރުކީގެ އިންތަންބޫލް އެއާޕޯޓުން ފުރައިގެން ދަތުރުކޮށްފައި ގޮސް މިސްރުގެ ކައިރޯ އިންޓަނޭޝަނަލް އެއާޕޯޓަށް ފޭބިތަނުން ގެއްލިއްޖެ އެވެ.

ޖަމާލްއަކީ މިސްރު ސަރުކާރަށް ފާޑުކިޔައި ލިޔާ މީހެކެވެ. އޭނާ މަޝްހޫރުވެފައި ވަނީ ވެސް ސިޔާސީ މީހުންނާބެހޭ ގޮތުން ލިޔާ މީހެއް ގޮތުގަ އެވެ. އޭނާގެ ދަރިފުޅު ބުނީ ބައްޕަ ވީތަން ބުނެދޭން ނޭނގޭ ކަމަށެވެ.

ޖަމާލްގެ ދަރިފުޅު ބަހާ އަލް ޖަމްލް ފޭސްބުކްގައި ބުނެފައި ވަނީ ބައްޕަ ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައި ކަމަށާއި ގައުމަށް އައީ ވަރަށް އަންނަ ހިތުން ކަމަށެވެ. އަދި ކައިރޯ އިންޓަނޭޝަނަލް އެއާޕޯޓަށް ބައްޕަ ފޭބި ފަހުން ވީގޮތް މިއުޅެނީ ނޭނގިގެން ކަމަށެވެ.

ޖަމާލަކީ މިސްރު ނޫސްތަކަށް ލިޔުނު ނޫސްވެރިއެކެވެ. އޭނާ 2014 ގައި "އަލް މަސްރީ އަލް ޔައުމް" ކިޔާ މިސްރު ނޫކަށް ލިޔުނު ކޮލަމެއް ވަރަށް ބޮޑަށް ހޫނު ވެގެން ދިއަ އެވެ. އެ ކޮލަމްގައި އޭނާ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި އާންމުން ލޭ ކައްކުވާލާފަ އެވެ. އެކަމާ ގުޅިގެން ބުނެވޭ ގޮތުގައި މިސްރުގެ ރައީސް، އަބްދުލް ފައްތާހް އަލް ސީސީ ވެސް ޖަމާލްއަށް ފޯނު ކުރައްވާ އިންޒާރު ދެއްވި އެވެ.

ޖަމާލް އެއަށް ފަހު އުޅެނީ އަމިއްލަ އިޚްތިޔާރުގައި ގައުމުން ބޭރަށް އަރުވާލެވިގެންނެވެ.

ޖަމާލްއާ މެދު މީޑިއާ ރިޕޯޓްތައް ބުނަނީ އޭނާއަށް ދެ އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކަމަށެވެ. އެއީ ސަރުކާރާށާއި ޖުޑިޝަރީއަށް ބަދު ބަސް ބުނެގެންނެވެ. އެހެން ކަމުން ބެލެވެނީ އެއާޕޯޓުން ސުވާލު ކުރުމަށް ފަހު ހައްޔަރަށް ޓޯރާ ޖަލަށް ގެންދިއައީ ކަމަށެވެ.