ބޮލީވުޑް

ތޭޖާސްވީ ބޮލީވުޑަށް ނުކުންނާނީ އަޔުޝްމާނާއެކު

ޓީވީ ބަތަލާއިންނަށް ބޮލީވުޑް ފިލްމުތައް ކުޅެން ލިބެނީ ވަރަށް މަސައްކަތުންނެވެ. ނަމަވެސް ތޭޖާސްވީ ޕްރަކާޝް އަށް މާ ބުރަ މަސައްކަތެއް ނުކޮށް ހިންދީ ފިލްމު ކުޅޭނެ ފުރުސަތު ލިބިއްޖެކަމަށް ބޮލީވުޑް ޚަބަރުތައް ބުނެ އެވެ.

އެކްތާ ކަޕޫރުގެ "ނާގިން 6"ގެ ބަތަލާ ތޭޖާސްވީ ބޮލީވުޑަށް ނުކުންނަން ހަމަޖެހިފައި ވަނީ އަޔޫޝްމާން ކުރާނާ ބަތަލުގެ ބައި ކުޅޭ "ޑްރީމް ގާލް 2"އިން ކަމަށް ވެއެވެ.

އެކްތާ ކަޕޫރު ޕްރޮޑިއުސްކުރި "ރާގިނީ އެމްއެމްއެސް" ކުޅުމުގެ ފުރުސަތު ވެސް ތޭޖާސްވީ އަށް ލިބުނު ކަމަށް ވެއެވެ. ނަމަވެސް އެ ފިލްމާ ގުޅޭ ގޮތުން ދެކެވޭ ނޭދެވޭ ވާހަކަތަކާ ހެދި އޭނާ އެ ފިލްމު ގަބޫލު ނުކުރީ އެވެ.

"ޑްރީމް ގާލް 2"އަށް ތޭޖާސްވީ އޮޑިޝަން ދީފައިވާ ކަމަށާއި އޭނާ ހޮވޭނެ ކަމުގެ ވަރަށް ބޮޑު ޔަގިންކަމެއް އޮތްކަމަށް ވެސް މި ޚަބަރުގައި ބުނެފައި ވެއެވެ.

"ނާގިން 6"ގެ އިތުރުން ތޭޖާސްވީ މަޝްހޫރުވީ "ބިގް ބޮސް" ގެ އެންމެ ފަހު ސީޒަންގައި ބައިވެރިވި އޭނާ ދެއްކި ޕާފޯމަންސުންނެވެ. އަދި ބިގް ބޮސްގެ ގޭގައި ތިބި ދުވަސްވަރު ޓީވީ އެކްޓަރު ކަރަން ކުންދްރާ އާއި އޭނާގެ މެދުގައި އުފެދުނު ލޯބީގެ ސަބަބުންނެވެ.
ކަރަން އާއި ތޭޖާސްވީގެ ލޯބީގެ ގުޅުން އަދިވެސް ދެމި އެބައޮތެވެ. އަދި ދެ މީހުން ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭކަމުގެ ޚަބަރުތައް ވެސް ދޭތެރެ ދޭތެރެއިން އިވެ އެވެ.