ބޮލީވުޑް

އަޔުޝްމާން އަންހެނުންގެ ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި

އަޔުޝްމާން ކުރާނާ އަކީ ވަރަށް ޔުނީކް ވާހަކަތަކުގެ މައްޗަށް ތައްޔާރުކުރާ ފިލްމުތައް ކުޅުމަށް މަޝްހޫރު އެކްޓަރެކެވެ. އޭނާގެ ފިލްމުތަކަކީ ކުޑަ ބަޖެޓަކުން އުފައްދާފައިވާ ފިލްމުތަކަށް ވިޔަސް ފިލްމުގެ ވާހަކަތައް މޮޅުވެފައި އެ ވާހަކަ ހުށަހަޅައިދީފައި ހުންނަލެއް ފުރިހަމަކަމުން އޭނާގެ ފިލްމުތައް އަބަދުވެސް ބެލުންތެރިންގެ މެދުގައި ވަރަށް މަގްބޫލެވެ.

މިހާތަނަށް އަޔުޝްމާން ކުޅުނު ގިނަ ފިލްމުތަކަށް ލިބިފައިވާ ބޮޑު ކާމިޔާބުގެ އަސްލަކީ އެ ފިލްމުތައް ތަފާތުވެފައި މޮޅުވުމެވެ.

މިހާރު އަނެއްކާވެސް އަޔުޝްމާންގެ އާ ފިލްމެއް ވަނީ ރިލީޒްވުމަށް ތައްޔާރުވެފަ އެވެ. އެއީ "ޑޮކްޓަރު ޖީ" އެވެ.

މި ފިލްމުގައި އަޔުޝްމާން ކުޅެފައިވަނީ ގައިނެކޮލޮޖިސްޓް ނުވަތަ އަންހެނުންގެ ޚާއްސަ ޑޮކްޓަރެއްގެ ރޯލެވެ. މިއީ ވެސް ވަރަށް ހާއްސަ މައުލޫއަކަށް ވާތީ ފިލްމު އިއުލާން ކުރީއްސުރެ ފޭނުން މި ފިލްމު ރިލީޒްކުރާނެ ދުވަހަކަށް ދަނީ އިންތިޒާރު ކުރަމުންނެވެ.

މި ފިލްމުގެ ބަތަލާއަކީ ރަކުލް ޕްރީތު ސިންގް އެވެ. ރަކުލް ބުނި ގޮތުގައި މި ފިލްމު ބަލާ ކޮންމެ މީހަކަށް ވެސް އެއީ ޚުދް އެމީހާގެ ހަޔާތުގެ ވާހަކައޭ ހީވާނެ އެވެ. ސަބަބަކީ ޓީންއޭޖް ދުވަސްވަރު ޚުދް އޭނާ ވެސް ފިރިހެން ގައިނެކޮލޮޖިސްޓުންނަށް ދައްކަން ވަރަށް ލަދުގަނެ އެވެ.

ފިލްމުގެ ޓްރެއިލާގައި ވެސް ދައްކަނީ މިގޮތަށް ފިރިހެން ގައިނެކޮލޮޖިސްޓުންނަށް ދައްކަން ފަސް ޖެހޭ އަންހެނުންގެ ވާހަކަ އެވެ.

އިންޑިއާގެ ގައިނެކޮލޮޖިސްޓުންގެ ތެރޭގައި ފިރިހެން ޑޮކްޓަރުން ވަރަށް ގިނަ އެވެ. ޚާއްސަކޮށް އެންމެ މޮޅުކަމަށް މަޝްހޫރު ގިނަ ގައިނެކޮލޮޖިސްޓުންނަކީ ފިރިހެނުންނެވެ. މި ޑޮކްޓަރުން ކިތަންމެ މޮޅަސް އެމީހުންނަށް ދައްކަން ފަސް ޖެހޭ މީހުން ވެސް ގިނަ އެވެ. މި ފިލްމު ބިނާކޮށްފައިވަނީ މި ނާޒުކު މައުލޫ އަށެވެ.

އަޔުޝްމާންގެ ގިނަ ފިލްމުތަކަށް ސެންސަރު ބޯޑުން "ޔޫ" ސެޓްފިކެޓް ލިބުނަސް "ޑޮކްޓަރު ޖީ" އަށް ލިބުނީ "އޭ" ސެޓްފިކެޓް އެކެވެ. މިއީ ފިލްމުގައި ދައްކާ ކަންތައްތަކުގެ ސަބަބުން ކުޑަކުދިން ބެލުން އެހާ އެކަށީގެން ނުވާތީ ކަމަށް ލަފާ ކުރެވެ އެވެ.

އޮކްޓޯބަރު 14 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ "ޑޮކްޓަރު ޖީ"ގައި އަޔުޝްމާނާއި ރަކުލްގެ އިތުރުން ޝިފާލީ ޝާޙް ވެސް މުހިއްމު ރޯލެއް ކުޅެފައިވެ އެވެ.