ބޮލީވުޑް

ބޮލީވުޑުން މިއަހަރު މުޅިން އާ ޖޯޑުތަކެއް ފެންނާނެ

ވަރަށް ތާޒާ އާ ޖޯޑު ތަކެއް މި އަހަރު ރިލިޒްކުރާ ބޮލީވުޑް ފިލްމުތަކުން ފެންނާނެ އެވެ. ފާއިތުވީ 2020 ވަރަށް ފެން ގޮތަކަށް ފާއިތުވެގެން ދިއުމަށްފަހު 2021 އަށް ފިލްމު އިންޑަސްޓްރީ ވަނީ ވަރަށް ފުރިހަމައަށް ތައްޔާޜުވެފަ އެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި ވަރަށް ރީތި ގިނަ ފިލްމުތަކެއް ސިނަމާތަކުގައި ރިލީޒްކުރާނެ ތާރީޚުތައް ވެސް މިހާރު ދަނީ އިއުލާން ކުރަމުންނެވެ.

ކާސްޓިން ޑައިރެކްޓަރު މުކޭޝް ޗަބްރާ ބުނި ގޮތުގައި ވަރަށް ތަފާތު އާ ޖޯޑުތަކެއް މި އަހަރު ނުކުންނަ ފިލްމުތަކުން ފިލްމު ބަލާ މީހުންނަށް ތައާރަފް ވާނެ އެވެ.

"މިހާރު ގިނަ ބަޔަކު ބަލަން ބޭނުންވަނީ އެހެންޏާ ނުބަލާ ކަހަލަ ތަފާތު އެއްޗެއް. އެހެންވީމާ އެކްޓަރުންގެ ޖޯޑުތައް ވެސް ފިލްމުތަކުގެ ރިޕީޓްކުރުމުގެ ބަދަލުގައި އާ ޖޯޑުތަކަށް ފުރުސަތު ދިނީމަ ފިލްމު ބަލާ މީހުންގެ ޝައުގުވެރިކަން އިތުރުވޭ. އަދި ފިލްމަށް އާރޯ ކަމެއް ލިބިގެންދޭ،" ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މިހާރު މަސައްކަތްކުރާ މުކޭޝް ބުންޏެވެ.

މިއަހަރު ނުކުންނަ ފިލްމުތަކުން ފެންނާނެ އާ ޖޯޑު ތަކުގެ ތެރޭގައި އަޔުޝްމާން ކުރާނާ އާއި ވާނީ ކަޕޫރު ހިމެނެ އެވެ. މި ދެ ތަރިން އެކުގައި ކުޅެފައިވަނީ ރޮމެންޓިކް ޑްރާމާއެއް ކަމަށްވާ "ޗަންދީގަޅް ކަރޭ އާޝިގީ" އެވެ. މިއީ އަބީޝެކް ކަޕޫރު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

"އަތުރަންގީ ރޭ"ގެ ތަރިން ކަމަށްވާ އަކްޝޭ ކުމާރާއި ސާރާ އަލީ ޚާން އަކީ ވެސް މުޅިން އަލަށް އެކުގައި ފިލްމު ކުޅޭ ޖޯޑެކެވެ. ހިމަންޝޫ ޝަރުމާ ލިޔެފައިވާ ވާހަކައަކަށް މި ފިލްމު ޑައިރެކްޓްކުރަނީ އާނަންދު އެލް. ރާއީ އެވެ.
ރާޖްކުމާރު ރާއޯ އާއި ޖާންވީ ކަޕޫރަކީ ވެސް މި އަހަރު ފެންނާނެ މުޅިން ތަފާތު ޖޯޑެކެވެ. މި ދެ ތަރިން އެކުގައި ކުޅެނީ ހޮރޯ ކޮމެޑީ ފިލްމެއް ކަމަށްވާ "ރޫހީ" އެވެ. މި ފިލްމު ޑައިރެކްޓްކުރަނީ ހާރްދިކް މެހެތާ އެވެ.

ރާޖްކުމާރު ރާއޯ އާއި ބޫމީ ޕެޑްނޭކަރްގެ ފިލްމެއް ވެސް މިއަހަރު ރިލީޒްކުރާނެ އެވެ. މިއީ ވެސް ކުރިން އެއްވެސް ފިލްމަކުން ފެނިފައިވާ ޖޯޑެއް ނޫނެވެ. މި ދެ ތަރިން އެކުގައި ކުޅެނީ ސޯޝަލް ކޮމެޑީ ޑްރާމާ "ބަދާއީ ދޯ" އެވެ. މިއީ "ބަދާއީ ހޯ" ފްރެންޗައިސްގެ ދެ ވަނަ ފިލްމެވެ. ހަރްޝްވަރްދަން ކުލްކަރްނީ ޑައިރެކްޓްކުރާ މި ފިލްމު ވަރަށް އަވަހަށް ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ.

ސިދާރްތު މަލްހޯތުރާ އާއި ކިއާރާ އަދުވާނީގެ ހަގީގީ ލޯބީގެ ވާޙަކައަކީ މިހާރު ގިނަ ބަޔަކު ދައްކަމުންދާ ވާޙަކަ އެކެވެ. މި ދެ ތަރިން މީޑިއާގައި އެއްބަސް ނުވިޔަސް އެމީހުން އުޅޭ ގޮތުން ރައްޓެހިވެގެން އުޅޭކަން ޔަގީން ވެއެވެ. މިހާތަނަށް ކިއާރާ އާއި ސިދާރްތު އެއް ފިލްމަކުން ފެނިފައި ނެތަސް ދެ ތަރިން އެކުގައި "ޝޭރްޝާހް" ކިޔާ ފިލްމެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިއީ ކާރްގިލް ހަނގުރާމައިގައި މަރުވި ކެޕްޓަން ވިކްރަމް ބަޓްރާގެ ހަގީގީ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމެކެވެ.