ބޮލީވުޑް

"އެން އެކްޝަން ހީރޯ" ބަލަން ސިނަމާއަށް ނުދެވުނީމަ ފޭނުން ދެރަވެއްޖެ

އަޔުޝްމާން ކުރާނާ އާއި ޖައިދީޕް އަހްލާވަތުގެ "އެން އެކްޝަން ހީރޯ" މިހާރު ވަނީ ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށާފައިވާއިރު ބޮޑު ސްކްރީނުން ފިލްމު ނުބެލުނީތީ ދެރަވާ ކަމަށް ފޭނުން ބުނަން ފަށައިފި އެވެ.

އަނިރުދް އައްޔަރް ޑައިރެކްޓްކޮށްފައިވާ މި އެކްޝަން-ކޮމެޑީ ތުރިލާ ޑިސެމްބަރު ދެވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރި ނަމަވެސް ފިލްމު ބަލަން ސިނަމާތަކަށް އެހާ ގިނަ މީހުންނެއް ނުވަނެވެ. ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ނާކާމިޔާބެއް ކުރިމަތިވިޔަސް ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފެށުމުން ފިލްމު ބެލި ގިނަ މީހުންވަނީ ފިލްމު ވަރަށް މޮޅުކަމަށް ބުނެފަ އެވެ.

"ނެޓްފްލިކްސް އިން 'އެން އެކްޝަން ހީރޯ' ބަލައިފިން. މިހާރު ދެރަވޭ ސިނަމާއަށް ފިލްމު ބަލަން ނުދެވުނީތީ. ސޮރީ އަޔޫޝްމާން ބާއީ. މިއީ 2022ގައި ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ފިލްމުގެ މޮޅުކަން ގިނަ ބަޔަކަށް ފާހަގަ ނުކުރެވި ދިޔަ ފިލްމެއް،" ފިލްމު ބަލާފައި ކޮމެންޓުކުރި މީހަކު ޓުވިޓާގައި ލިޔެފައި ވެއެވެ.

އެހެން މީހަކު ލިޔެފައިވާ ގޮތުގައި ނެޓްފްލިކްސް އިން ފިލްމު ބަލާފައި މީހުން ތައުރީފުކުރާތީ އޭނާ ވެސް ވަރަށް އުފާވެއްޖެ އެވެ. ނަމަވެސް ތިއޭޓަރަށް ގޮސް ފިލްމު ބަލާ ނުލެވުނީތީ ހިތާމަ ކުރެ އެވެ.

އަޔުޝްމާން އަށް ތައުރީފުކުރަމުން މީހަކު ލިޔެފައިވާ ގޮތުގައި އޭނާގެ އެހެން ފިލްމުތަކެކޭ އެއްގޮތަށް މި ފިލްމަކީ ވެސް ވަރަށް މޮޅު ފިލްމެކެވެ.

"އަހަރެން ވެސް 'އެން އެކްޝަން ހީރޯ' ނެޓްފްލިކްސް އިން ބަލާލައިފިން. ވަރަށް ފައްކާ ފިލްމެއް. މިއީ އަޔޫޝްމާން އެކަންޏެއް ނޫން، މިހާތަނަށް ބޮލީވުޑުން ވެސް އުފައްދާފައި ނުވާ ވަރުގެ މޮޅު ފިލްމެއް. ސިނަމާއަށް ލޯބިކުރާ މީހުން ކޮންމެހެން ބަލާލަން މުހިއްމު ފިލްމެއް. ޑައިރެކްޓަރު އަނިރުދު އައްޔަރްގެ މަސައްކަތް ވަރަށް މޮޅު. ވަރަށް ތަފާތު ތަޖުރިބާއެއް މީ،" ނޭޕާލް މީހަކު ކުރި ކޮމެންޓެއްގައި ވެއެވެ.